އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރަށްޖެއްސި ނަމަވެސް އަލުން ހަމަލާއެއް ދީފާނެ: އީރާން
7 ނޮވެމްބަރު 2026 | ހޮނިހިރު 03:52އެމެރިކާއިން އަލުން ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާއިރު، އެ ފަދަ ކޮންމެ އަމަލަކަށް ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފި. މި ގޮތުން ސަރަހައްދުން ބޭރުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރުމުގެ ގާބިލުކަން ހުރި ކަމަށާއި، ހުރްމުޒް ކަނޑުއޮޅި އަދިވެސް އޮތީ އީރާނުގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައި ކަމަށް އެ ޤައުމުން ބުނޭ. ދެ ޤައުމުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތައް ކުރިއަށްދާކަން ޤަޠަރުން ވަނީ ކަށަވަރުކޮށްދީފައި


އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކާއި، ގިނަ އަދަދެއްގެ މަނަވަރު ހިމެނޭ ސްޓްރައިކް ގުރޫޕެއް ޢަރަބި ކަނޑުން ދަތުރު ކުރަނީ | ސެންޓްކޮމް
އީރާނުގެ ސަރަހައްދުން އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެމެރިކާއިން އަނެއްކާ ވެސް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އެ ޤައުމުން ދީފައިވާ ކަމަށް އީރާނުގެ އައިއެސްއޭއެން ނޫސް އޭޖެންސީން ރިޕޯޓުކޮށްފި އެވެ.
އެމެރިކާއިން އަލުން އަސްކަރީ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ނައްތައިނުލެވޭނެ ކަމަށާއި، ވޮޝިންގޓަނަށް ކުރިމަތިވެފައިވާ ސިޔާސީ ދަތިތަކުގެ ސަބަބުން އަނެއްކާ ވެސް ހަމަލާއެއް ދިނުމަށް އެ ޤައުމުން އިސްނަގާފާނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އަކްރަމީނިޔާ ވިދާޅުވި އެވެ.
އެމެރިކާއިން ދޭ ކޮންމެ އައު ހަމަލާއަކަށް ވެސް އީރާނުގެ ސަލާމަތީ ބާރުތަކުން ވަރުގަދަ އަދި ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވަމުން، އެ ޤައުމުގެ އެންމެ މަތީ ވެރިޔާގެ އިރުޝާދާ އެއްގޮތަށް އެ ފަދަ ކޮންމެ ހަމަލާއަކަށް ދޭ ރައްދު ވާންޖެހޭނީ އެއްވެސް ޖޯގްރަފީ ހުރަހެއް ނެތި، ވަގުތުން އަދި ނަތީޖާ ނެރެވޭ ގޮތަށް ދެވޭ ރައްދަކަށް ކަމަށް އަކްރަމީނިޔާ ފާހަގަކުރެއްވި އެވެ.
މި ގޮތުން، ހުޅަނގު އޭޝިއާ އަދި ގަލްފު ސަރަހައްދުން ބޭރުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަސްލަހަތުތަކަކީ ވެސް އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ އަމާޒުފަތްގަނޑުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށާއި، އަލުން ހަމަލާއެއް ދީފިނަމަ އެ ތަންތަނަށް ވެސް އަމާޒުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަމިއާއެކު، ހުރްމުޒް ކަނޑުއޮޅި އަދިވެސް އޮތީ އީރާނުގެ އިސްތިރާޖީ ކޮންޓުރޯލުގެ ދަށުގައި ކަމަށާއި، އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވަނީސް އެ ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށް ވިދާޅުވެ، ޤައުމު ދިފާޢުކުރުމަށް އީރާނުގެ އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.
މި ހަމަނުޖެހުން ފެށިގެން ދިޔައީ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން ކަމަށްވާއިރު، އެޕްރީލު މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ޖޫން މަހު އިބުތިދާއީ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އޭގެ އެއްވެސް މަންފާއެއް ނުކޮށް މި މައްސަލަ އަދިވެސް އޮތީ ހައްލުނުވެ އެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތައް ކުރިއަށްދާ ކަން، ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤަޠަރުން ޔަގީންކޮށްދެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











