އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
9 ނޮވެމްބަރު 2026 | ހޯމަ 08:04އީރާނަށް ހަމަލާދިނުމާއި ތެލުގެ އަގު އުފުލުމުގެ އިތުރުން އިސްރާއީލާމެދު އޮތް ނުރުހުމަކީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީގެ ސަބަބުތައް ކަމަށް ރައީސް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވައިފި. ނަމަވެސް، އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށް އެޅި ފިޔަވަޅުތައް ދިފާޢުކުރައްވައި، މަސްރަހު އިތުރަށް ގޯސްކުރަން ބޭނުންފުޅުނުވާ ކަމަށް ވެސް ވިދާޅުވި


އެމެރިކާގެ އެންކަރޭޖުގެ ވޯޓުލާ މަރުކަޒެއްގައި އިންތިޚާބީ ދެ އޮފިޝަލުން މަސައްކަތް ކުރަނީ | ނިއުޔޯކް ޓައިމްސް
ނިމިދިޔަ ހަފުތާގައި އެމެރިކާގައި ބޭއްވި މިޑްޓަރމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބުތަކަކީ ޔަހޫދީ އިސްރާއީލާމެދު އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި އޮތް "ބޮޑު ނުރުހުމަކާއި"، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާ މެދު އޮތް ދެކޮޅުވެރިކަމުގެ އިތުރުން ތެލުގެ އަގު އުފުލިގެން ދިއުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ނިމިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި މި އިންތިޚާބުގައި ޤާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ސެނެޓުގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވާއިރު، މިއީ ޓްރަމްޕުގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ސިޔާސީ ހީނަރުކަމެކެވެ.
ޚާއްސަކޮށް ތެލުގެ އަގު މައްޗަށް ދިއުމާއެކު، އީރާނުގެ ހަނގުރާމައިގެ ސަބަބުން ސިޔާސީ ގޮތުން ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި އެވެ. "އެ މީހުން ހަނގުރާމައެއް ބޭނުމެއް ނުވި. އަދި ތެލުގެ އަގު އުފުލިގެން ދިޔުމަކަށް ވެސް އެ މީހުން ރުހުމެއް ނުދިން،" ކަމަށް ވިދާޅުވެ، ރައްޔިތުންގެ ވިސްނުން ހުރި ގޮތް ޓްރަމްޕް ސިފަކުރެއްވި އެވެ.
އިސްރާއީލާމެދު އޮތް ނުރުހުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، "ޤަބޫލުކުރަން ދަތި މިންވަރަކަށް، އިސްރާއީލާމެދު ވަރަށް ބޮޑު ނުރުހުމެއް އެބައޮތް. އިސްރާއީލާ ދެކޮޅު ވިސްނުމެއް އޮތް ކަމަށް ފެންނަނީ. އެހެންކަމުން އެ ކަމާއި، ހަނގުރާމައިގެ ހަގީގަތާއި، ތެލުގެ އަގުތަކަކީ މައިގަނޑު ސަބަބުތައް ކަމަށް އަޅުގަނޑު ދެކެން،" ޓްރަމްޕް ފާހަގަކުރެއްވި އެވެ.
އީރާނަށް ދިން ހަމަލާތަކުގެ ދިފާޢު
ހަނގުރާމައިގެ ސަބަބުން ސިޔާސީ ގޮތުން ބޮޑެތި އަގުތަކެއް ދައްކަން ޖެހުނު ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް، އަލުން އެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް ނިންމަވާނީ ހަމަ އެ ނިންމެވުން ކަމަށް ވިދާޅުވެ، އީރާނަށް ހަމަލާދެއްވަން ނިންމެވި ނިންމެވުން ޓްރަމްޕް ދިފާޢުކުރެއްވި އެވެ.
"އަޅުގަނޑުގެ ޖަވާބަކީ ސާފުކޮށް 'އާނއެކޭ'. އެއީ، އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ދެވެން ނޯންނާނެތީ،" ޓްރަމްޕް ވިދާޅުވި އެވެ. މިއާއެކު، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާ ނުދިން ނަމަ، މިއަދު ޔަހޫދީ އިސްރާއީލު ވުޖޫދުގައި ވެސް ނޯންނާނެ ކަމަށް ކުރިން ވެސް ވިދާޅުވަމުން ގެންދެވި ވާހަކަފުޅު ޓްރަމްޕް އަނެއްކާ ވެސް ތަކުރާރުކުރެއްވި އެވެ.
މަޝްވަރާތަކާއި ކުރިމަގު
މި ކުރިމަތިލުމުގައި އެމެރިކާއިން ކާމިޔާބީ ހޯދާފައިވާ ކަމަށާއި، އެއްބަސްވުމަކަށް އައުމަށް ތެހެރާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓްރަމްޕް ދަޢުވާކުރެއްވި އެވެ. ޑިމޮކްރެޓުން ހޯދި ކާމިޔާބީގެ ސަބަބުން ވާހަކަތަކަށް ހުރަސްއެޅިފައިވާކަން ދޭހަވާ މޭރުމަކުން، "މި އިންތިޚާބު ކުރިމަތިނުވި ނަމަ، އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވުނީސް،" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އިންތިޚާބަށް ފަހު ހަނގުރާމަ އިތުރަށް ފުޅާކުރެއްވުމުގެ ނިޔަތެއް އޮތްތޯ ސުވާލު ދެންނެވުމުން، މަސްރަހު އިތުރަށް ގޯސްކުރަން ބޭނުންފުޅުނުވާ ކަމަށް ޓްރަމްޕް ބަޔާންކުރެއްވި އެވެ. "އަޅުގަނޑު އެ ފަދަ ކަމެއް ކުރާކަށް ނޫޅެން. އެ ކަން ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











