އިންތިޚާބުން ބަލިވުމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޑޯނަރުންނަށް ޑިމޮކްރެޓުން ބިރުދައްކަމުންދާ ކަމަށް!
8 ނޮވެމްބަރު 2026 | އާދީއްތަ 08:06ރިޕަބްލިކަން ޕާޓީގެ ޑޯނަރުންނާއި އޮފިޝަލުންނަށް ޖަލު އަދަބާއި މަގާމުން ވަކިކުރުމުގެ ބިރުދައްކަމުންދާ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމޮކްރެޓުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި. މިއީ، ސިޔާސީ ފިކުރަށް އަމާޒުކޮށް ހިންގާ ޤާނޫނާ ޚިލާފު އަމަލުތަކެއް ކަމަށް ސިފަކުރައްވައި، މި މައްސަލަ ތަހުގީގުކުރުމަށް ޓްރަމްޕް ވަނީ ޖަސްޓިސް ޑިޕާޓްމަންޓަށް ގޮވާލައްވާފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިއްސާރައިގެ ތެރޭގައި ކުޑައެއް ނަންގަވައިގެން ވައިޓް ހައުސްގެ ގޯތިތެރޭގައި ހިންގަވާފައި ވަޑައިގަންނަވަނީ | އަނަދޮލު އޭޖެންސީ
އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރޭގައި ބޭއްވި މިޑްޓަރމް އިންތިޚާބުގައި ލިބުނު ކާމިޔާބީއަށްފަހު، ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޕާޓީއަށް އެހީތެރިކަން ފޯރުކޮށްދޭ ޑޯނަރުންނަށް މަގާމުން ވަކިކުރުމަށް ނުވަތަ 'އިމްޕީޗުކޮށް' ޖަލަށްލުމުގެ ބިރުދައްކަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމޮކްރެޓުންގެ މައްޗަށް ތުހުމަތުކުރައްވައިފި އެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ މިއީ "އެންމެ މަތީ ދަރަޖައިގެ ބިރުދައްކައިގެން ފޭރުން" ނުވަތަ 'އެކްސްޓޯޝަން' ކަމަށް ސިފަކުރައްވާފަ އެވެ.
އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތު ސޯޝަލް' ގައި ލިޔުއްވި ދިގު ބަޔާނެއްގައި ޓްރަމްޕް ތުހުމަތުކުރެއްވި ގޮތުގައި، އެޓަރނީ ޖެނެރަލް ޓޮޑް ބްލެންޗްއާއި ރިޕަބްލިކަން ޕާޓީއަށް ވާގިވެރިވާ ޑޯނަރުން ނުވަތަ އެ ޕާޓީއަށް ފައިސާދީ ޚަރަދުކޮށްދޭ މީހުން ހިމެނޭހެން އެތައް ބަޔަކަށް ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ލީޑަރުން ވަނީ އިންޒާރުގެ ސިޓީތައް ފޮނުވާފަ އެވެ. އަދި، އެ ސިޓީތަކުގައި މަގާމުން ވަކިކުރުމުގެ މަރުހަލާ ހިންގުމާއި އެހެނިހެން ގޮތްގޮތުން އަދަބު ދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހުން އަޅުގަނޑުމެންގެ ޑޯނަރުންނަށް ޖަލު އަދަބާއި އެހެނިހެން އެތައް ފަންތިއެއްގެ އަދަބުތަކުގެ އިންޒާރު ދެމުން އެ ދަނީ، ހަމައެކަނި އެ ބޭފުޅުންނަކީ ރިޕަބްލިކަން ޕާޓީގެ މެންބަރުންނަށް ނުވަތަ ރިޕަބްލިކަން ސަޕޯޓަރުންނަށް ވީތީ. އެ ބޭފުޅުންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ އިހުތިރާމް ލިބިގެންވާ މީހުން،" ދުނިޔޭގެ އެންމެ އިހުތިރާމް ލިބިގެންވާ ބައެއް ފަރާތްތަކަށް އަމާޒުކޮށް ބިރުދައްކަމުންދާ ކަން ފާހަގަކުރައްވައި ޓްރަމްޕް ލިޔުއްވި އެވެ.
މި ފިއްތުންތަކަކީ އެއްވެސް ކުށެއް އޮވެގެން ކުރިމަތިކުރަމުންދާ ފިއްތުންތަކެއް ނޫން ކަމަށާއި، ހަމައެކަނި ސިޔާސީ ފިކުރަށް އަމާޒުކޮށް ހިންގާ ކަމެއް ކަމަށް ވިދާޅުވެ، މިއީ "ޝަރުޢީ ނިޒާމު ހަތިޔާރަކަށް ހެދުމާއި ގާނޫނީ ހަނގުރާމައެއް" ކަމަށް ޓްރަމްޕް ސިފަކުރެއްވި އެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިޝިގަން ސްޓޭޓްގެ ޑިމޮކްރެޓިކް ސެނެޓަރު އެލިސާ ސްލޮޓްކިންގެ ނަން ވަކިން ފާހަގަކުރައްވައި، ރިޕަބްލިކަން ވިސްނުމަށް ތާއީދުކުރާ ޒުވާނުންނަށް އޭނާ އަމާޒުހިފަން އުޅޭ ކަމަށް ވެސް ޓްރަމްޕް ވަނީ ދައުވާކުރައްވާފަ އެވެ.
"ޖަލަށް ލާންވީ މި ފަދަ ފޭރޭމީހުން!" ކަމަށް ވިދާޅުވެ، ރިޕަބްލިކަނުން ވަގުތުން ހޭލުންތެރިވެ ހުޝިޔާރުވުމަށް ޓްރަމްޕް ގޮވާލެއްވި އެވެ. މިއާއެކު، މިއީ ޖިނާއީ އަމަލެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ މައްސަލަ ވަގުތުން ތަހުގީގުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
މިޑްޓަރމް އިންތިޚާބަށްފަހު އެމެރިކާގެ ކޮންގްރެސްގެ ކޮންޓުރޯލާއި ވޮޝިންގޓަންގެ ބާރުތަކުގެ ތިލަފަތް ބެހިގެންދާ ގޮތަކުން ޓްރަމްޕްގެ ވެރިކަމުގެ ކުރިއަށް އޮތް މަރުހަލާ ބައްޓަންވެގެންދާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި، މި ތުހުމަތުތަކާއެކު ސިޔާސީ މަސްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ. ނަމަވެސް، އެ ވިދާޅުވާ އިންޒާރުގެ ސިޓީތަކާ ގުޅޭ ތަފުސީލެއް ނުވަތަ އެ ސިޓީ ލިބުނު ވަކިވަކި ފަރާތްތަކުގެ ތަފުސީލެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ.
އޭގެ ފަހުން ކުރެއްވި އިތުރު ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ކުށެއް ނެތް ރިޕަބްލިކަން ޑޯނަރުންނާއި ޕާޓީގެ މެންބަރުންނަށް ކުރިމަތިކުރަމުންދާ މި ފަދަ ބިރުދެއްކުންތަކަކީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައިނުވާ ފަދަ، އަދި ކަނޑައެޅިގެން ގާނޫނާ ޚިލާފު ކަންކަން ކަމަށެވެ. އަދި، މި ފަދަ ބިރުދެއްކުންތައް ވަގުތުން ޖަސްޓިސް ޑިޕާޓްމަންޓަށް ރިޕޯޓުކުރުމަށާއި، ސީދާ އޭނާއަށް ވެސް ފޮނުވުމަށް އެދިވަޑައިގެންނެވި އެވެ.
"ރިޕަބްލިކަން ޕާޓީ އިންތިޚާބުތަކުން ބަލިވެ، އެއަށްވުރެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ހިސާބަށް ކަންކަން ދޫކޮށްނުލައި، ސެނެޓުން ފިޔަވަޅު އަޅަންޖެހޭ. ހަމަމިއާއެކު، ޖަސްޓިސް ޑިޕާޓްމަންޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވެސް އެ ގޮތަށް އަމަލުކުރަންޖެހޭ،" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











