ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި
9 ނޮވެމްބަރު 2026 | ހޯމަ 07:26އީރާނުގެ ޤަޝްމު ޖަޒީރާއަށް އަމާޒުވި ހަމަލާތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފި. ހުރްމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގެ މަސްރަހު މިހާރު ކޮންޓުރޯލު ކުރެވިފައިވާ ކަމަށް ވެސް އީރާނުން ބުނޭ


އީރާނުގެ ޤަޝްމު ޖަޒީރާގެ އައްސޭރިފަށުން، ހުޒްމުޒް ކަނޑުއޮޅިން މުދާ އުފުލާ އާގުބޯޓުތަކެއް ދަތުރު ކުރަނީ | ގެޓީ އިމޭޖަސް
އީރާނުގެ ދެކުނުގައި އޮންނަ ޤަޝްމު ޖަޒީރާއަށް ރޭގަނޑުގެ ވަގުތެއްގައި އެމެރިކާއިން ދިން ހަމަލާތަކުގައި މީހުން ދިރިއުޅޭ ނުވަތަ ވިޔަފާރި ސަރަހައްދަކަށް އަދި މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް، އެ ޤައުމުގެ ޕްރޮވިންސެއްގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ހަމަލާ އަމާޒުކުރެވުނު ސަރަހައްދުތައް ހުރީ އާންމުން ދިރިއުޅޭ އަދި ވިޔަފާރި ހިންގާ ސަރަހައްދުތަކާ ދުރުގައި ކަމަށް، ދެކުނުގެ ހުރްމުޒްގާން ޕްރޮވިންސްގެ ސިޔާސީ، ސަލާމަތީ އަދި އިޖުތިމާޢީ ކަންކަމާ ބެހޭ ގަވަރުނަރުގެ ނައިބު އަޙްމަދު ނަފީސީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރި އެވެ.
"ހަމަލާ އަމާޒުވި ތަންތަން ހުރީ މީހުން ދިރިއުޅޭ އަދި ވިޔަފާރި ސަރަހައްދުތަކާއި އާންމު ޚިދުމަތްތައް ދޭ އުމްރާނީ ވަސީލަތްތަކުން ބޭރުގައި. އަދި، ރަށުގެ މުހިންމު އެއްވެސް އުމްރާނީ ވަސީލަތަކަށް ނުވަތަ އަސާސީ ޚިދުމަތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ،" ނަފީސީ ވިދާޅުވި އެވެ.
ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޚިދުމަތްތަކާއި، އާންމު ޚިދުމަތްދޭ މުއައްސަސާތަކާއި އިދާރީ އިދާރާތައް ފުރިހަމަ ތައްޔާރީ ހާލަތެއްގައި ބައިތިއްބައިގެން، ޤަޝްމު ޖަޒީރާގެ މަސްރަހު މިހާރު އޮތީ ފުރިހަމައަށް ކޮންޓުރޯލު ކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ހަމަލާ އަމާޒުވި ވަކި ތަންތަނުގެ ތަފުސީލެއް ނުވަތަ މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ އެއްވެސް މަޢުލޫމާތެއް އޭނާ ސާފުކޮށްދެއްވާފައެއް ނުވެ އެވެ.
ނަފީސީ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ދެކުނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ބަންދަރު ޢައްބާސް އަދި ކައިރީގައިވާ ޤަޝްމު ޖަޒީރާގައި އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވި ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. އެ ސަރަހައްދުގައި އިވުނު ގޮވުންތަކަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އުސޫލުތަކާ ޚިލާފުވި ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަކަށް އަމާޒުކޮށް ފޮނުވާލި އިންޒާރުގެ ހަމަލާތަކެއް ކަމަށް ވެދާނެ ކަމަށް، އެ ސަރަހައްދުގެ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރި އެވެ. ނަމަވެސް، އެ ގޮވުންތައް ގޮވަން މެދުވެރިވި ސަބަބާ ގުޅޭގޮތުން އީރާނުގެ ރަސްމީ އިދާރާތަކުން އެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެ އެވެ.
ޤަޝްމު ޖަޒީރާއަކީ ދުނިޔޭގެ ތެޔޮ އެކްސްޕޯޓުގެ ބޮޑު ބައެއް ދަތުރުކުރާ އިސްތިރާޖީ ގޮތުން މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ދޮރޯށި ކައިރީގައި، ބަންދަރު ޢައްބާސްއާ ކައިރީގައި އޮންނަ ރަށެކެވެ. މި ހާދިސާތައް ހިނގާފައި ވަނީ، ހަމަނުޖެހުންތައް ކުޑަކުރުމަށް ޚާރިޖީ ގޮތުން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ކަނޑުއޮޅީގެ ސަލާމަތާއި ދަތުރުފަތުރުގެ މިނިވަންކަމާ ގުޅޭގޮތުން ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











