މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
9 ނޮވެމްބަރު 2026 | ހޯމަ 07:53އީރާނުގެ ހަތިޔާރު އުފުލުން ހުއްޓުވުމަށް އެމެރިކާއިން 'ޓާސްކް ފޯސް އަޔަން ގޭޓް' އޮޕަރޭޝަން ފަށާފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގައި ދަތުރުކުރާ އުޅަނދުތަކަށް ދެ ފަރާތުން ދަނީ ހަމަލާތައް ދެމުން. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، ސުލްހައިގެ މަޝްވަރާތަކުގައި އީރާނުން ހުށަހަޅާ ޝަރުތުތަކާ ގުޅިގެން އެދެވޭ ކުރިއެރުމެއް ލިބުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިޑްޓަރމް އިންތިޚާބުގެ ކެންޕޭނުގެ ތެރެއިން | ރޮއިޓަރސް
ހުރްމުޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ކައިރީގައި ދަތުރުކުރަމުންދިޔަ އުޅަނދުފަހަރަށް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ދެ ޤައުމުން ރިޕޯޓުކުރަމުން ދިޔަ ނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތައް ކުރިއަށްދާހާ ހިނދަކު އީރާނަށް އަލުން ހަމަލާ ދިނުމަކީ ވުން ވަރަށް ނާދިރު ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އެ ކަން ބިނާވެގެން ވަނީ ވަރުގަދަ އެއްބަސްވުމެއްގައި އެ މީހުން [އީރާނުން] ސޮއިކުރޭތޯ ނުވަތަ ނޫންތޯ [އެ ކަމުގެ] މައްޗަށް،" ޓްރަމްޕް ވިދާޅުވި އެވެ. "އޭގެ ޖަވާބަކީ، އެ ފަދަ ކަމެއް [އަލުން ހަމަލާ ދިނުން] ކުރަން ޖެހުމަކީ ވުން ވަރަށް ނާދިރު ކަމެއް."
އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޓްރަމްޕާ ސީދާ ކުރި ސުވާލުގެ ތަފުސީލު އެ މީޑިއާއިން ބުނެފައެއް ނުވެ އެވެ. ނަމަވެސް، ހަމަލާތައް އަލުން ފަށައިފި ނަމަ އެމެރިކާއިން ވަނީ އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ހަމަލާތައް އަމާޒުކުރާނެ ތަންތަން ކަނޑައަޅާފައި ކަމަށާއި، އޭގެ ތެރޭގައި "އެއްގަޑިއިރުގެ ތެރޭގައި އެއްކޮށް ވައްޓާލެވޭނެ" 38 ބުރިޖު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއާއެކު، އާދީއްތަ ދުވަހުގެ މެންދުރުފަހު ޓްރަމްޕް ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި އީރާނާ ދެކޮޅަށް 'ޓާސްކް ފޯސް އަޔަން ގޭޓް' އޮޕަރޭޝަން މިހާރު ދަނީ ފުރިހަމަ ބާރާއެކު ހިންގަމުންނެވެ. ހޮނިހިރު ދުވަހު މީޑިއާއިން ފުރަތަމަ ރިޕޯޓުކުރި މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ، އެއްގަމު މަގުންނާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ތެހެރާނުން ޒަމާނީ ހަތިޔާރާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތި އުފުލުން ހުއްޓުވުމެވެ.
އެތެރޭގެ ސިޔާސީ ބަހުސާއި އިންތިޚާބުގެ ނަތީޖާ
ވޭތުވެދިޔަ ހަފުތާގައި ބޭއްވުނު އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ޓްރަމްޕްގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ އެއް ސަބަބަކީ އީރާނުގެ ހަނގުރާމަ ކަމަށް ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ. ދެ އަހަރު ފަހުން ޓްރަމްޕްގެ ދައުރު ހަމަވުމުން އޭނާގެ ޖާގަ ފުރުއްވާނެ ކަމަށް ބެލެވޭ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އެއަށްވުރެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. "އަޅުގަނޑުމެން ބަލިވި ސަބަބަކީ ހަނގުރާމަ،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވެންސް ވިދާޅުވި އެވެ.
އީރާނާ ގުޅޭ ގޮތުން ވެންސް ދެއްކެވި ވާހަކަފުޅުތަކަށް "ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރި" ކަމަށް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕަށްފަހު ވެރިކަމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ އަނެއް ބޭފުޅާ ކަމުގައިވާ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ހަނގުރާމައާއި އިންތިޚާބުގެ ނަތީޖާއާ ދެމެދު ގުޅުމެއް ވާކަމަށް ވިދާޅުވާން އިންކާރުކުރައްވާފަ އެވެ. "އަޅުގަނޑަށް ދެންނެވެން އޮތް ހަމައެކަނި ވާހަކައަކީ، އެމެރިކާގެ ރައީސް ވަނީ މި ޤައުމަށް ވަރަށް ދިގު މުއްދަތަކަށް ދެމިއޮތް ވަރަށް ހަގީގީ ނުރައްކަލެއް ފާހަގަކުރައްވައި، އެ ކަމަށް ފިޔަވަޅު އަޅުއްވާފައި،" ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރޫބިއޯ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ސިޔާސީ މަސައްކަތްތަކާ ބެހޭ ގޮތުން ވަކިން ސުވާލު ކުރުމުން ރޫބިއޯ ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އެދެވޭ އަވަސް ކުރިއެރުމެއް ލިބިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މި މައްސަލައާއި އަދި ކޮންމެ މައްސަލައެއް ވެސް ސިޔާސީ ވާހަކަތަކުގެ ތެރެއިން ހައްލުކުރުމަށް ރައީސް އަބަދު ވެސް އިސްކަންދެއްވާނެ. ނަމަވެސް، ބައެއް ފަހަރު، ހިތާމައާއެކު ދަންނަވަން ޖެހެނީ، އެއީ ކުރެވެން އޮންނަ ކަމަކަށް ނުވޭ. އެކަމަކު އެ ފަދަ ފުރުސަތެއް އޮތް ނަމަ، އަޅުގަނޑުމެން އެ މަގު ބަލާނަން. މިހާތަނަށް އެ ކަން މާ ބޮޑު ނަތީޖާއަކާ ހަމައަށް ގޮސްފައި ނުވަނީ، އީރާނުން ހުށަހަޅާ ޝަރުތުތަކަކީ ބަލައިނުގަނެވޭ ކަންކަމަށް ވުމުގެ އިތުރުން، ބައެއް ހާލަތްތަކުގައި މަލާމާތް ރައްދުވާ ފަދަ، އެއްވެސް ހަގީގަތެއް ނެތް އޮއްޓަރެއް ނެތް ވާހަކަތަކަކަށް ވާތީ،" ރޫބިއޯ ވިދާޅުވި އެވެ.
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާއި އުޅަނދުފަހަރަށް ދިން ހަމަލާތައް
އިންތިޚާބު ނިމުމުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެއްވާނެ ކަމުގެ އިޝާރާތްތަކެއް ޓްރަމްޕް ކުރިން ދެއްވި ނަމަވެސް، އެމެރިކާގެ ފުޅާ އަސްކަރީ އޮޕަރޭޝަނެއްގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ. އަދި، ހަމަލާއެއް ދީފި ނަމަ އެމެރިކާއާއި އިސްރާއީލުގެ އަމާޒުތަކަށް ރައްދު ހަމަލާ ދޭނެ ކަމަށް އީރާނުން ދަނީ އިންޒާރު ދެމުންނެވެ.
ހޮނިހިރު ދުވަހު އީރާނުގެ ދެކުނުގައި އިވުނު ގޮވުންތަކަކީ އެމެރިކާގެ ހަމަލާތަކެއް ނޫން ކަމަށާއި، އެއީ އީރާނުގެ އަސްކަރީ ހަރަކާތްތަކަކާ ގުޅުންހުރި ކަމެއް ކަމަށް އެ ޤައުމުގެ މީޑިއާއިން ވަނީ ބުނެފަ އެވެ. އަދި، ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ޤަޝްމު ޖަޒީރާ ހިމެނޭހެން އެތައް ސަރަހައްދަކުން ގޮވުމުގެ އަޑުތައް އިވުނު ނަމަވެސް، އެއްވެސް މިސައިލް ހަމަލާއެއް އަމާޒުވި ކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
ހަނގުރާމައިގެ ތެރެއިން އެމެރިކާއާއި އީރާނުން ދަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާތައް ދެމުންނެވެ. މިއީ، ދުނިޔޭގެ އިގުތިސާދަށް މުހިންމު ހަކަތައާއި އެހެނިހެން މުދާ ބޭރުކުރުމަށް ހުރަސްއެޅެމުންދާ ކަމެކެވެ. ރޭގަނޑުގެ ވަގުތުގައި އިވުނު ގޮވުންތަކަކީ ކަނޑުއޮޅީގެ ސަރަހައްދުގައި ހިންގި އަސްކަރީ ހަރަކާތްތަކަކާ ގުޅުންހުރި ކަމެއް ކަމަށް ބެލެވޭ ކަމަށާއި، ދެ އުޅަނދެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި، ތިންވަނަ އުޅަނދެއްގައި އަލިފާން ރޯވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
ކަނޑުއޮޅީގެ ބޭރުން ޢުމާން ކަނޑުގައި ދަތުރުކުރި އުޅަނދެއް ހުއްޓުވައި، އެ އުޅަނދަށް ވައިގެ މަގުން ހަމަލާދީ ބޭނުންނުކުރެވޭ ވަރު ކޮށްލާފައިވާ ކަމަށް އެމެރިކާއިން ބުންޏެވެ.
މީގެ އިތުރުން ޤަޝްމު ޖަޒީރާއަށް ދެ މިސައިލް ހަމަލާ އަރާފައިވާ ކަމަށް އީރާނުގެ މީޑިއާއަކުން ރިޕޯޓުކުރި ނަމަވެސް، ލިބުނު ގެއްލުމުގެ ރަސްމީ މަޢުލޫމާތެއް ލިބިފައެއް ނުވެ އެވެ. މި ރިޕޯޓާ ގުޅޭ ގޮތުން އީރާނުން ވެސް އަދި އެމެރިކާއިން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމެރިކާގެ އަސްކަރީ ވަސީލަތްތަކާ ދެކޮޅަށް ވައިގެ ދިފާޢީ މިސައިލް ބޭނުންކުރަމުން ދިޔަ އީރާނުގެ ފަރާތްތަކާ ދެކޮޅަށް "ދިފާޢީ" ފިޔަވަޅެއްގެ ގޮތުން ނޮވެންބަރު 2 ވަނަ ދުވަހު އެ ރަށަށް ހަމަލާދިން ކަމަށް ވޮޝިންގޓަނުން ވަނީ ކުރިން ބުނެފަ އެވެ.
ވިޔަފާރި އުޅަނދުތަކާއި ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާތައް
އީރާނަށް އެމެރިކާއާއި އިސްރާއީލުން ފެބުރުވަރީ މަހު ހަމަލާތައް ދޭން ފެށި ފަހުން، ގަލްފުގެ ހަކަތަ ބޭރުކުރުން ހުއްޓުވުމަށް ޓަކައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީ އީރާނުން ދިޔައީ ކުރިހޯދަން މަސައްކަތް ކުރަމުންނެވެ. އަދި، އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެވާ ދަތުރުތައް އެމެރިކާގެ ސިފައިން ހުއްޓުވަން ފެށީ އެޕްރީލު މަހުގަ އެވެ.
އަޅާފައިވާ ހުރަސްތައް ފޫއަޅުވައިލަން އުޅުނު ވިޔަފާރި އުޅަނދަކަށް ވައިގެ ސިފައިން ހަމަލާދީ ހަރަކާތް ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.
ހުއްދަނެތް މަގަކުން ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގައި ދެ ތެޔޮ ޓޭންކަރެއް މައިންތަކުގައި ޖެހި އަލިފާން ރޯވި ކަމަށް އީރާނުގެ ރިވޮލޫޝަނަރީ ގާޑްސްގެ (އައިއާރްޖީސީ) ކަނޑުގެ ސިފައިން ބުންޏެވެ. އަދި، ތިންވަނަ ޓޭންކަރެއް ގޮވައި، އަލިފާން ރޯވި ކަމަށް ވެސް އެ ޤައުމުގެ މީޑިއާއިން ފަހުން ބުންޏެވެ. ރިޕޯޓުކޮށްފައިވާ މި ހަމަލާތައް މިނިވަން ކަމާއެކު ކަށަވަރު ކުރެވިފައި ނުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ބުންޏެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚޯރް ފައްކާން ސިޓީގެ އިރުމަތިން ގާތްގަނޑަކަށް 18 ނޯޓިކަލް މޭލު ބޭރުން ޢުމާން ކަނޑުގައި ބޯޓުދެލި ފަދަ ތަކެތި އުފުލާ ބޯޓަކާއި އަސްކަރީ ބާރުތަކެއް ބައިވެރިވި ހާދިސާއެއް ހިނގާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްގެ (ޔޫކޭއެމްޓީއޯ) މޮނިޓަރުން ބުންޏެވެ. ނަމަވެސް، އެ ހާދިސާގައި ލިބުނު ގެއްލުމެއް ސާފެއް ނުވެ އެވެ. އަދި، އެއީ އެމެރިކާއިން ދިން ކަމަށް ބުނާ ހަމަލާއާ ގުޅުންހުރި ކަމެއް ކަމެއް ވެސް ސާފުވެފައެއް ނުވެ އެވެ.
ސަރަހައްދީ ހަމަނުޖެހުން ފުޅާވުމާއި ސުލްހައިގެ މަސައްކަތްތައް
އީރާނާ ބައިއަތުހިފާފައިވާ ޔަމަނުގެ ހޫޘީންނާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ހަމަނުޖެހުން މި މަހު އިތުރަށް ގޯސްވެ، މެދުއިރުމަތީގެ ފުޅާ ހަނގުރާމަ ވަނީ އިތުރަށް ބޮޑުވެފަ އެވެ.
އާދީއްތަ ދުވަހު ރިޔާޟްގައި ހުންނަ ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި ސައުދީ އަރަމްކޯގެ އިދާރީ އިމާރާތަކަށް ހަމަލާއެއް ދޭން އުޅުމުގެ ތެރޭގައި ވެއްޓުނު ބައިތަކަކުން ގެއްލުން ލިބުނު ކަމަށާއި، ނަމަވެސް އެއްވެސް މީހަކު މަރުވެ ނުވަތަ ޒަޚަމުވެފައި ނުވާ ކަމަށް ސަޢުދީ ހަކަތައާ ބެހޭ ވުޒާރާއިން ބުންޏެވެ.
ދުނިޔޭގެ އިގުތިސާދަށް ލޮޅުން އަރުވާލާފައިވާ މި ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤަތަރުން ވަނީ އެމެރިކާއާއި އީރާނަށް އެއްބަސްވުމަކަށް ނާދެވުނު ކަމަށް ބުނެ ފެތުރުނު ރިޕޯޓުތައް ހޮނިހިރު ދުވަހު ދޮގުކޮށްފަ އެވެ. ދެ ފަރާތުން ވެސް އެއްބަސްވުމަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަން ކަށަވަރުކޮށްދެއްވި ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ޤަތަރު މެދުވެރިކޮށް އީރާނުން ވަނީ ނިއުކްލިއަރ ޕުރޮގުރާމާ ގުޅޭ އައު ހުށަހެޅުމެއް ވޮޝިންގޓަނަށް ހުށަހަޅާފައި ކަމަށާއި، އެމެރިކާއިން އެ ކަން މުރާޖާ ކުރަމުންދާ ނަމަވެސް އިތުރު މަޝްވަރާތައް ބިނާވާނީ ތެހެރާނުން ހުށަހަޅާފައިވާ ހަތް ޝަރުތަށް އެމެރިކާއިން ފުރަތަމަ އިޖާބަދިނުމުގެ މައްޗަށް ކަމަށް އީރާނުގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
މި ޝަރުތުތަކުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ހިފަހައްޓާފައިވާ މުދަލާއި ފައިސާ ދޫކޮށްލުމާއި، ހަނގުރާމައިގެ ބަދަލު ދިނުން ހިމެނެ އެވެ. ނަމަވެސް އެމެރިކާއިން ބުނަމުން ދަނީ އެންމެ ފުރަތަމަ ކުރިއަށްގެންދާ މަޝްވަރާތަކުގައި ވެސް ނިއުކްލިއަރ މައްސަލަތައް ހިމަނަން ޖެހޭނެ ކަމަށެވެ.
މަސްދަރު: ރޮއިޓަރސް











