ރަސްމާލެ މަޝްރޫއާމެދު އާންމު ވޯޓަކަށް ދިޔުމަށް ޗާގޯސް މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ މެންބަރެއް ގޮވާލައްވައިފި
10 ނޮވެމްބަރު 2026 | އަންގާރަ 03:08ރަސްމާލެ މަޝްރޫއުގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އީގަލް ހިލްސް ކުންފުންޏަށް ދިނުމާ މެދު ރައްޔިތުންގެ ލަފާ ހޯދުމަށް އާންމު ވޯޓެއް ނެގުމަށް އަހުމަދު އަލި މަނިކު ގޮވާލައްވައިފި. ނަމަވެސް ރައީސް މުއިއްޒު ވަނީ މިއީ ރެފަރެންޑަމެއް ނަގަންޖެހޭ ފަދަ ކަމެއް ނޫން ކަމަށާއި، އެފަދަ ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފައި


ޗާގޯސް މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ މެންބަރު އަހުމަދު އަލި މަނިކު | ސޯޝަލް މީޑިއާ
ރަސްމާލެ މަޝްރޫއުގެ ދަށުން އެ ސަރަހައްދު އީގަލް ހިލްސް ކުންފުންޏަށް ދިނުމާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ރެފަރެންޑަމެއް ނުވަތަ އާންމު ވޯޓަކަށް ދިޔުމަށް "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަންގެ މެންބަރު އަހުމަދު އަލި މަނިކު ގޮވާލައްވައިފި އެވެ.
އަހުމަދު މިފަދައިން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ސަބަބުން މުސްތަގުބަލުގައި ދިވެހީންނަށް ކުރިމަތި ވެދާނެ ބޮޑެތި މައްސަލަތަކަށްޓަކައި މި މަޝްރޫއުގެ ކަންކަން މަދު މީސް ކޮޅެއް ނިންމުމުގެ ބަދަލުގައި މިކަން ރާއްޖޭގެ ވީހާ ވެސް ގިނަ ބައެއްގެ ރުހުމާއި ބައިވެރިވުން ލިބޭ ގޮތަށް މި މަޝްރޫއު ގެންދެވުމަށްޓަކައި އާންމު ވޯޓަކުން ނިންމެވުމަށް އެދޭ ކަމަށެވެ.
އަހުމަދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ރެފަރެންޑަމެއް ނުވަތަ އާންމު ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ރެފަރެންޑަމެއް ނެގުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ ސުވާލު ދެންނެވުމުން ރައީސް މުއިއްޒު ވަނީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓު ބިލުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށާއި، މި މަޝްރޫއަކީ ރެފަރެންޑަމެއް ނަގަންޖެހޭ ފަދަ ކަމެއް ނޫން ކަމަށް އަދި އެކަން އެގޮތަށް ނުހިނގާނެ ކަމަށް ވިދާޅުވެފަ އެވެ.











