އެންމެ އިންވެސްޓަރަކަށް ގައުމުގެ ރައުސުލްމާލާ ނުބައްދަލު ފުރުސަތު ދިނުމަކީ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ކަމެއް: ޝެއިހް ޒަމްޒަމް ފާރިޝް
9 ނޮވެމްބަރު 2026 | ހޯމަ 09:41ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ޝެއިޚް ޒަމްޒަމް ފާރިޝް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. މި މަޝްރޫއަކީ ތަރައްގީގެ ބަދަލުގައި ގައުމު އަޅުވެތިކުރުން ކަމަށް ސިފަކުރައްވައި، އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ވިއްކާނުލުމަށް އޭނާ ވަނީ ގޮވާލައްވާފައި. އަދި ސިޔާސީ މަންފާއަށްޓަކައި ގައުމަށް ޚިޔާނާތްތެރިވެ، ތާރީޚުގައި ޣައްދާރުންގެ ގޮތުގައި ނުލިޔުމަށް ވެސް ޝެއިޚް އިންޒާރު ދެއްވި


ޝެއިހް ޒަމްޒަމް ފާރިޝ | ސޯޝަލް މީޑިއާ
ބާރުގަދަ އަދި މުއްސަނދި އެންމެ ފަރުދަކަށް ދިވެހިރާއްޖޭގެ މުޅި ރައުސުލްމާލާ ނުބައްދަލު މިންވަރަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ދިނުމަކީ ގައުމުގެ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ނުރައްކާތެރި ކަމެއް ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ ބޮޑު ސަރައްހަދެއް ދާއިމީކޮށް އީގަލް ހިލްސްއަށް ދޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ޝެއިޚް ދަނީ އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެ މަޝްރޫއު ދެފުށް ފެންނަ ގޮތަށް ދިވެހި ރައްޔިތުންނަށް ހާމަ ކޮށްދިނުމަށާއި، ޒަޔަނިސްޓުންނަށް އެތަނުގައި ވަޒަންވެރި ނުވޭނެކަމުގެ ޔަގީންކަން ދިނުމަށް ވެސް ޝެއިޚް މީގެ ކުރިން ގޮވާލެއްވި އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ޝެއިޚް ޒަމްޒަމް ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރުގަދަ އަދި މުއްސަނދި އެންމެ ފަރުދަކަށް ރާއްޖޭގެ މުޅި ރައުސުލްމާލާ ނުބައްދަލު މިންވަރަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ދިނުމަކީ ގައުމުގެ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ނުރައްކާތެރި ކަމެއް ކަމަށާއި، އެފަދަ ގޮތަކަށް ކަންކަން ދޫކޮށްލައިފިނަމަ، ރާއްޖޭގައި އޮންނާނީ އަލައްބާރުގެ ރަސްކަމެއް ކަމަށެވެ. އަދި ދިވެހީންގެ އަމިއްލަ ވެރިކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ އެއްވެސް ހާލެއްގައި ތަރައްގީ ނޫންކަން ފާހަގަކުރައްވައި ޝެއިޚް ވިދާޅުވީ، މިއީ ސީދާ އަޅުވެތިކަން ކަމަށެވެ.
މީގެއިތުރުން، ވެރިކަމުގައި ބާކީ އޮތް އެންމެ 2 އަހަރުގެ ސިޔާސީ ލައްޒަތާއި ވަގުތީ ފައިދާކޮޅެއް ހޯދުމަށްޓަކައި، ދެން އަންނަން ތިބި ގައުމުގެ އެންމެހައި ދަރީންގެ މުސްތަގުބަލު އަޅުވެތިކަމަށް ދޫކޮށްނުލުމަށް ޝެއިޚް ޒަމްޒަމް ފާރިޝް ވަނީ ގޮވާލައްވާފަ އެވެ. އަދި އަންނަން އޮތް ޖީލުތަކުގެ މިނިވަންކަން ވިއްކާނުލުމަށާއި، ގައުމަށް ޚިޔާނާތްތެރި ނުވުމަށް ވެސް ޝެއިޚް އިލްތިމާސްކުރެއްވި އެވެ.
ޝެއިޚް ޒަމްޒަމް ވަނީ ޣައްދާރުންގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެގެން ނުދިއުމަށް ސިޔާސީ ފަރާތްތަކަށް ހަރުއަޑުން އިންޒާރު ވެސް ދެއްވާފަ އެވެ.











