ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެނގެނީ އެކަމުގެ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތްކަން: ފައިސަލް
9 ނޮވެމްބަރު 2026 | ހޯމަ 13:56ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވޯޓެއް ނުނަގާނެ ކަމަށް ރައީސް ވިދާޅުވުމަކީ އެކަމުގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމުގެ ހެއްކެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ އާންމު ރައްޔިތުންގެ ޚިޔާލާއި ރުހުން ހޯދައިގެން ކަމަށާއި، މިހާރު އޮތް އެއްބަސްވުމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތް ކަމަށް ފައިސަލް ފާހަގަކުރެއްވި. އެހެންކަމުން ގައުމުގެ މުސްތަގުބަލަށް ގެއްލުންވެދާނެ ކަންކަމާމެދު ފުންކޮށް ވިސްނެވުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ދެއްވި އިންޓަވިއުގެ ތެރެއިން | ރާއްޖެ އެމްވީ
ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ރެފަރެންޑަމެއް ނުވަތަ އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެނގެނީ މިކަމުގެ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތްކަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ފައިސަލް މިފަދައިން ވިދާޅުވީ ހުޅުމާލެ ލޯކަލް މާރްކެޓުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު އެވެ. އެގޮތުން މިހާރު ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ގޮތުން ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުން ހުރި ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ރައްޔިތުންގެ ރުހުން ހޯދަން ޖެހޭކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ގައުމެއް ބިނާވެގެން ވަނީ ރައްޔިތުންގެ މައްޗަށް ކަމަށާއި ގައުމު ކުރިއަށްގެންދަން ޖެހެނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާއިރު ރައްޔިތުން ބޭނުންވާ ގޮތް ނުބަލަނީ ކިހިިނެއް ވެގެންތޯ ފައިސަލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
މިއިން ވެސް އެނގެނީ މީގެ އަޑީގައި ފޮރުވިފައި އޮތީ މުޅިން އެހެން ކަމެކޭ އަޅުގަނޑު މިއަދު މި ލޯކަލް މާރުކޭޓް އޭރިއާގައި އުޅުނު އުޅުމުގައި ވެސް ހަމަ ދިމާވި ކޮންމެ މީހެއް ޒުވާނެއް އުމުރުން ދުވަސްވީ މީހެއް ނެތް ކޮންމެ މީހެއްގެ ވެސް ކަންބޮޑުވުން އޮތީ ރަސްމާލޭގެ މިހާރު އެ ހެދިފައި އޮތް އެއްބަސްވުން ނުވަތަ މިހާރު ކުރިއަށްގެންދަން ނިންމާފައި އޮތްގޮތާއި މެދު އޮތް ކަންބޮޑުވުން. ހަމަ ހުރިހާ މީހުން ވެސް އެބަ ފާހަގަކުރޭ ކޮންމެ ވެސް އަޑި ނޭނގޭ ގޮތްތަކެއް އެބައޮތޭ ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބައި ހެއްޔޭފައިސަލް ނަސީމް
ރައްޔިތުންނަށްޓަކައި އަދި ގައުމަށްޓަކައި މިފަދަ ބޮޑު މަޝްރޫއެއްގެ ސަބަބުން މިއަދު ލިބޭ ގެއްލުމާއި ފަހުން ވެދާނެ ބޮޑު ގެއްލުމަކާއި މެދު ވިސްނަންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އަޅުގަނޑުމެން ދުނިޔޭގައި ނެތް ދުވަހަކު ވެސް މިގައުމުގައި އެހެން ބަޔަކު ތިބެ ދާނެ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރިން ވެސް ތިބެދާނެ. އެހެންވީމަ އަޅުގަނޑުމެން މިއަދު ވިސްނަންވީ އެގޮތަށް ގައުމެއްގެ ކަންކަން ނިންމަން ވާނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށްފައިސަލް ނަސީމް
މީގެ އިތުރުން އެންމެ މޮޅު ގޮތަކަށް ވާނީ ރައްޔިތުންގެ ރުހުމާއެކު ވެރިކަން ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވެ ފައިސަލް ވަނީ މިފަދަ ކަންކަމާއި މެދު ފުންކޮށް ވިސްނެވުމަށް ރައީސް މުއިއްޒަށް ދަންނަވާފަ އެވެ.











