Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުނިދި

މަދު ނިދިކޮޅަކުން ބައެއް މީހުންނަށް ފުއްދާލެވެނީ ކީއްވެ؟

9 ނޮވެމްބަރު 2026 | ހޯމަ 14:03

ބައެއް މީހުންނަށް މަދު ވަގުތުކޮޅަކު ނިދައިގެން ފަރުޖައްސާލެވެނީ އެ މީހުންގެ ހަށިގަނޑުގައި ހުންނަ ޚާއްސަ ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުންކަން ސައިންސްވެރިން ވަނީ ދެނެގަނެފައި. "ފެމިލިއަލް ނެޗުރަލް ޝޯޓް ސްލީޕް" ގެ ނަން ދެވިފައިވާ މި ވިރާސީ ސިފައަކީ ނިދި މަދުވުމުން ކުރިމަތިވާ ސިއްހީ މައްސަލަތަކުން މީހާ ރައްކާތެރިކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކާއިރު، މިއީ ކުރިމަގުގައި ނިދުމުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ހުޅުވުނު އުންމީދީ ދޮރެއް

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2026 | ހޯމަ 14:03
ޓޯކިޔޯގެ ވިޔަފާރިކުރާ މަރުކަޒެއްގެ ތެރޭގައި ހުރި ގޮނޑިއެއްގައި މީހަކު ނިދާފައި އިން މަންޒަރު

ޓޯކިޔޯގެ ވިޔަފާރިކުރާ މަރުކަޒެއްގެ ތެރޭގައި ހުރި ގޮނޑިއެއްގައި މީހަކު ނިދާފައި އިން މަންޒަރު | ގެޓީ އިމޭޖަސް

ބައެއް މީހުންނަކީ އާދަޔާޚިލާފަށް މަދު ވަގުތުކޮޅަކު ނިދައިގެން ވެސް ފަރުޖައްސާލެވޭ ބައެކެވެ. ނަމަވެސް، ތިބާއަކީ ވެސް އެފަދަ މީހެއްތޯ ދެނެގަތުމަކީ ދަތި ކަމަކަށް ވެދާނެ އެވެ.

އޭމީ ޕިއު ބާނާޑް ހަނދާން ހުންނަން ފެށީއްސުރެ އޭނާއަކީ ގިނަ ވަގުތު ނިދަން ބޭނުންވާ މީހެއް ނޫނެވެ. މިހާރު އޭނާ އާންމުކޮށް ނިދަން އޮށޯންނަނީ ރޭގަނޑު 22:00 ހާއިރުއެވެ. އަދި ފަތިހު 04:30 ހާއިރު ހޭލެވެއެވެ. "އަހަރެން ހުންނަނީ މުޅިން ހޭލައި. އެއަށްފަހު އެނދުގައި އޮންނާކަށް ކެތެއް ނުވޭ،" އޭނާ ބުންޏެވެ.

ޔުނިވަރސިޓީ އޮފް ކޮލޮރާޑޯގެ އިމިއުނޮލޮޖީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ބާނާޑަށް ބައެއް ރޭރޭ އޮށޯންނަ ގޮތަށް ނިދި ނުލިބިދާނެ އެވެ. އެފަދަ ރޭރޭ އޭނާއަށް ނިދެނީ އެންމެ ފަސް ގަޑިއިރެވެ.

އެންމެ ހައިރާންކުރުވަނިވި ކަމަކީ، އެހާ މަދުން ނިދުމަށްފަހު ޖެހިގެން އަންނަ ދުވަހު ވެސް ބާނާޑް ހުންނަނީ ވަރަށް ހަކަތަ ހުންނަ ގޮތަކަށެވެ. އެހާ މަދު ނިދިކޮޅަކުން ބާނާޑް ކުރާ ގިނަ މަސައްކަތްތައް ފެނިފައި ރަހުމަތްތެރިން ހައިރާންވެ އެވެ. ނަމަވެސް އޭނާގެ އާއިލާގައި މިއީ އާންމު ކަމެކެވެ. އޭނާގެ ބައްޕައާއި ބޭބެގެ އާދަވެސް ހުންނަނީ ހަމަ މިފަދަ ގޮތަކަށެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް މިއަށްވުރެ ގިނަ ނިދި ބޭނުންވެ އެވެ. އެމެރިކާގެ ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ދިރާސާތަކަށް ބަލާއިރު، 26 އަހަރާއި 64 އަހަރާ ދެމެދުގެ މީހުން ކޮންމެ 24 ގަޑިއިރަކު ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދަން ބޭނުންވެ އެވެ.

މީހުން ނިދަން ބޭނުންވާ ވަގުތުގައި މިހާ ބޮޑު ތަފާތެއް ހުންނަ ސަބަބަކީ ޒަމާނުއްސުރެ ސައިންސްވެރިންނަށް އޮޅުންނުފިލާ އޮތް ސިއްރެކެވެ. ނަމަވެސް ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި، މިކަމުގައި ޖެނެޓިކްސް ނުވަތަ އިންސާނާގެ ވިރާސީ ސިފަތައް މުހިންމު ދައުރެއް އަދާކުރާކަން ސައިންސްވެރިން ވަނީ ދެނެގަނެފަ އެވެ. ބާނާޑް ފަދަ މީހުންގެ ހަށިގަނޑުން ފެންނަ މަދު "މިއުޓޭޝަން" ތަކުން ފެށިގެން، އާންމުކޮށް ފެންނަ އެތައް ސަތޭކަ ވިރާސީ ބަދަލުތަކަކީ ބައެއް މީހުން ވަރަށް މަދު ނިދިކޮޅަކުން ފުއްދާލެވޭ ސަބަބެވެ. ކުރިމަގުގައި މި ހޯދުންތަކުގެ އެހީގައި، އެކަށީގެންވާ ވަރަށް ނިދި ނުލިބުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުން މީހުން ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ފުރަތަމަ ފެނުނު ނިޝާންތައް

ބާނާޑް އަށް މި "އާދަޔާޚިލާފު" ސިފަ ލިބިފައިވާ ސަބަބު އެނގުނީ 2019 ވަނަ އަހަރު އެވެ.

ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ސެން ފްރެންސިސްކޯގެ ދިރާސާ ކުރާ ޓީމަކުން ވަނީ އިންސާނުން ނިދާ ވަގުތާ ގުޅުންހުރި ޖެނެޓިކް މިއުޓޭޝަނެއް ހޯދާފަ އެވެ. މި މިއުޓޭޝަން ހުންނަ މީހުން އާންމު ގަޑިތަކުގައި ނިދަން އޮށޯތް ނަމަވެސް، ވަރަށް ހެނދުނާ ހޭލެވެ އެވެ. އަދި ގިނަ ފަހަރަށް އެމީހުންނަށް ނިދެނީ ރެޔަކު ހަތަރު ގަޑިއިރާއި ހަ ގަޑިއިރު ބަޔާ ދެމެދުގެ ވަގުތުކޮޅެކެވެ. ބާނާޑްގެ ލޭގެ ސާމްޕަލެއް އެ ޓީމަށް ފޮނުވުމުން، އޭނާއަކީ ވެސް މި މިއުޓޭޝަން ހުރި މީހެއްކަން އެނގުނެވެ.

މި މަދު، ވިރާސީ ހާލަތަށް ކިޔަނީ "ފެމިލިއަލް ނެޗުރަލް ޝޯޓް ސްލީޕް" (އެފް.އެން.އެސް.އެސް) އެވެ. އޭގެ ފަހުން މި ހާލަތާ ގުޅުންހުރި އިތުރު މިއުޓޭޝަންތައް ވެސް ވަނީ ދެނެގަނެވިފަ އެވެ.

މި ދިރާސާ ޓީމުގެ އިސް މޮލިކިއުލާ ބަޔޮލޮޖިސްޓް ޔިންގް-ހުއި ފޫ ވިދާޅުވި ގޮތުގައި، އެފް.އެން.އެސް.އެސް ހުންނަ މީހުން އެހާ މަދުން ނިދައިގެން ވެސް "ގޯހެއް ނެތި" އުޅެވޭ ސަބަބަކީ އަދިވެސް ހޯދެމުންދާ ބޮޑު ސިއްރެކެވެ.

އެފް.އެން.އެސް.އެސް އާ ގުޅުންހުރި ޖެނެޓިކް ބަދަލުތަކުގެ ސަބަބުން ހަމައެކަނި ނިދި މަދުވަނީއެއް ނޫނެވެ. އޭގެ ބަދަލުގައި، ނިދި މަދުވުމުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން (މިސާލަކަށް ހަނދާން ބަލިވުން ފަދަ ކަންކަމުން) އެ މީހުން ރައްކާތެރިކޮށްދޭކަމުގެ ހެކިތައް ވެސް ވަނީ ފެނިފަ އެވެ.

2019 ވަނަ އަހަރު ފޫ އިސްވެ ހުންނަވައި މީދާ ބޭނުންކޮށްގެން ކުރި ތަޖުރިބާއެއްގައި، އެފް.އެން.އެސް.އެސް އާ ގުޅުންހުރި މިއުޓޭޝަނެއް މީދަލުގެ ހަށިގަނޑަށް ތައާރަފުކުރި އެވެ. އެ ޓީމަށް ފެނުނު ގޮތުގައި އެ މިއުޓޭޝަން ހުރި މީދާތައް މަދުން ނިދުމުގެ އިތުރުން، ހަނދާން ބަލިވުމުގެ މައްސަލަތަކުން ވެސް ރައްކާތެރިވެފައިވެ އެވެ. އަދި އެހެން ޓެސްޓަކުން ދެއްކި ގޮތުގައި، މި ބަދަލުތައް ހުންނަ މީދާތަކަށް އަލްޒައިމާ ބަލި ޖެހުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

2014 ވަނަ އަހަރު ބައިނަލްއަގުވާމީ ދިރާސާ ޓީމަކުން ވަނީ އެއްމާބަނޑު ދެބެއިންގެ ދިރާސާއެއް ކޮށްފަ އެވެ. މީގެ ތެރެއިން އެކަކުގެ ހަށިގަނޑުގައި "ޝޯޓް-ސްލީޕް" މިއުޓޭޝަން ހުރިއިރު، އަނެކާގެ ހަށިގަނޑުގައި އެކަމެއް ނެތެވެ. މިއުޓޭޝަން ހުރި މީހާ އަނެއް މީހާއަށްވުރެ ގަވާއިދުން އެއް ގަޑިއިރު މަދުން ނިދާކަން ފާހަގަވި އެވެ. އަދި މި ދެ މީހުން ވެސް ނުނިދާ 38 ގަޑިއިރު ބޭތިއްބުމުން، މިއުޓޭޝަން ހުރި މީހާގެ މަސައްކަތުގެ ފެންވަރު ދަށްވީ އަނެކާއަށްވުރެ 40 އިންސައްތަ މަދުންނެވެ.

މީގެ އިތުރުން، މި ދެބެއިން ނިދާ ގޮތުގައި ވެސް ތަފާތުތަކެއް ހުރިކަން ސައިންސްވެރިންނަށް ފާހަގަވި އެވެ. މިއުޓޭޝަން ހުރި މީހާ މަދުން ނިދި ނަމަވެސް، އޭނާއަށް ލިބޭ "ޑީޕް ސްލީޕް" ނުވަތަ ފުން ނިދީގެ މިންވަރު އަނެކާއާ އެއްވަރެވެ. މީގެ މާނައަކީ އޭނާ ނިދާ މަދު ވަގުތުކޮޅުގެ ތެރޭގައި، ނިދިން ލިބެންޖެހޭ ފައިދާތައް މާ ފުރިހަމައަށް ލިބެނީ ކަމަށް ވެދާނެ އެވެ.

ބޭސްވެރިކަމުގެ އުންމީދުތައް

މި ދާއިރާގެ ދިރާސާތައް އަދިވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ފޫ ވިދާޅުވީ، މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި، މި ޖެނެޓިކް ބަދަލުތަކުގެ އެހީގައި އިންސާނުންނަށް އެހީތެރިވެދެވޭނެ ގޮތްތަކާ މެދު ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ. ބޭސް އުފައްދާ ސިނާއަތުގައި އޮތް އުންމީދަކީ، މަދުން ނިދާ މީހުންގެ މި ސިއްރުތައް ހޯދައި، ނިދުމުގެ ބަލިތަކަށް ފަރުވާދޭނެ ބޭސްތައް އުފެއްދުމެވެ. ނުވަތަ މިސާލަކަށް، ސިފައިން ފަދަ މަދު ނިދިކޮޅަކުން ފުއްދާލަންޖެހޭ މީހުންނަށް އެހީތެރިވެދިނުމެވެ.

އެކަން ކުރުމަށްޓަކައި، މި ވިރާސީ ބަދަލުތަކުން މީހުން ރައްކާތެރިކޮށްދެނީ ކިހިނެއްކަން ސައިންސްވެރިންނަށް ސާފުވާންޖެހެ އެވެ. އެ މައުލޫމާތު ނެތި ބޭހެއް އުފައްދައިފިނަމަ، އުންމީދު ނުކުރާ ފަދަ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ. "މިއީ މަސައްކަތްކުރާ ގޮތް ބަލަންޖެހޭ ކަމެއް. މަދުން ނިދާފައި 5 އަހަރު ނުވަތަ 20 އަހަރު ފަހުން އަލްޒައިމާ ނުވަތަ ކެންސަރު ފަދަ ބައްޔެއް ޖެހޭކަށް އެކަކުވެސް ބޭނުމެއް ނުވާނެ،" ފޫ ވިދާޅުވި އެވެ.

އެފް.އެން.އެސް.އެސް އާ ގުޅުންހުރި ޖެނެޓިކް މިއުޓޭޝަންތަކަކީ ވަރަށް ހައިރާންކުރުވަނިވި ކަމަކަށް ވިޔަސް، މިއީ ނިދާ ވަގުތަށް އަސަރުކުރާ އެތައް ކަމެއްގެ ތެރެއިން މަދު މިންވަރެކެވެ.

އާންމުކޮށް އިންސާނުން ނިދާ ވަގުތުގެ 30 އިންސައްތައާއި 65 އިންސައްތައާ ދެމެދުގެ މިންވަރަކީ ވިރާސީ ގޮތުން ނިންމާ ކަމެއް ކަމަށް ލަފާކުރެވެ އެވެ. މިހާތަނަށް ކުރި ދިރާސާތަކުން، ނިދާ ވަގުތަށް އަސަރުކުރާ ޖީނޯމްގެ އެތައް ސަތޭކަ ބައެއް ވަނީ ދެނެގަނެވިފަ އެވެ. ގާތްގަނޑަކަށް 650,000 މީހުންގެ މައުލޫމާތު ބޭނުންކޮށްގެން ހެދި އާ ދިރާސާއަކުން، މިފަދަ 244 ސަރަހައްދެއް ވަނީ ފާހަގަކުރެވިފަ އެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ޖެނެޓިސިސްޓް އިޒަބެލް އޮސްޓިން-ޒިމަމަން ވިދާޅުވި ގޮތުގައި، މީގެ ތެރެއިން ކޮންމެ މިއުޓޭޝަނަކުން ނިދާ ވަގުތަށް އަންނަނީ އެންމެ މިނެޓެއްހާ ވަގުތުގެ ތަފާތެކެވެ.

ނަމަވެސް، މި ހުރިހާ ބަދަލުތަކެއް އެކުވުމުން އޭގެ އަސަރު ބޮޑުވެ އެވެ. އާންމު މީހަކަށް ބަލާއިރު، މި ޖެނެޓިކް ތަފާތުތަކުގެ ސަބަބުން ނިދާ ވަގުތުގައި ގާތްގަނޑަކަށް 20 މިނެޓުގެ ތަފާތެއް ހުރެދާނެ ކަމަށް އޮސްޓިން-ޒިމަމަން ވިދާޅުވި އެވެ.

އެހެންނަމަވެސް، މި އާންމު ބަދަލުތަކުގެ ތެރެއިން މަދުން ނިދުމުން ކުރާ ނޭދެވޭ އަސަރުތަކުން މީހުން ރައްކާތެރިކޮށްދެނީ ކޮން ބަދަލުތަކެއްކަން ހޯދުމަށް އަދި މާ ގިނަ ދިރާސާތަކެއް ކުރެވިފައެއް ނުވެ އެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ކިއާރާ ޕެޓްރޯސެލިނީ އިސްވެ ހުންނަވައި ދާދި ފަހުން ކުރި ދިރާސާއަކުން މިފަދަ އެއް ހެކި ވަނީ ފެނިފަ އެވެ. އެ ޓީމުން ވަނީ "ބައިޕޯލާ ޑިސްއޯޑާ" ހުރި އަދި ދަރިން ވިހާފައިވާ 343 އަންހެނުންގެ ޖެނެޓިކްސް ދިރާސާކޮށްފަ އެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން، ޖެނެޓިކް ގޮތުން މަދުން ނިދާނެ ކަމަށް ބެލެވޭ މީހުންނަށް، ވިހެއުމަށްފަހު ކުރިމަތިވާ ނަފްސާނީ ބަލިތައް (ޕޯސްޓްޕާޓަމް ފްސައިކޯސިސް) ޖެހުމުގެ ފުރުސަތު، އެހެން މީހުންނާ އަޅާބަލާއިރު ދެގުނަ ކުޑަކަން ފާހަގަކުރެވުނެވެ. ނިދިނައުމުގެ މައްސަލަ ނުވަތަ އިންސޮމްނިއާގައި ވެސް ފެނުނީ ހަމަ މިފަދަ ނަތީޖާއެކެވެ.

މިކަމާ ގުޅޭ އިތުރު ދިރާސާތައް ބޭނުންވި ނަމަވެސް، ސައިންސްވެރިން ލަފާކުރާ ގޮތުގައި މި މީހުންގެ ހަށިގަނޑު ވަނީ ނިދި މަދުވުމަށް ކެތްކުރުމުގެ ބާރު ކުރިއްސުރެ އުފައްދާފަ އެވެ. އޭގެ ސަބަބުން، ވިހެއުމަށްފަހު ނިދި މަދުވާ ވަގުތުތަކުގައި އެމީހުންގެ މިޒާޖަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކޮށްދެނީ އެވެ.

ނަމަވެސް، ޖެނެޓިކް ގޮތުން މަދުން ނިދުމަކީ އަބަދު ރަނގަޅު ކަމެއް ނޫނެވެ. އޮސްޓިން-ޒިމަމަންގެ ޓީމުން ގިނަ ބަޔަކު ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، އާންމު ގޮތެއްގައި މަދުން ނިދުމާ ގުޅުންހުރި ޖެނެޓިކް ބަދަލުތަކުގެ ސަބަބުން އިންސޮމްނިއާ އާއި ވަރުބަލިވުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި އޭޑީއެޗްޑީ، ޑިޕްރެޝަން އަދި ޓައިޕް 2 ހަކުރުބަލި ފަދަ ނަފްސާނީ އަދި ޖިސްމާނީ ބަލިތަކާ ވެސް މިކަމާ ގުޅުން ހުރެ އެވެ.

މީގެ މާނައަކީ މަދުން ނިދުމުން މި ބަލިތައް ޖެހެނީއެކޭ ނޫނެވެ. ނަމަވެސް، ޖެނެޓިކް ގޮތުން މަދުން ނިދާ މީހަކަށް ވުމަކީ މިފަދަ ނުރައްކާތަކުން އަބަދު ރައްކާތެރިކޮށްދޭނެ ކަމެއް ނޫންކަން މީގެން އެނގެ އެވެ.

ރަނގަޅަށް ހުރި ކަމަށް ހީވުން

މިކަން އިތުރަށް އޮޅުންބޮޅުން ވަނީ، މަދު ނިދިކޮޅަކުން އަހަރެމެންނަށް އުޅެވޭ ކަމަށް ހީވި ނަމަވެސް، އެއީ އަބަދު ހަގީގަތަކަށް ނުވާތީ އެވެ.

އެއް ދިރާސާއަކުން ދެއްކި ގޮތުގައި، ސިއްހަތު ރަނގަޅު މީހުން ރެޔަކު ހަތަރު ގަޑިއިރު ނުވަތަ ހަ ގަޑިއިރު ނިދާ ގޮތަށް ބޭތިއްބުމުން، ދުވަސްވާ ވަރަކަށް އެމީހުންގެ ސިކުނޑީގެ މަސައްކަތްތައް ދިޔައީ ދަށްވަމުންނެވެ.

ނަމަވެސް، ދެ ހަފުތާ ފަހުން އެ މީހުންނާ ސުވާލުކުރުމުން ބުނީ، އެމީހުންނަށް ނިދި އަންނަނީ "ވަރަށް ކުޑަކޮށް" ކަމަށެވެ.

ވޮޝިންގޓަން ސްޓޭޓް ޔުނިވަރސިޓީގެ ސްލީޕް އެންޑް ޕާފޯމަންސް ރިސާޗް ސެންޓަރުގެ ސައިންސްވެރިޔާ ހާންސް ވަން ޑޮންގަން ވިދާޅުވި ގޮތުގައި، ނިދި މަދުވުމުން އިންސާނާގެ ގާބިލިއްޔަތު ދަށްވަމުންދާއިރު، އެކަން އަމިއްލައަށް އިހުސާސްކުރެވޭ މިންވަރު ވެސް ދަނީ ކުޑަވަމުންނެވެ.

ބައެއް މީހުންނަށް އެހެން މީހުންނަށްވުރެ މަދު ނިދި ބޭނުންވާކަމީ ހަގީގަތެކެވެ. ވަން ޑޮންގަންގެ ދިރާސާތަކުން ވެސް ދައްކާ ގޮތުގައި، ބައެއް މީހުންނަކީ ނިދި މަދުވުމުން ކުރާ އަސަރުތަކަށް ކެތްކުރުމުގެ ބާރު ގަދަ ބައެކެވެ. ނަމަވެސް މީގެ މާނައަކީ، މީހަކު ނިދާ ގަޑިއިރަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އޭނާއަށް އިހުސާސްކުރެވޭ ގޮތަށް ބަލައިގެން އެކަނި މި ތަފާތުތައް ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމެވެ.

ދިގު މުއްދަތަކަށް ބަލާއިރު، އޮސްޓިން-ޒިމަމަން އަދި ފޫ ފަދަ ސައިންސްވެރިންގެ ހޯދުންތަކުގެ އެހީގައި، މަދު ނިދިކޮޅަކުން ހަގީގަތުގައި ވެސް ފަރުޖައްސާލެވެނީ ކޮން ބަޔަކަށްކަން ދެނެގަނެވޭނެ އެވެ. އަދި އަމިއްލައަށް ރަނގަޅު ކަމަށް ހީވި ނަމަވެސް، ނިދި މަދުވުމުގެ ނުރައްކާ އޮތް މީހުން ވަކިކުރަން އެނގޭނެ އެވެ. އުންމީދަކީ، މަދުން ނިދާ މީހުންގެ ހަށިގަނޑުގެ ދިފާއީ ބާރު ގަދަކޮށްދޭނެ ބޭސްތަކެއް ކުރިމަގުގައި އުފެއްދުމެވެ.

ނަމަވެސް، މިވަގުތަށް މި ހޯދުންތަކުން ލިބޭ އެންމެ ބޮޑު ފައިދާއަކީ، މީހުންގެ ނިދުމުގެ އާދަތައް ހުންނަ ގޮތް އަމިއްލައަށް ދެނެގަތުމަށް އެހީތެރިވެދިނުމެވެ.

ބާނާޑް ބުނި ގޮތުގައި، އޭނާގެ ހަށިގަނޑުގައި އެފް.އެން.އެސް.އެސް މިއުޓޭޝަން ހުރިކަން އެނގުމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ސައިންސްވެރިއެއްގެ ހައިސިއްޔަތުން، އިންސާނުންގެ މެދުގައި ތަފާތުތައް ހުންނާނެކަން އޭނާއަށް ކުރިން ވެސް އެނގެ އެވެ. އަދި އޭނާގެ ފިރިމީހާއާއި ދަރިން ނިދާފައި ތިބޭ ވަގުތު، ހެނދުނު ހޭލައިގެން މަސައްކަތްތައް ނިންމާލަން ލިބޭ އިތުރު ވަގުތުގެ ފައިދާ އޭނާ އަބަދުވެސް ހޯދައެވެ.

"މިހާރު އަހަންނަށް ޖަވާބު ލިބިއްޖެ،" ބާނާޑް ބުންޏެވެ. "އަހަންނަށް އެނގިއްޖެ މިއީ ޖެނެޓިކް ގޮތުން އަހަރެން އުފެދިފައި ހުރި ގޮތްކަން. އެހެންވީމާ މިކަން ގަބޫލުކޮށްގެން ކުރިއަށްދާނީ."

މަސްދަރު: ބީބީސީ

ފެމިލިއަލް ނެޗުރަލް ޝޯޓް ސްލީޕްނިދިސިއްހަތު

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

3

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

4

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

06 ނޮވެމްބަރު 2026
ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
10 ސެޕްޓެމްބަރު 2026

ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލްގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށްދޭ އިންޖެކްޝަނެއް ސައިންސްވެރިން އުފައްދައިފި

10 ސެޕްޓެމްބަރު 2026
ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލްގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށްދޭ އިންޖެކްޝަނެއް ސައިންސްވެރިން އުފައްދައިފި
04 ސެޕްޓެމްބަރު 2026

އިންސާނަކަށް ލެއްވި އޫރުގެ ކިޑްނީ 271 ދުވަހު ރަނގަޅަށް މަސައްކަތްކޮށްފި

04 ސެޕްޓެމްބަރު 2026
އިންސާނަކަށް ލެއްވި އޫރުގެ ކިޑްނީ 271 ދުވަހު ރަނގަޅަށް މަސައްކަތްކޮށްފި
30 އޯގަސްޓު 2026

އެކުގައި ކެއުމަކީ ތިޔަ ހީކުރާވަރަށް ވުރެ ފައިދާހުރި ކަމެއް

30 އޯގަސްޓު 2026
އެކުގައި ކެއުމަކީ ތިޔަ ހީކުރާވަރަށް ވުރެ ފައިދާހުރި ކަމެއް
27 އޯގަސްޓު 2026

އޭއައި އެހީގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފި

27 އޯގަސްޓު 2026
އޭއައި އެހީގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފި
25 އޯގަސްޓު 2026

އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

25 އޯގަސްޓު 2026
އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ
20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
10 އޯގަސްޓު 2026

ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!

10 އޯގަސްޓު 2026
ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!
08 އޯގަސްޓު 2026

އިނގިލިތަކުން ކަށި ގޮއްވަން ވާނެތަ؟

08 އޯގަސްޓު 2026
އިނގިލިތަކުން ކަށި ގޮއްވަން ވާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް