ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޖުމްލަ ލިބުނީ 182 ބިލިއަން ރުފިޔާގެ ބަޖެޓެއް، މިސަރުކާރުގެ މިހާތަނަށް ޖުމްލަ 230 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވޭ: މެންބަރު ޣަފޫރު
9 ނޮވެމްބަރު 2026 | ހޯމަ 11:52މި ސަރުކާރުގެ ބަޖެޓު ކުރީގެ ސަރުކާރުތަކަށްވުރެ ބޮޑު ނަމަވެސް، ހަނިމާދޫ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ. ދައުލަތުގެ ދަރަނި 154 ބިލިއަނަށް އަރާފައިވާކަން ފާހަގަކުރައްވައި، ސަރުކާރުން ވައުދުވީ ކަންކަން ނުކުރެވޭތީ އޭނާ ވަނީ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފައި


ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން | ރާއްޖެ އެމްވީ
ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޖުމްލަ ލިބުނީ 182 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި މިސަރުކާރުގެ ތިން އަހަރަށް ޖުމްލަ 230 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި 2019 ވަނަ އަހަރު ލިބުނީ 30 ބިލިއަން ރުފިޔާ، 2020 ވަނަ އަހަރު ލިބުނީ 37 ބިލިއަން، 2021 ވަނަ އަހަރު ލިބުނީ 34 ބިލިއަން، 2022 ވަނަ އަހަރު ލިބުނީ 36 ބިލިއަން އަދި 2023 ގައި ލިބުނީ 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
މިއާހިލާފަށް މިސަރުކާރުގައި 2024 ވަނަ އަހަރަށް 49 ބިލިއަން، 2025 ވަނަ އަހަރު 56 ބިލިއަން، 2026 ވަނަ އަހަރު 64 ބިލިއަން އަދި އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. ނަމަވެސް ކުރީ ސަރުކާރުތަކާއި އަޅާބަލާއިރު ބޮޑު ބަޖެޓެއް ލިބުނު ނަމަވެސް އެއްވެސް މަޝްރޫއުއެއް ނުހިނގާ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ.
އެގޮތުން، މެންބަރު ޣަފޫރު ވަނީ ހަނިމާދޫ ދާއިރާއަށް އެއްވެސް ކަމެއް ނުވާ ކަމަށް ވިދާޅުވެފައި އެވެ.
ހަނިމާދޫގެ މަގުހަދަން ރައީސް ވައުދުވީ 2023 ވަނަ އަހަރު، ހަނިމާދޫ އެއާޕޯޓުގައި 70 މީޓަރު އިތުރަށް ރަންވޭ އިތުރުކޮށްދޭން ބުނި، އެކަމެއް ނުވޭ އަދިވެސް ހަނިމާދޫގައި ހޮސްޕިޓަލެއް އަޅައިދޭން ބުނި އެކަމެއް ވެސް ނުވޭ އިއްޒަތްތެރި ރައީސް ހަނިމާދޫގައި ޕޮލިސް ސްޓޭޝަންއެއް އަޅައިދޭން ސަރުކާރުން ބުނި އެހެންނަމަވެސް ތަނބު ޖެހުން ފިޔަވާ އިތުރު ކަމެއް ހިނގާފަކައި ނެތް އޭގެ އިތުރަށް ވެސް ވަރަށް ބައިވަރު ކަންކަން ހަނިމާދޫގައި ކޮށްދޭން ސަރުކާރުން ބުނި އެއްވެސް ކަމެއް ހިނގާފަކައި ނެތް އިއްޒަތްތެރި ރައީސްއަބްދުލްޣަފޫރު މޫސާ (ގަޕޯ)
މީގެ އިތުރުން މިސަރުކާރު ވެރިކަމަށް އައިއިރު ދައުލަތުގެ ދަރަނި ހުންނާނީ 123 ބިލިއަން ރުފިޔާގައި ކަން ފާހަގަކުރައްވާ މެންބަރު ޣަފޫރު ވިދާޅުވީ މިހާރު ދައުލަތުގެ ދަރަނި ހުރީ 154 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދެއްކީ އިތުރަށް ބޮޑެތި ދަރަނި ނަގައިގެން ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ.











