ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!
4 ނޮވެމްބަރު 2026 | ބުދަ 07:08އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅީ، ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށްފައި. ނަމަވެސް، މަޖިލީހުގައި އެ ތުހުމަތުތަކުން ދިފާއުވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފައި


އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | މަޖިލިސް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ފާސްނުވާކަމަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
ބުދަ ދުވަހު ނެގުނު ވޯޓުގައި ސައީދުގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް 10 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، އެއާ ދެކޮޅަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މިނިސްޓަރު ސައީދު، ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވެފައިވާ އިރު، ގާނޫނު އަސާސީގެ 134 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގާފައިވާތީ މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެ ޕާޓީ އިން ވަނީ 6 ކަމެއް ހުށަހަޅާފަ އެވެ.
އެގޮތުން ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށް ގޮސް، ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓިފައިނުވާކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި މައްސަލައިގައި ދިފާއުގައި މިނިސްޓަރު ބުދަ ދުވަހު ވަނީ މަޖިލީހުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެ، ތަކެތީގެ އަގު ބޮޑުވެފައިވާއިރު، ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް ސަރުކާރުން ކުރިން އުންމީދުކުރި 400 މިލިއަން ޑޮލަރާ ގާތްކުރާ މިންވަރަށް ވެސް އާމްދަނީ ލިބިފައިނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިނިސްޓަރު ވަނީ މަޖިލީހުގައި އެ ހުރިހާ ތުހުމަތުތަކެއް ދިފާއު ކުރައްވައި، އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.











