މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
8 ނޮވެމްބަރު 2026 | އާދީއްތަ 06:20ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފަށް ބާރުގެ ބޭނުންކުރައްވާ ކަމަށް ތުހުމަތުކުރައްވައި، އެމަނިކުފާނު އަޒުލުކުރުމުގެ ދުސްތޫރީ ޒިންމާ މަޖިލީހުން އަދާނުކުރާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި. އެހެންކަމުން މަޖިލީހުން އެ މަސްއޫލިއްޔަތު އަދާނުކުރާ ނަމަ، ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައި


ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ | ރާއްޖެއެމްވީ
ރައްޔިތުން ތަމްސީލުކުރާ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރާއްޖޭގައި އޮތް ނަމަ، މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވާނީ މަގާމުން ވަކިކުރެވި ނުވަތަ އަޒުލުކުރެވިފައި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަފްހޫމަކީ ގާނޫނުއަސާސީ ދަންނަ މަފްހޫމެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީ ދަންނަ މަފްހޫމަކީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުން ނުވަތަ އަޒުލުކުރުން ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފަށް ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައި ރައީސް އަޒުލުކުރުމުގެ ބާރު ގާނޫނުއަސާސީން މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށާއި ރައްޔިތުންނަށް ހިޔާނާތްތެރިވެ، އެ މީހުންގެ ދުސްތޫރީ މަސްއޫލިއްޔަތުން އެއްކިބާވެފައިވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.
މީގެ އިތުރުން ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މަޖިލީހުން އެ ޒިންމާ އަދާނުކޮށްފި ނަމަ ދެން އޮންނާނީ އެންމެ ހައްލެއް ކަމަށާއި އެއީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ރައްޔިތުންގެ ބާރު" މި މައުޟޫއުގެ ދަށުންނެވެ.
އެ މާއްދާގައި އޮންނަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގަ އެވެ. މިއީ ދައުލަތުގެ އަސްލު ވެރިކަމާއި އެންމެހައި ބާރުތަކުގެ ހަގީގީ ވެރިންނަކީ ދިވެހި ރައްޔިތުން ކަން ކަށަވަރުކޮށްދޭ މާއްދާއެކެވެ.
އެހެންކަމުން ޑރ. އަހްމަދު އަބްދުﷲ ދީދީ އެގޮވާލެއްވީ، މަޖިލީހަށް ރައީސް މުއިއްޒު އަޒުލް ނުކުރެވޭނަމަ އެކަން ކުރެވޭނީ ރައްޔިތުން ނުކުމެ އެކަން ކުރެއްވުމަށް ކަމަށް ބެލެވެ އެވެ.











