އިސްރާއީލު ޕާސްޕޯޓު މަނާކުރުން: ރައީސް މުއިއްޒު ވިދާޅުވާ ވާހަކަފުޅާއި ލޮލަށް ފެންނަން އޮތް ތާރީޚީ ހަގީގަތް!
31 އޮކްޓޯބަރު 2026 | ހޮނިހިރު 08:27އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ އިސްނެންގެވުމަކީ ރައީސް މުއިއްޒުގެ އަމިއްލަފުޅު މަސައްކަތްޕުޅެއް ކަމަށް ވިދާޅުވާ ވާހަކަފުޅަކީ ހަގީގަތާ ޚިލާފު އޮޅުވާލުމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. މި ބިލަކީ ކުރީގެ ސަރުކާރުގައި މަޖިލީހަށް ހުށަހެޅި ބިލަކަށްވާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން މިކަން ލަސްކުރަމުން ގޮސްފައިވަނީ ރައްޔިތުންގެ ބޮޑެތި ފިއްތުންތަކާ ކުރިމަތިވުމުން ކަމަށް މަޖިލީހުގެ ޔައުމިއްޔާތަކުން ހާމަވޭ


އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ރައީސް އޮފީސް ކައިރީގައި ބޭއްވި އެއްވުމެއްގެ ތެރެއިން | ރާއްޖެއެމްވީ
ޣައްޒާގެ ކުށެއްނެތް މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ދެކޮޅަށް މިއަދާ ހަމައަށްވެސް ރާއްޖޭގެ ރައީސަކު ވާހަކަފުޅު ދައްކަވާ މަސައްކަތް ނުކުރައްވާ މިންވަރަށް ތިމަން މަނިކުފާނު މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، ވެރިކަމުގެ ޓްރާންސިޝަން މަރުހަލާގެ ފުރަތަމަ ދުވަހުން ފެށިގެން އެ އަޑު އުފުއްލެވި ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅަކީ ލޮލަށް ފެންނަން އޮތް ތާރީޚީ ހަގީގަތްތަކާ ސީދާ ފުށުއަރާ، އޮޅުވާލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ޒައީމުންނަކީ ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވައި، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި ސިޔާސަތުތައް ކަނޑައެޅުއްވި ވެރިންނަށްވާއިރު، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ރައްޔިތުންގެ ހަނދާނުގައި އަދިވެސް ހުރީ އިއްޔެ ހިނގި ކަމެއް ފަދައިން ވަރަށް ތާޒާކަމާއެކުގަ އެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލައަކީ އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހުކޮޅުން ފެށިގެން ދެކެވެމުން އައި ވާހަކައަކަށްވާއިރު، އެކަމަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ވެރިކަމުގައި، 2023 ވަނަ އަހަރުގެ މޭ މަހު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު އެވެ. އެއީ މި ސަރުކާރުން ނުވަތަ ޕީއެންސީގެ މެންބަރަކު އިސްނަގައިގެން ކުރި ކަމެއް ނޫނެވެ.
މި ބިލު މަޖިލީހަށް ބަލައިގަނެ، 241 ކޮމިޓީއަށް ދިރާސާކުރަން ފޮނުވުމަށްފަހު، އެއްވެސް ކުރިއެރުމެއް ނައިސް ކޮމިޓީގައި ބިލު ފިނިކުރަން ބާއްވާފައި އޮތީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލާއި ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެއްގަ އެވެ. ސަރުކާރުން ބޭނުންވާ މުހިންމު ބިލުތަކާއި، ގާނޫނުއަސާސީއަށް ގެންނަން ބޭނުންވި ބޮޑެތި އިސްލާހުތައް އެންމެ 4 ގަޑިއިރާއި 8 ގަޑިއިރުގެ ތެރޭގައި އެއްވެސް ހުރަހެއްނެތި ފާސްކުރަމުން ދިޔައިރު، މުޅި އިސްލާމީ އުންމަތާއި ދިވެހި ރައްޔިތުންގެ ޖަޒުބާތާ ގުޅިފައިވާ މި ބިލު ކޮމިޓީގެ މޭޒުމަތީގައި އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ނުނިންމައި ބޭއްވި ބޭއްވުމަކީ ސަރުކާރުން މިކަމުގައި އިޚްލާސްތެރިކަމެއް ނެތްކަން ހާމަވި ސާފު ހެއްކެއްނޫންތޯ އެވެ.
ހަމައެއާއެކު، ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަތަކާއި ގަރާރުތައް ޕީއެންސީގެ މެޖޯރިޓީން ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަމުން ދިޔަކަންވެސް މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނަން އެބައޮތެވެ. ބިލުގެ މަސައްކަތް ލަސްވެ، ސަރުކާރުގެ ދޯހަޅި ސިޔާސަތާ ދެކޮޅަށް ރައްޔިތުން މަޖިލިސް އިދާރާ ކައިރިއަށް އެއްވެ، މަގުމަތީގައި ތަކުރާރުކޮށް އިހުތިޖާޖުކޮށް އަޑުއުފުލައި، އެތައް ފިއްތުންތަކެއް ކުރިމަތިކުރުވުމުން ނޫނީ ސަރުކާރުން މި މައްސަލައިގައި ގުޑައެއް ނުލި އެވެ. 300 އަށްވުރެ ގިނަ ދުވަހު ކޮމިޓީގައި ބޭއްވުމަށްފަހު ބިލު ފާސްކުރަން މަޖިބޫރުވީ ރައްޔިތުން މަގުމައްޗަށް ނުކުމެ ސަރުކާރުގެ "އަތް އަނބުރާލައިގެން" ކަމަށްވާއިރު، މިއަދު ނުކުމެވަޑައިގެން އިސްރާއީލު ޕާސްޕޯޓު މަނާކުރަން އެންމެ ފުރަތަމަ އިސްނަންގަވައިގެން ތެދުވެވަޑައިގެންނެވީ ޚުދު އެމަނިކުފާނު ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ލަދުވެތި އޮޅުވާލެއްވުމެއް ނޫންތޯ އެވެ.
އެހެން މީހުން އުޅުނީ ހިހޫތަނުން ކާން ކަމަށާއި އެކަން ކުރަން ކެރުނީ ހަމައެކަނި ތިމަންމަނިކުފާނަށް ކަމަށް ވިދާޅުވެ، ބޭރުގެ އެކި ފަރާތްތަކުން އެކަން ނުކުރުމަށް އަންގައި ފޯނުކޯލުތައް އައި ކަމަށް ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަތާ މުޅިން ޚިލާފު، އަމިއްލަފުޅު ބަތަލުކަން ދެއްކެވުމަށް މުޅިން ޚިޔާލީ، ހަދައިގެން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
ދިވެހި ތާރީޚު ލިޔުއްވި ހުސައިން ޞަލާހުއްދީނާއި މުހައްމަދު އަމީނާއި އަހުމަދު ޝަފީގު ފަދަ އިލްމުވެރި މުއައްރިޚުން މިއަދު ދުނިޔޭގައި ނެތް ނަމަވެސް، އިއްޔެ ހިނގާދިޔަ ކަންކަން ރައްޔިތުންގެ ލޯމަތީގައި ފެންނަން ހުއްޓައި ތާރީޚު މިފަދަ ގޮތަކަށް އޮޅުވާލަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދޮޅު އަހަރު ދުވަސް ނުވާ މި ހާދިސާގެ ހަގީގަތްތައް ލައިވް ޓީވީގައި އިންނަވައިގެން ރައީސް މުއިއްޒު އެ އޮޅުވާލައްވަނީ ކާކަށް ކޮން އެއްޗެއް ވިސްނައިދެއްވަންތޯ އެވެ. ލޮލަށް ފެންނަން ހުރި ތާރީޚީ ކަންކަމާއި ރައްޔިތުންގެ ލޯމަތީގައި ހިނގާދިޔަ ހަގީގަތްތައް، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި އޮޅުވާލައްވަން އުޅުއްވުމަކީ ރައްޔިތުންގެ ވިސްނުމާއި ހޭލުންތެރިކަމަށް ކުރެވޭ މަލާމާތެއް ނޫންތޯ އެވެ؟









