ހުރްމުޒް ކަނޑުއޮޅީގައި އަނެއްކާ ވެސް ނުރައްކަލުގެ ރަނގަބީލު: އުޅަނދެއްގައި އަލިފާން ރޯވެ އަނދަނީ!
30 އޮކްޓޯބަރު 2026 | ހުކުރު 04:21ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދެއްގައި އަލިފާން ރޯވެފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ޔޫކޭއެމްޓީއޯއިން އިލްތިމާސްކޮށްފި. ޢުމާނުގެ ޚަޞަބު ކައިރިން ހިނގި މި ހާދިސާގެ ތަފުސީލާއި ލިބުނު ގެއްލުން އަދި ސާފުނުވާއިރު، މިއީ އީރާނާއި އެމެރިކާގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާއެއް. މި މައްސަލަ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުން

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ކަނޑު އަޑީގެ މައިނެއްގައި ޖެހި އަލިފާން ރޯވި ކަމަށް ބުނާ އާގުބޯޓު. | އެކްސް
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އުޅަނދެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) ސެންޓަރުން ބުރާސްފަތި ދުވަހުގެ ރޭ ބުނެފި އެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ދުނިޔޭގެ ހަކަތައާއި މުދާ އުފުލުމުގެ މައިގަނޑު އެއް މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން، އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އޮމާނުގެ ޚަޞަބުގެ އިރުއުތުރުން 25 ކަނޑުމޭލު ބޭރުގަ އެވެ. "ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އޮމާނުގެ ޚަޞަބުގެ އިރުއުތުރުން 25 ކަނޑުމޭލު ބޭރުން ހިނގި ހާދިސާއެއްގެ ރިޕޯޓު ޔޫކޭއެމްޓީއޯއަށް ވަނީ ލިބިފައި. ތިންވަނަ ފަރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސަރަހައްދުން ބޭރަށް ދަތުރުކުރަމުންދިޔަ އުޅަނދެއްގައި މިހާރު ދަނީ އަލިފާން ރޯވެ އަނދަމުން. މި ރިޕޯޓު ލިބުނު ވަގުތާ ހަމައަށް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައެއް ނުވޭ،" ޔޫކޭއެމްޓީއޯ ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ހާދިސާގައި އަނދަމުންދާ އުޅަނދުގައި ތިބި ފަޅުވެރިންގެ ހާލަތާއި، އުޅަނދަށް ލިބުނު ގެއްލުމުގެ ތަފުސީލުގެ އިތުރުން، ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ. ކަމާބެހޭ އިދާރާތަކުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، "އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވެ ރައްކާތެރިކަމާއެކު ދަތުރުކުރުމަށާއި، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ ޔޫކޭއެމްޓީއޯއަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަން،" ބަޔާނުގައި ބުންޏެވެ.
ހުރްމުޒް ކަނޑުއޮޅީގެ މި ހާދިސާ ފެންމަތިވެފައި މި ވަނީ ސަރަހައްދީ ހަމަނުޖެހުންތައް އިންތިހާއަށް ބޮޑުވެފައިވާ ވަގުތެއްގަ އެވެ. މި ގޮތުން ފެބުރުވަރީ މަހުގެ ތެރޭގައި އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފަށާފަ އެވެ. މި ހަނގުރާމައިގައި އިސްރާއީލަށާއި މެދުއިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ ތެހެރާނުން ރައްދު ދިން ފަހުން، ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނީ އެޕްރީލު މަހުގަ އެވެ.
ހަމަމިއާއެކު، ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތަކާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. ނަމަވެސް، އިސްތިރާޖީ ގޮތުން މުހިންމު މި ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އެ ފަހުމުނާމާ ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ނުގޮސް މަޑުޖެހިފަ އެވެ. މިއާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން މިހާރު ވެސް ދަނީ އިތުރަށް ފުޅާވަމުންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











