ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެ ތަރައްގީ ކުރެެވޭނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބާރު ދީގެން: މޭޔަރު އާޒިމް
7 ނޮވެމްބަރު 2026 | ހޮނިހިރު 08:14ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ކުޑަކޮށް، ބިންތައް ނަގަމުންދާތީ އެކަމުގެ ކަންބޮޑުވުން މާލޭގެ މޭޔަރު އާދަމް އާޒިމް ފާޅުކުރައްވައިފި. މި ބަދަލުތަކުގެ ސަބަބުން ކައުންސިލްގެ އާމްދަނީން 80 އިންސައްތަ އުނިވެ، ލާމަރުކަޒީ ނިޒާމު ހަލާކުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، ގައުމު ތަރައްގީކުރެވޭނީ ކައުންސިލްތަކަށް ފުރިހަމަ ބާރުދީގެން ކަމަށް މޭޔަރު ފާހަގަކުރެއްވި


"ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" ނަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން | މާލެ ސިޓީ ކައުންސިލް
ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެ ތަރައްގީ ކުރެެވޭނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބާރު ދީގެން ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" ނަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން އެ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ބަލަން މާލެ އަންނަން ޖެހޭ ކަމަށެވެ. ނަމަވެސް ކަންކަން ހިނގަން ޖެހޭނެ ގޮތަކީ މިއީ ނޫން ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން މިހާރު މަސް މާރުކޭޓް އެޅުމާއި ގަސް ކެނޑުމާއި ހަވާލުވެގެން އުޅޭކަން ފާހަގަކުރައްވާ މޭޔަރު އާޒިމް ވަނީ މިފަދަ ކުދިކުދި ކަންކަން ކުރަން ވިސްނުމުން ސަރުކާރަށް ހިންގޭނީ ކޮން ބޮޑު މަޝްރޫއުއެއްތޯ ސުވާލު އުފައްދަވާފަ އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މިގައުމު ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުން އެނޫން ގޮތަކަށް ނުކުރެވޭނެ، މި ގައުމު އެތަށް ހާސް އަހަރެއް ވަންދެން މި ގައުމު މިގޮތަށް ތަރައްގީ ނުވެ އޮތީ ރަނގަޅު ނިޒާމެއް ނުގެނެވުމުން އެއީ ލާމަރުކަޒީ ނިޒާމު ގެނައުމަށްފަހު ރަނގަޅު ތަރައްގީގެ ބާރު ސްޕީޑްއެއްގައި ގައުމު ހިނގަމުންދާން ފަށައިފި. އޭތި ހަލާކު ކޮށްލަން ވެގެން މިއުޅެނީ އަނެއްކާ ވެސް އެންމެ ކުރީ ޒަމާނުގައި އޮތް މިތާ ހުންނަ ވެރިމީހާ ކައިރީގައި އާދޭސް ދަންނަވާލައިގެން ތިމަންނަގެ ބަނދަރު ތިމަންނަގެ ސްކޫލް ތިމަންނަގެ މަގުން ތަންކޮޅެއް ހަދައިދޭން މި ސިސްޓަމް ގެންނަން އަޅުވެތި ކުރުވަން އުޅޭ ސިސްޓަމެއް މިހާރު މި އަންނަނީއާދަމް އާޒިމް
މީގެ އިތުރުން، ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްފަހު ކައުންސިލުގެ ގިނަ ބިންތަކެއް ގާނޫނާ ހިލާފަށް ސަރުކާރަށް ނަގަން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުން މާލޭގެ ދުރުރާސްތާ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
އެގޮތުން، ކުއްލިއަކަށް މާލެ ސިޓީ ކައުންސިލުން ބިންތަކެއް ސަރުކާރަށް ނެގުމުގެ ސަބަބުން ކައުންސިލްގެ އާމްދަނީ ފަންޑަށް 2027 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ގާތްގަނޑަކަށް 80 އިންސައްތަ އުނިވެގެންދާނެ ކަމަށާއި، ސަރުކާރުގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ކައުންސިލުގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.










