ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް
22 އޮކްޓޯބަރު 2026 | ބުރާސްފަތި 04:55މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނެގުމުން ކަމަށް މޭޔަރު އާޒިމް ވިދާޅުވި. މާލޭގެ ސްޓޯމް ވޯޓާ ސިސްޓަމް އެކި މުއައްސަސާތަކަށް ބެހިފައި އޮތުމަކީ ނިޒާމު ބެލެހެއްޓުމަށް އޮތް ހުރަހެއް ކަމަށާއި، މިކަމަށް އަވަސް ހައްލެއް ހޯދުމަށް މޭޔަރު ވަނީ ގޮވާލައްވާފައި


ބުދަ ދުވަހުގެ ރޭ މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފިހާރައަކަށް ފެން ވަންނާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ | ރާއްޖެއެމްވީ
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވި ދަތިތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލަ ބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނެގުމުން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެދެވޭ ރަނގަޅު ހައްލެއް ހޯދިފައި ވަނިކޮށް، އަނެއްކާވެސް ރައްޔިތުން މިފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު އާޒިމް ވިދާޅުވީ، މި މައްސަލަ މިހާ ބޮޑުވެގެން ދިޔައީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް ނެގުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން މާލޭގެ ސްޓޯމް ވޯޓާ ސިސްޓަމް ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ، މުޅި ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ނަގާފައިވާ ޕަމްޕްތަކަށް އަވަސް ބަދަލު ހައްލެއް ހޯދައި، ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ހަރުދަނާކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މޭޔަރު އާޒިމް ވަނީ ގޮވާލައްވާފަ އެވެ. އަދި ރައްޔިތުންނަށް ލިބޭ މިފަދަ ތަކުލީފުތަކަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން މިހާރުން މިހާރަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް މޭޔަރު އާޒިމް އެދިވަޑައިގެންނެވި އެވެ.
އަބަދުވެސް މާލެއަށް ބޯކޮށް ވާރޭވެހޭނަމަ އެންމެ ބޮޑަށް ފެން ބޮޑުވެ ގެއްލުން ވަނީ މާފަންނު އަވަހަށެވެ. ފެން ޕަންޕުތައް ނަގާފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއިރު، އަމީނީމަގުގެ ފަހު ސެގްމެންޓްގެ ތާރުގަނޑު ނަގައި ދެވަނަ ފަހަރަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެމަގު އާއްމުންނަށް ހުޅުވާލިތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އަދި މިހާރު ތަރައްގީ ކުރަމުންދަނީ އަމީނީ މަގާއި، ބޮޑު ތަކުރުފާނު މަގު ގުޅޭ ހިސާބުން ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓެވެ.











