ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟
23 އޮކްޓޯބަރު 2026 | ހުކުރު 13:18ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަކީ، ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުން އެ ޚަރަދު ހަމަޖައްސަން ޖެހުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅޭނެ ކަމެއް. މިއީ ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް، ކައުންސިލްތައް މާލީ ގޮތުން ސަރުކާރަށް ބަރާބަރުކުރުމަށް ރާވައިގެން ހިންގާ އަމަލެއް


ށ. އަތޮޅު، އަތޮޅު ކައުންސިލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރުން އެންމެ ގިނައިން ދައްކާ އެއް ވާހަކަ އަކީ މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ދަންނަ ސަރުކާރު ކަމަށް ބުނެ ދައްކާ ވާހަކަ އެވެ. ރައީސް މުއިއްޒު ވިދާޅުވާ ގޮތުން އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެވެ. އެހެން ނަމަވެސް ސަރުކާރުގެ އަމަލުތަކުން އެއީ ކިހާ ބޮޑު އޮޅުވާލުމެއްކަން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ ހާމަވަމުންނެވެ. ލާމަރުކަޒީ ނިޒާމު މުޅިން ފުނޑާލައި، އެ ނިޒާމުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ. ކައުންސިލުތަކުގެ އިޚުތިސާސްގައި ހުންނަ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ނަމަ ނެގޭ ގޮތަށް ހެދުމަށްފަހު ކައުންސިލްތަކަށް ވަޒީފާތަކަށް މީހުން ނެގުމުގެ ބާރުތައް ވެސް މި ސަރުކާރުން އަތުލައިފި އެވެ.
މި ހުރިހާ ކަމަކަށްފަހު ވެސް މިއީ ކައުންސިލްތަކަށް އެންމެ ގިނަ ބާރުތައްދީ ކައުންސިލްތަކުގެ ހައްގުގައި ހަރުދަނާ މަސައްކަތްތަކެއް ކުރާ ހަމައެކަނި ސަރުކާރު ކަމަށް ތަކުރާރުކޮށް އެ ދަނީ ބުނަމުންނެވެ. މިހާރު ދެން ކުރަން މިއުޅެނީ އަދި ހިތުން މާ މޮޅު ކަމެެކެވެ. އެގޮތުން ކައުންސިލްތަކުގެ މުސާރަތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން މި ވަނީ ނިންމާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން އާންމު ކައުންސިލަރުންގެ މުސާރަތައް ސަރވިސް އެލަވެންސްގެ ނަމުގައި ބޮޑުކުރަން ފާސްކޮށްފައިވާއިރު، މިފަދަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭއިރު، މިއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރަށްރަށުގައި ހިންގަން ރާވާފައިވާ އަދި މިހާރު ހިނގަމުންދާ ތަރައްގީގެ ކުދި އަދި ބޮޑެތި މަޝްރޫއުތައް ހުއްޓުވާލުމަށް ނުވަތަ މަޑުޖައްސާލުމަށް މަގުފަހިކޮށްދޭ "މާސްކް" އެކެވެ.
ކައުންސިލްތަކުގެ މުސާރަ ބޮޑު ކުރަން ކޮމިޓީ އިން ފާސްކުރިއިރު، މި ފައިސާ އަކީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓުން ޚަރަދުވާނެ ފައިސާ އެވެ. ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދެވޭ ބްލޮކް ގްރާންޓް ނުވަތަ އެހީގެ ފައިސާއަކީ މީގެކުރިން ވެސް ރަށްރަށުގެ އަސާސީ ބޭނުންތަކާއި، ކުދި އަދި މެދު ފަންތީގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެކަށީގެންވާ ވަރަށްވުރެ މާކުޑަ އަދަދެކެވެ. ގިނަ ރަށްރަށުގައި ކައުންސިލްތަކަށް ލިބޭ މަދު ފައިސާކޮޅު ހޭދަކުރަންޖެހެނީ އިދާރީ މުވައްޒަފުންގެ މުސާރަތަކާއި ކަރަންޓު ބިލާއި އޮފީސް ހިންގުމުގެ ހަރަދުތަކަށެވެ. މިފަދަ ހާލަތެއްގައި އޮއްވައި، ކައުންސިލްތަކުގެ ވެރިންނާއި މެންބަރުންގެ މުސާރަ ސަރވިސް އެލަވެންސްގެ ނަމުގައި އިތުރުކުރުމުން، އެ ކައުންސިލްތަކަށް ބަޖެޓުން ލިބޭ ގްރާންޓުގެ ބޮޑު ބައެއް ހޭދަވެގެންދާނީ އެ މުސާރަތައް ދިނުމަށެވެ.
ނަތީޖާއެއްގެ ގޮތުން، ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށާއި ތަރައްގީގެ އައު މަޝްރޫއުތައް ފެށުމަށް ބޭނުންވާނެ އެއްވެސް މާލީ ތަނަވަސްކަމެއް ކައުންސިލްތަކުގެ އަތުގައި ނުހުންނާނެކަން މިއީ އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަންތަކެވެ. ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް އެއްވެސް މަޝްރޫއެއް ނުހިންގާ މިފަދަ ދަނޑިވަޅެއްގައި، ކައުންސިލްތަކުގެ މުސާރަ ބޮޑުކުރުމަކީ ރަށްރަށުގެ ތަރައްގީއަށް ހުރަސްއެޅުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެއްކަން މިއީ މިއަދު ހަމަ ބުއްދިން ވިސްނާ ކޮންމެ މީހަކަށް ވެސް ފަހުމުވާނެ ކަންކަމެވެ.
ހިތުން ދެން މިކުރީ ވަރަށް މޮޅު ކަމެކެވެ. މި ކުރި ކަމެއް ރައްޔިތުންނަށް ނުވެސް އެނގޭނެ އެވެ. އެހެން ނަމަވެސް މިހާރު ރައްޔިތުންނަށް މާރަނގަޅަށް ވެސް މި ސަރުކާރު ދަސްވެއްޖެ އެވެ. ސަރުކާރުން ރާވައިގެން ކައުންސިލްތަކަށް ދަތިކުރުމަށް ކުރާ މި މަސައްކަތުގެ ހަގީގަތް ވެސް ރައްޔިތުންނަށް އެނގެ އެވެ. މުސާރަ ބޮޑު ކުރުމުގެ ނަމުގައި އަނެއްކާ ވެސް ކައުންސިލްތައް ސަރުކާރަށް އަޅުވެތި ކުރުމަށް ކުރާ މި މަސައްކަތުގެ ހަގީގީ މަގުސަދު ވެސް އެނގިއްޖެ އެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫނެވެ. މިއީ މަރުކަޒީ ނިޒާމުގެ ޗެމްޕިއަނެކެވެ.
މިފަދަ ދަނޑުވަޅެއްގައި މުސާރަ ބޮޑުކުރުމުގެ ބަދަލުގައި އިސްކަންދޭންޖެހޭނީ ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ގައުމުގެ އިގުތިސާދު ސަލާމަތް ކުރުމަށެވެ. ނަމަވެސް، ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން މިކަން ފާސްކޮށްފައި ވަނީ އިގުތިސާދީ ހާލަތަށް ބެލުމެއްނެތި ކަމަށްވާއިރު، މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ނުވަތަ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ގެންގުޅޭ އުކުޅެކެވެ.
މުސާރަ ބޮޑުވުމުގެ ސަބަބުން ކައުންސިލްތަކަށް ފައިސާ ނުލިބި، ރަށްރަށުގައި ހިންގަން ރާވާފައިވާ މަޝްރޫއުތައް ހުއްޓުމަކަށް އައުމަކީ ލާމަރުކަޒީ ނިޒާމު ފެއިލްވެގެންދާނެ ކަމެކެވެ. ރާއްޖޭގެ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ ތަރައްގީގެ ބާރުތައް ކައުންސިލްތަކާ ހަވާލުކޮށްފައިވީ ނަމަވެސް، މާލީ ގޮތުން ކައުންސިލްތައް ނިކަމެތިކޮށްލުމަކީ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ހުރަސްއެޅޭގޮތަށް ޖަހާ މަޅިއެކެވެ. ރައްޔިތުން ކައުންސިލަރުން އިންތިހާބުކޮށްފައި ވަނީ ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް މިފަދަ ނިންމުންތަކުގެ ސަބަބުން ކައުންސިލަރުންނަށް ވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ދަތިވެ، ރަށްރަށުގެ ތަރައްގީ މުޅިން ހުއްޓިގެންދާނެ އެވެ.









