އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ލުއިތައް ހޯދައިދޭނަން: އާޒިމް
1 ނޮވެމްބަރު 2026 | އާދީއްތަ 14:41މާލޭ މަސްމާރުކޭޓަށް ކުރެއްވި ޒިޔާރަތުގައި އާޒިމް ވަނީ މަހުގެ އަގާއި، އައިސް އަދި ތެޔޮ ލިބުމުގެ ދަތިކަމުގެ އިތުރުން މިފްކޯގެ ހިންގުމާ މެދު މަސްވެރިން ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައި. މި ސަރުކާރުން މަސްމާރުކޭޓުގެ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް ތުހުމަތުކުރައްވައި، އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ މަޝްރޫއުތައް ނިންމައި މަސްވެރިންނަށް ފުރިހަމަ ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި


އާދިއްތަ ދުވަހު މާލޭގެ މަސްމާރުކޭޓަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު މާލެސިޓީގެ މޭޔަރު އާދަމް އާޒިމް މީޑިއާތަކަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ
އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ފުރިހަމަ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ރަނިންމޭޓް އާދަމް އާޒިމް ދެއްވައިފި އެވެ.
ފައިސަލް ނަސީމާއި އާދަމް އާޒިމް ގެންދަވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އާންމު ހާލަތު ބައްލަވަމުންނެވެ. އެގޮތުން އާދިއްތަ ދުވަހު މާލޭގެ މަސްމާރުކޭޓަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު އާޒިމް ވިދާޅުވީ މަސްވެރިންނަށް އައިސް ނުލިބުމާއި، ތެޔޮ ނުލިބުމުގެ އިތުރުން މަހަށް އެކަށީގެންވާ ރަނގަޅު އަގު ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ. އަދި މި ދާއިރާގެ ތެރެއަށް ބިދޭސީން ވަދެ، މަސްވެރިކަމުން ލިބޭ ބޮޑު އާމްދަނީ ބޭރުވަމުންދާ މައްސަލަ ވެސް މަސްވެރިން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން މަސްމާރުކޭޓެއް އަޅަން ހުރިހާ ކަމެއް ނިންމާފައި އޮއްވާ، އަޅައިދޭނަމޭ ކިޔާފައި އެ ތަން ނަގައިގެން އަދި މިހާރު އެކަން ނުކޮށްގެން މިއުޅެނީ. އަދި އެ ތަން އެޅުމަށްޓަކައި އަޅަންޖެހޭ އެހެން މާރުކޭޓް އެޅުމަށް އަޅުގަނޑުމެން މަސައްކަތްކުރަނިކޮށް، އެ ތަންވެސް ހުއްޓުވައިގެން މިއުޅެނީ. އެހެންވީމާ މި ސަރުކާރުން މި ކުރަމުންދާ މަސައްކަތަކީ ރައްޔިތުން އެމީހުން އިންތިޚާބުކުރީ ރައްޔިތުންނަށް ޖެއްސުންކުރަން ހެން ހީވާ ކަހަލަ ގޮތަކަށް ކުރާ ކަންތައްތަކެއްއާދަމް އާޒިމް
މާރުކޭޓު އެޅުމުގެ މަސައްކަތަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ތިން ހަތަރު ބަޔަކަށް ކޮންޓްރެކްޓް ދީގެން އެ މަޝްރޫއު ފެށި ނަމަވެސް އެއީ ވަރަށް ވިޔާނުދާކޮށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. މާލެސިޓީ ކައުންސިލުން އެކަން ރަނގަޅު ކުރުމަށްފަހު އެމަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ފެށުމުން ސަރުކާރުން މިމަޝްރޫއު ހުއްޓުވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކަންކަން ރަނގަޅުކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، މިފްކޯގެ ހިންގުން ދޯދިޔާވެ، ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވުމުން މަސްވެރިންނަށް ހައްގު މިންވަރު ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެއިތުރުން މަހުގެ އަގު މަތިކޮށްދޭނެ ކަމަށް ބުނެފައި ވަނިކޮށް، މަސްވެރިންނަށް މަލާމާތްކުރާ އުސޫލުން މަހުގެ އަގަށް އެންމެ 3 ރުފިޔާ ބޮޑުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދުރާއްޖެތެރޭގައި އެ ޕާޓީން ފަށާފައިވާ މަސްވެރިކަމުގެ ބޮޑެތި ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ބޮޑެތި ލުއިތަކެއް ހޯދައިދޭނެ ކަމަށެވެ. އެ މަޝްރޫއުތައް ނިމުމުން މަހަށް ރަނގަޅު އަގު ލިބި، އަވަހަށް މަސް ކިރޭނެ ގޮތް ހަމަޖެހި، ތެލާއި އައިސް އަގުހެޔޮކޮށް ފަސޭހައިން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރެވި، ރަށްރަށުން ސީދާ މަސް ބޭރުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުމާއެކު އެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމުގެ ޔަގީންކަން ފައިސަލް ނަސީމްގެ ފަރާތްޕުޅުން އާޒިމް ދެއްވި އެވެ.











