މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ މީގެ ކުރިން ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން: މޭޔަރު އާޒިމް
5 ނޮވެމްބަރު 2026 | ބުރާސްފަތި 21:35މާލޭގެ ޓްރެފިކް މައްސަލަ ބޮޑުވީ ނެތް ގަރާޖުތަކަށް ސިޓީ ދޫކޮށްފައިވާތީ ކަމަށާއި، މިކަމުގައި ކައުންސިލްގެ ތެރެއިން ހިންގާފައިވާ ޖަރީމާތައް ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވެއްޖެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކުށްކުރާ ފަރާތްތަކަށް އަދަބުދީ، ތަހުގީގީ އިދާރާތައް މިހާރަށްވުރެ ހަރުދަނާވާން ޖެހޭކަން މޭޔަރު ފާހަގަކުރެއްވި


ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެއެމްވީ
މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން ކަމަށް އެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" ނަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާންމު ރައްޔިތެއްގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އާންމުން ދަތުރުފަތުރު ކުރަން ގެންގުޅޭ އުޅަނދުތައް ކޮންމެ ދުވަހަކު ޓޯ ކުރަމުންދާ ކަމަށާއި ނަމަވެސް މާލޭގެ ތޮއްޖެހުމަށް ހައްލެއް ނުލިބޭ ކަން ރައްޔިތަކު ފާހަގަކުރި އެވެ.
އެ ކަންބޮޑުވުންތަކުގެ ޖަވާބުގައި މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން 4 ފުރޮޅުލީ ވެހިކަލްތަކަށް ނެތް ގަރާޖެއް އޮތް ކަމަށް ބަލާފައި ސިޓީ ދޫކޮށްފައިވާ ކަމަށެވެ. އަދި ޓްރެފިކް މައްސަލަ ބޮޑުވި ސަބަބަކީ ވެސް މިއީ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ޓްރެފިކް ކަންތައްތައް ފުރަތަމަ ގޯސްވެގެން ދިޔަ އެއް ސަބަބަކީ އެ ކުރި ބަޔަކު އަޅުގަނޑުމެން ފުލުހަށް ވަރަށް ގިނަ އެއްޗެހި ފޮނުވާފައި ހުންނާނެ، ގޭގެޔަށް މިތަނުގައި ތިބި ބަޔަކު ނެތް ގަރާޖަށް ކާރު ކާރު ސިޓީ ވިއްކައިގެން ޖެހުނު މައްސަލަތަކެއް މި ޖެހުނީ އެހެންވީމަ މިހިސާބަށް ކަންތައްތައް މިދަނީ އަސްލު އަޅުގަނޑުމެންގެ ތެރެއިން ވެސް ބަޔަކު ވަރަށް ބޮޑަށް ކަންތައްތައް ގޯސް ކުރާތީ. މާލޭގައި މިހުރި 4 ފުރޮޅުލީ ވެހިކަލްތަކަށް ނެތް ގަރާޖެއް އޮތް ކަމަށް ބަލާފައި މިތަނުން ސިޓީ ދޫކޮށްފައި އެބަހުރިއާދަމް އާޒިމް
މި މައްސަލަތައް ބެލުމުށް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާކަން ފާހަގަކުރައްވާ، މޭޔަރު އާޒިމް ވިދާޅުވީ ފުލުހުންގެ އިދާރާ ހަރުދަނާވެ ވަރުގަދަވާން ޖެހޭ ކަމަށެވެ. އަދި މި ޖަރީމާތައް ހިންގި މީހުންނަށް އަދަބު ދޭން ޖެހޭ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ހަމައެއާއެކު މާލެ ސިޓީ ކައުންސިލްގެ ޒިންމާއަކީ ތަހުގީގީ އިދާރާތަަކަށް މައްސަލަ ފޮނުވުން ކަމަށާއި މިހާރު ވާނީ މައްސަލަތައް ފޮނުވާފައި ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން، ކުށް ކުރާ މީހުންނަށް އަދަބު ނުދޭ ކަމުގައި ވަންޏާ މައްސަލަތައް ހައްލުނުވާނެ ކަމަށް ވިދާޅުވެ މޭޔަރު އާޒިމް ވަނީ ޓްރެފިކް މައްސަލަ ވެސް ހައްލު ނުވެ އޮތީ މިހެންވެކަން ފާހަގަކުރައްވާފަ އެވެ.










