ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް
24 އޮކްޓޯބަރު 2026 | ހޮނިހިރު 07:13ރާއްޖެއަކީ އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ، މާލީގޮތުން ބާރުވެރި ގައުމަކަށް ހެދުމަށްޓަކައި ލޯނު ނެގުމުގެ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާޒިމް ވިދާޅުވި. އަމާޒަކީ ރައްޔިތުންނަށް ދަތިނުވެ ޚިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށާއި، މުއައްސަސާތައް ހިންގުމުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ގައުމުގެ އިގްތިސާދު ކުރިއެރުވިދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި


ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ހުރިހާ ކަމަކަށް އެހެން ގައުމުތަކުން ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައި، ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ، އެ ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ އަމިއްލަ ބާރުތައް ވަރުގަދަކުރުމަށް ނޫން ކަމަށާއި، އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުން އާދޭސް ނުކުރާ ދުވަހެއް ހޯދައިދިނުން ކަމަށެވެ.
އަޅުގަނޑުމެން މި އަންނަނީކީ އަޅުގަނޑުމެންގެ ބާރުތައް ވަރުގަދަކުރާކަށެއް ނޫން. އަޅުގަނޑުމެން މި އަންނަނީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުން އާދޭސް ނުކުރާ ދުވަހެއް ހޯދަން މި އަންނަނީ. އަޅުގަނޑުމެންގެ ރައްޔިތުން ނުޖެހޭ އަޅުގަނޑުމެން ކައިރިއަށް އަންނާކަށް ބޭސް ނުލިބިގެންނޭ، ޑޮކްޓަރެއް ނުލިބިގެންނޭ ކިޔައިގެން. އަޅުގަނޑުމެންގެ ރައްޔިތުން އަންނާކަށް ނުޖެހޭ އަބަދު ކޮޅަށް ހުރެ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާކަށްއާދަމް އާޒިމް
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގައި ސަލާންޖަހައިގެން ފައިސާ ހޯދާ ސަރުކާރެއް އޮންނަން ބޭނުންފުޅު ނުވާ ކަމަށާއި، ސިންގަޕޫރު ފަދަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ވަރުގަދަ ރިޒާވެއް އޮންނަންޖެހޭ ކަމަށެވެ. އަދި އަބަދުވެސް ކޮންމެވެސް ގައުމަކުން ލޯނެއް ނުވަތަ އެހީއެއް ލިބުމުން އުފާ ފާޅުކޮށް އަތްޖެހުމުގެ ވިސްނުން ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ މިވެނި ގައުމަކުން ލޯނެއް ދީފިއްޔާ އަތްޖަހާށޭ، މިވެނި ގައުމަކުން އެއްޗެއް ދީފިއްޔާ އަތްޖަހާށޭ. އަޅުގަނޑުމެންނަށް ކީއްވެތޯ ނުބުނެވުނީ އަޅުގަނޑުމެން މިވެނި ގައުމަކަށް އެއްޗެއް ދީފީމޭ އަތްޖަހާށޭ؟ އެ ދުވަހެއް ނޫންތޯ ގެންނަން ބޭނުންވަނީ؟ އަބަދުވެސް ކޮންމެ ތަނަކުން ލޯނެއް ނަގައިގެން، ކޮންމެ ތަނެއްގައި އާދޭސްކޮށްގެން، މާ މޮޅު ކަމެއް ހީވަނީ ތަންތަނުން ލޯނު ނަގައިގެން ކަންތައް ކުރުމަކީ. މުޅި އުމުރު މި ހޭދަކުރަނީ ތި ކަމެއްގައިއާދަމް އާޒިމް
އެފަދަ ހެޔޮ ބަދަލުތައް ގެނެވިދާނެކަން މީގެ ކުރިން ހުންނެވި މުއައްސަސާތަކުގެ ތަޖުރިބާއިން ސާބިތުކޮށްދީފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުވެވަޑައިގެންނެވި އިރު އެއީ ގެއްލުމުގައި ހިންގަމުންދިޔަ ކުންފުންޏެއް ނަމަވެސް، އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ތަނުގެ ލޯނުތައް ރީ-ސްޓްރަކްޗާކޮށް، ފައިދާވާ ކުންފުންޏަކަށް އެމްޓީސީސީ ބަދަލުކުރެއްވި ކަމަށެވެ. އަދި އެ ކުންފުނީގެ އާމްދަނީ އެއް ބިލިއަނުން ތިން ބިލިއަން ރުފިޔާއަށް އިތުރުކުރެވުނު ކަމަށާއި، ގައުމަށް ވެސް އެ ބަދަލު ނުގެނެވެންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މާލެ ސިޓީ ކައުންސިލާ ހަވާލުވެވަޑައިގެންނެވި އިރު، ވޭތުވެދިޔަ 15 އަހަރު ތެރޭގައި ވެސް ކައުންސިލްގެ އަމިއްލަ އޮފީހެއް ނެތް ނަމަވެސް، ލިބުނު ބަޖެޓުގެ ތެރެއިން ޚަރަދުކޮށްގެން އަމިއްލަ އޮފީހެއް ގާއިމުކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ ފައިސާއިން 80 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްކާކުރެވުނު ކަމަށާއި، ނަމަވެސް މިހާރު އޭގެ ތެރެއިން 72 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.










