ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް
4 ނޮވެމްބަރު 2026 | ބުދަ 13:51ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައި. މީގެ އިތުރުން، އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމާއެކު، ވަޒީފާގެ ފުރުސަތުތަކާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެ އެމްވީ
ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަންތައް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިފަދައިން ވިދާޅުވެފައި ވަނީ ގަލޮޅު އުތުރު ދައިރާގެ ގެތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ދެއްވި އިންޓަވިއުގަ އެވެ. އެގޮތުން ފައިސަލް އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވަނީ ބުދަ ދުވަހު ހަވީރު އެ ދައިރާގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފަ އެވެ.
ރައްޔިތުންގެ ގާތަށް ވަޑައިގެންނެވުމުގެ ބޭނުމަކީ އެމަނިކުފާނުގެ ސަރުކާރެއްގެ އެންމެ އިސްކަން ދޭނެ ކަންކަން ހޯދުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މާލެގެ ތޮއްޖެހުން އޮތް ގޮތުން ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަން ފައިސަލް ފާހަގަކުރެއްވި އެވެ. އަދި މި ކަންކަމަށް ހައްލު ހޯދަވައިދެއްވާނެ ކަމަށް ފައިސަލް ވައުދުވެވަޑައިގެންނެވި އެވެ.
އެހެންވީމަ އަޅުގަނޑު ހަމަ ރައްޔިތުންނަށް ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ ކުރީ ސަރުކާރުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރުން ވެސް އެ ގެންދިޔަ ޕްރޮގްރާމް އަޅުގަނޑު ބަރާބަރަށް ކުރިއަށް ގެންދާނަން ހާއްސަކޮށް ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަންތައްތައް ކަން އަޅުގަނޑު ދަންނަވާލަންފައިސަލް ނަސީމް
މީގެ އިތުރުން، ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ދީގެން އަލަށް ފަށާ ވިޔަފާރިތަކަށް ވަދެވޭނެ ގޮތުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކޮށްދިނުމަކީ ވަރަށް ބޮޑަށް އިސްކަން ދޭނެ ކަންކަން ކަމަށް ފައިސަލް ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އަންނަނީ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވަމުންނެވެ.











