ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
6 ނޮވެމްބަރު 2026 | ހުކުރު 04:12އީރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޖާސޫސީ ދެ ޑްރޯން، ޒަމާނީ އިލެކްޓްރޯނިކް ނިޒާމުތައް ބޭނުންކޮށްގެން އައިއާރްޖީސީން ވައްޓާލައިފި. މިއާއެކު އީރާނުން ވައްޓާލި އެމެރިކާގެ ޑްރޯންތަކުގެ އަދަދު ހަޔަކަށް އަރާފައިވާއިރު، މި ހާދިސާ ހިނގާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި

![އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެމްކިއު-9 މަރުކާގެ އަސްކަރީ ޑްރޯނެއް ނެވާޑާގެ ވައިގެ ސަރަހައްދުގައި ތަމްރީނުތަކެއް ފުރިހަމަ ކުރަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/d69606b0-5f95-47de-97f4-4f916c0ba7d5.webp)
އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެމްކިއު-9 މަރުކާގެ އަސްކަރީ ޑްރޯނެއް ނެވާޑާގެ ވައިގެ ސަރަހައްދުގައި ތަމްރީނުތަކެއް ފުރިހަމަ ކުރަނީ [ފައިލް] | ރޮއިޓަރސް
ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ޤަޝްމު ޖަޒީރާގެ ވައިގެ ސަރަހައްދުން އެމެރިކާގެ ޖާސޫސީ ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް، އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) ބުރާސްފަތި ދުވަހު ބުނެފި އެވެ. މި ކަން ކަށަވަރުކޮށްދީފައި ވަނީ އީރާނުގެ ދައުލަތުގެ ޚަބަރު ފަތުރާ އިދާރާ ކަމަށްވާ އައިއާރްއެންއޭއިންނެވެ.
މި ހާދިސާއާ ގުޅިގެން އައިއާރްޖީސީން ވަކިވަކިން ނެރުނު ދެ ބަޔާނެއްގައި ބުނީ، އެ ލަޝްކަރުގެ އޭރޯސްޕޭސް ފޯސްއިން އެ ދެ އުޅަނދު ވައްޓާލީ އިލެކްޓްރޯނިކް ހަނގުރާމައިގެ ކުރިއަރާފައިވާ ޒަމާނީ ނިޒާމުތައް ބޭނުންކޮށްގެން، ޖަޒީރާގެ މަތިން އެ އުޅަނދުތަކުގެ ބާރު ކަނޑުވާލައިގެން ކަމަށެވެ. ވައްޓާލި ކަމަށް ބުނާ ދެ ޑްރޯނަކީ އެމެރިކާގެ 'އެމްކިއުއެމް-170' މަރުކާގެ ދެ އުޅަނދެވެ. މިއާއެކު، ހިނގަމުންދާ މި ކުރިމަތިލުންތަކުގެ ތެރޭގައި އީރާނުން ވައްޓާލި ކަމަށް ބުނާ އެ މަރުކާގެ ޑްރޯންތަކުގެ ޖުމުލަ އަދަދު މިހާރު ހަޔަކަށް އަރާފައިވާ ކަމަށް އެ ބަޔާންތަކުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، މި ހާދިސާތަކާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެ ބަޔާންތަކުގައި ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާއިން ޔަހޫދީ އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގެ ސަރަހައްދުން އެމެރިކާގެ އެމްކިއުއެމް-170 މަރުކާގެ އިތުރު ހަތަރު ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ވެސް މީގެ ކުރިން އީރާނުން ވަނީ ދަޢުވާކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ގަ އެވެ. އަދި، ހަމަލާތަކުަގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަގާމުތަކުގެ އިތުރުން ޔަހޫދީ އިސްރާއީލުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި، އިސްތިރާޖީ ގޮތުން މުހިންމު ހުޒްމުޒް ކަނޑުއޮޅި ބަންދުކޮށް، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރުވައިލާފަ އެވެ. އެމެރިކާގެ އިތުރު ދެ ޑްރޯން ވައްޓައިލާފައި މި ވަނީ، ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް، ނުސީދާކޮށް ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ދަނީ ބާއްވަމުންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











