އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި
6 ނޮވެމްބަރު 2026 | ހުކުރު 09:21އީރާނުގެ ނިއުކްލިއަރ މައްސަލައިގައި މަޝްވަރާކުރެވޭނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނޭހެން ހުށަހަޅާފައިވާ ހަތް ޝަރުތު ފުރިހަމަކުރުމުން ކަމަށް އެ ޤައުމުން ބުނެފި. މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ އިންތިޚާބަށްފަހު އަސްކަރީ ކުރިމަތިލުންތައް އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައި. މި ހަމަނުޖެހުންތަކުގެ އަސަރު ލުބުނާނާއި ޔަމަނަށް ފެތުރިފައިވާއިރު، އީރާނުން ދަނީ އެމެރިކާގެ އަމަލުތަކަށް ބަލައި ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެމުން


އީރާނުގެ ވެރިރަށް ތެހެރާންގައި މުޒާހަރާކުރި މީހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބު ރައީސް ޖޭޑީ ވެންސް އާއި، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ ޖަހާފައިވާ ބެނާއެއްގައި ހުޅުޖަހައި އަންދާލަނީ | އަލް ޖަޒީރާ
އީރާނުން އެމެރިކާއަށް ނިއުކްލިއަރ ޕުރޮގުރާމާ ގުޅޭ ހުށަހެޅުމެއް ޤަތަރު މެދުވެރިކޮށް ފޮނުވާފައިވާ ކަމަށާއި، މި ހުށަހެޅުމާމެދު މަޝްވަރާ ކުރެވޭނީ ތެހްރާނުން ހުށަހަޅާފައިވާ ހަތް ޝަރުތެއް ވޮޝިންގޓަނުން ފުރިހަމަ ކުރުމުން ކަމަށް، އީރާނުގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮއިޓަރސްއަށް މަޢުލޫމާތު ދެއްވި އެ އޮފިޝަލް ވިދާޅުވީ، އެމެރިކާއިން މިހާރު ގެންދަނީ އެ ހުށަހެޅުން މުރާޖާ ކުރަމުން ކަމަށެވެ. ނަމަވެސް، މި ކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކުރެއްވުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ޚާރިޖީ މަޝްވަރާގެ ކުރިމަތީގައި އޮތް ހަތް ޝަރުތު
އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ މުޙުސިން ރެޒާއީ ބުރާސްފަތި ދުވަހު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުން ވަނީ، ތެހްރާނުގެ ޝަރުތުތަކަށް އެމެރިކާއިން އިޖާބަ ނުދެނީސް އެއްވެސް މަޝްވަރާއެއް ނުބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ޑިޕްލޮމެސީގެ މައްސަލައިގައި އަޅުގަނޑުމެން ވާނީ އެމެރިކާއަށް ހަތް ޝަރުތެއް ހުށަހަޅާފައި. އެ މީހުން އަޅުގަނޑުމެންގެ މި ހަތް ޝަރުތު ފުރިހަމަ ނުކުރާހައި ހިނދަކު، އަޅުގަނޑުމެން ހުރްމުޒް ކަނޑުއޮޅި ހުޅުވައެއް ނުލާނަން، އަދި، އެއްވެސް މަޝްވަރާއެއް ވެސް ނުކުރާނަން،" ރެޒާއީ ވިދާޅުވި އެވެ.
އީރާނުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި މުދާތައް ދޫކޮށްލުމުގެ އިތުރުން ހަނގުރާމައިގެ ބަދަލު ނަގައިދިނުން ހިމެނެ އެވެ. މިއާ ޚިލާފަށް ވޮޝިންގޓަނުން ބުނަމުންދަނީ އެންމެ ފުރަތަމަ ފަށާ މަޝްވަރާތަކުގައި ވެސް ނިއުކްލިއަރ މައްސަލަތައް ހިމަނަންޖެހޭނެ ކަމަށެވެ.
ހަނގުރާމަ އަލުން ފެށުމުގެ ބިރުވެރިކަން
މެދުއިރުމަތީގެ މަސްރަހު ފިނިކުރުމުގައި ހަރަކާތްތެރިވާ މެދުވެރިން ދަނީ އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަމުންނެވެ. މި ގޮތުން، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.
އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ވޯޓުލުމަށްފަހު އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމުގެ ފުރުސަތު ނަފީކުރައްވަން ދެކޮޅު ހައްދަވާފަ އެވެ. އަދި، ހަނގުރާމަ އަލުން ފެށިއްޖެނަމަ މާ ފުޅާ ދާއިރާއެއްގައި ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމަށް އީރާނުން ދަނީ އިންޒާރު ދެމުންނެވެ..
މި ކުރިމަތިލުން ފެށިގެން ދިޔައީ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. މި ޣައިރުޤާނޫނީ ހަނގުރާމައިގެ ބަދަލެއްގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
މިއާއެކު އީރާނުގެ މަދަދުލިބޭ ޙިޒްބުﷲ ޖަމާޢަތާއި އިސްރާއީލާ ދެމެދު ލުބުނާނުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ހަނގުރާމަ ވަނީ ޔަމަނަށް ވެސް ފެތުރިފަ އެވެ. މި ގޮތުން، ޔަމަނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޙޫޘީން ދަނީ ސަޢުދީ ޢަރަބިއްޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އެއާޕޯޓުތަކުގެ އިތުރުން އެހެނިހެން މުހިންމު އަމާޒުތަކަށް ހަމަލާތައް އަމާޒުކުރަމުންނެވެ.
މަސްދަރު: ރޮއިޓަރސް











