ޕެންޓަގަނުން ހުޅަނގު އޭޝިއާ ސަރަހައްދަށް 25,000 އަށްވުރެ ގިނަ ޑްރޯން ސިސްޓަމް ފޮނުވައިފި
5 ނޮވެމްބަރު 2026 | ބުރާސްފަތި 03:39އެމެރިކާގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ޓަކައި ޒަމާނީ ޑްރޯންތަކާއި ޑްރޯން ހަމަލާތަކުން ދިފާޢުވާނެ ނިޒާމުތައް ހޯދުން އަވަސްކޮށް، އޮޓޮނޮމަސް ވޯފެއާ ކޮމާންޑެއް އުފެއްދުމަށް ޕެންޓަގަނުން ދަނީ ތައްޔާރުވަމުން. މި މަސައްކަތުގެ ދަށުން އަގުބޮޑު ހަތިޔާރަށް ބަރޯސާވުން ކުޑަކޮށް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވެސް މިފަދަ ވަސީލަތްތައް ބޭނުންކުރަމުންދާއިރު، އީރާނުން ވަނީ އެމެރިކާގެ ބައެއް ޑްރޯންތައް ވައްޓާލާފައި


އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެމްކިއު-9 މަރުކާގެ އަސްކަރީ ޑްރޯނެއް | އަނަދޮލު އޭޖެންސީ
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑަށް (ސެންޓްކޮމް) 25،000 އަށްވުރެ ގިނަ ޑްރޯން އަދި ޑްރޯން ހަމަލާތަކުން ދިފާޢުވުމަށް ބޭނުންކުރާނެ ވަސީލަތްތައް މި އަހަރުގެ ތެރޭގައި ފޯރުކޮށްދީފައިވާ ކަމަށް ޕެންޓަގަން އިން ބުދަ ދުވަހު ބުނެފިއެވެ. މިއީ، 782 މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ދަށުން ފޯރުކޮށްދިން ތަކެއްޗެވެ.
މި ބޮޑު ކުރިއެރުމުގެ ތެރޭގައި، އެއްކޮޅަށް ހަމަލާދޭ 1،300 އަށްވުރެ ގިނަ ވައިގެ މަގުން ދަތުރުކުރާ 'އަން-މޭންޑް އޭރިއަލް ވެރިހަލް' (ޔޫއޭއީ) ނުވަތަ ޑްރޯނާއި، ކަނޑުމަތީގައާއި ކަނޑު އަޑީގައި ދަތުރުކުރާ 100 އަށްވުރެ ގިނަ ޑްރޯންގެ އިތުރުން، އެމެރިކާގެ ސިފައިންނަށް އަމާޒުކޮށްދޭ ޑްރޯން ހަމަލާތަކުން ދިފާޢުވުމަށް ފަރުމާކޮށްފައިވާ 24،000 އަށްވުރެ ގިނަ ކައުންޓަރ-ޑްރޯން ސިސްޓަމްތައް ހިމެނެއެވެ.
މި ވަސީލަތްތައް ފޯރުކޮށްދީފައި ވަނީ ޑައިރެކްޓް ރިޕޯޓިންގ ޕޯޓްފޯލިއޯ މެނޭޖަރ ފޯ އަންމޭންޑް ސިސްޓަމްސް (ޑީއާރުޕީއެމް-ޔޫއެކްސްއެސް) މެދުވެރިކޮށެވެ. އަދި، ޑްރޯންއާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެނީ ޖޮއިންޓް އިންޓަރ-އޭޖެންސީ ޓާސްކް ފޯސް 401 އިންނެވެ. ޕެންޓަގަނުން ބުނީ، މިއީ ދިފާޢީ ވަސީލަތްތައް ހޯދުން އަވަސްކުރުމަށާއި، އަގުހެޔޮކޮށް އަން-މޭންޑް ސިސްޓަމްތައް ގިނަ އަދަދަކަށް އުފެއްދުމަށް އައިސްފައިވާ ބަދަލެއް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މިއާއެކު، އަގުބޮޑު ބޮމާއި މިސައިލް ފަދަ ހަތިޔާރުތަކަށް ބަރޯސާވުން ކުޑަކޮށް، ކޮމާންޑަރުންގެ އަސްކަރީ ގާބިލުކަން އިތުރު ކުރެވިގެން ގޮސްފައިވާ ކަމަށް ވެސް ޕެންޓަގަނުން ބުންޏެވެ.
"ސެކްރެޓަރީ [ދިފާޢީ ވަޒީރު] ޕީޓް ހެގްސެތުގެ އިރުޝާދުގެ ދަށުން، އަޅުގަނޑުމެން މަސައްކަތްކުރަމުން މި ދަނީ ޒަމާނީ ހަނގުރާމައިގެ ދުވެލީގައި، އަޅުގަނޑުމެންގެ ސިފައިންނަށް އަގުހެޔޮ އަދި ނަތީޖާ ނެރެދޭނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް" ޕްރޮޖެކްޓް އެޖިންކޯޓް އަދި ޑީއާރުޕީއެމް-ޔޫއެކްސްއެސްގެ ސީއީއޯ އޮވެން ވެސްޓް ވިދާޅުވި އެވެ.
މި މަސައްކަތުގެ ސަބަބުން، އޮޓޮވޯކޮމް (އޮޓޮނޮމަސް ވޯފެއާ ކޮމާންޑް) ގާއިމުކުރުމަށް ރާވާފައިވާ ރޭވުންތަކަށް ވެސް އެހީތެރިކަން ލިބިގެންދާނެއެވެ. މިއީ، 2027 އޮކްޓޫބަރު 1 ގެ ނިޔަލަށް ގާއިމުކޮށް ނިންމޭނެ ކަމަށް ލަފާކުރެވޭ ފޯ-ސްޓާ ކޮމްބަޓަންޓް ކޮމާންޑެކެވެ. ޕެންޓަގަން އިން ބުނީ، ސެންޓްކޮމަށް ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ހަމަމިއާއެކު އިންޑޯ-ޕެސިފިކް އަދި ވިލާތުގެ އިތުރުން މުޅި ޖޮއިންޓް ފޯސްގައި ތިބޭ އެމެރިކާ ސިފައިންނަށް އަން-މޭންޑް އަދި އޮޓޮނޮމަސް ނިޒާމުތައް ފޯރުކޮށްދިނުން ފުޅާކުރާނެ ކަމަށެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީ އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފަށާފައިވާއިރު، އީރާނުގެ އަސްކަރީ އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދިނުމަށް އެމެރިކާއިން ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްފައިވެ އެވެ. އަދި، އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ، އެމެރިކާގެ ގިނަ އަދަދެއްގެ ޑްރޯން ވައްޓައިލައި، އިތުރު ޑްރޯންތަކެއް އެ ލަޝްކަރުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. މި ގޮތުން ވައްޓައިލާފައިވާ ނުވަތަ ނައްތައިލާފައިވާ ޑްރޯންތަކުގެ ތެރޭގައި، އެންމެ ބާރުގަދަ އެއް ނިޒާމު ކަމަށްވާ 'އެމްކިއު-9' މަރުކާގެ ޑްރޯންތައް ވެސް ހިމެނެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











