ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!
6 ނޮވެމްބަރު 2026 | ހުކުރު 12:35ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލު ހާމަކޮށްފިނަމަ ސެކިއުރިޓީއަށް ނުރައްކާވެދާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ކުރިން އެ މައުލޫމާތު ހިފެހެއްޓި. ނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ ގުޅިގެން އެ މިނިސްޓްރީން އެންމެ ފަހުން ބުނެފައިވަނީ އެއީ އެ އިދާރާގައި ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް. މި މައުލޫމާތުތަކަކީ މީގެ ކުރިން ރައީސް އަމިއްލަފުޅަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާފައިވާ ތަފްސީލުތަކެއް


އައިކޮމް އިން 27 އޮކްޓޯބަރުގައި ބޭއްވި އަޑު އެހުމުގެ ތެރެއިން | ރާއްޖެއެމްވީ ގްރެފިކްސް
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ކ. އާރަށަށް ކުރެއްވި ދަތުރުފުޅުތަކާ ގުޅޭގޮތުން ރާއްޖެޓީވީން ހޯދަން އެދުނު މައުލޫމާތު ހާމަކޮށްފިނަމަ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ހިފެހެއްޓުމަށްފަހު، އެންމެ ފަހުން އެއީ އެ އިދާރާގައި ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް، މި އަހަރުގެ މިހާތަނަށް ޖުމްލަ ކިތައް ދަތުރު ކުރައްވާފައިވޭތޯ އާއި، އެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ހިނގި ހަރަދުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން އެދިފައިވަނީ 20 ޖޫން 2026 ގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ބޭފުޅުންގެ އިތުރުން އެހެން އެއްވެސް ފަރާތްތަކެއް މި ދަތުރުތަކުގައި ބައިވެރިކޮށްފައިވޭތޯ އާއި އެއީ ކިތައް ފަހަރު ކިތައް މީހުންތޯ ވެސް ސުވާލުކޮށްފައިވެ އެވެ.
މި މައުލޫމާތު ހޯދަން އެދުމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ފުރަތަމަ ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ޗުއްޓީ ހޭދަކުރެއްވުމަށް ހަމަޖެހިފައިވާ ރަށަކަށްވެފައި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ސިފައިންގެ ގާނޫނުންނާއި އެހެނިހެން ގާނޫނުތަކުން ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މި މައުލޫމާތު ހާމަކޮށްފިނަމަ ރައީސްގެ "މޫވްމަންޓް" ހުންނަ ގޮތް ދެނެގަނެވިދާނެތީ، އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ވިދާޅުވެ، ސިފައިންގެ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހަވާލާދީ އެ މައުލޫމާތު ދެވެން ނެތް ކަމަށް އެންގި އެވެ.
ނަމަވެސް، މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ރާއްޖެޓީވީން ވަނީ އެ މައްސަލަ ޑިފެންސް މިނިސްޓްރީގެ މުރާޖައާ ކޮމިޓީއަށް ހުށަހަޅާފަ އެވެ. ރާއްޖެޓީވީން ފާހަގަކުރި ގޮތުގައި އެދިފައިވަނީ ކުރިއަށް އޮތް ދަތުރުފުޅުތަކެއްގެ މައުލޫމާތު ނޫން ކަމަށާއި، ފާއިތުވި ދަތުރުފުޅުތަކުގެ އަދަދާއި ޚަރަދަކީ ގާނޫނުގެ ދަށުން ސިއްރު ކުރަންޖެހޭ މައުލޫމާތެއް ނޫނެވެ. މީގެއިތުރުން ރައީސް ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދާއި ބައިވެރިންގެ މައުލޫމާތު އަދި މުލީއާގެއަށް ގެންނަ ކާބޯތަކެތީގެ މައުލޫމާތު ވެސް މީގެ ކުރިން އާންމުކޮށްފައިވާކަން ރާއްޖެޓީވީން ފާހަގަކުރި އެވެ.
އެހެންނަމަވެސް، މުރާޖާ ކޮމިޓީން ވެސް ނިންމީ އިންފޮމޭޝަން އޮފިސަރުގެ ނިންމުން ރަނގަޅު ކަމަށެވެ. ކޮމިޓީން ބުނެފައިވަނީ، މައުލޫމާތު ހާމަކުރުމުން ކުރިމަގުގައި އެމަނިކުފާނުގެ މޫވްމަންޓް ހުންނަގޮތް ދެނެގަނެވިދާނެ ކަމަށް ފެންނާތީ، ސެކިއުރިޓީ އޭންގަލުން ބަލާއިރު އެ މައުލޫމާތު ދެވެން ނެތް ކަމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ.
މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، ކޮމިޝަނަރު ނިންމެވީ އެ މިނިސްޓްރީގައި އުފައްދައި، ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތެއްނަމަ ރަސްމީ 5 ދުވަސް ތެރޭގައި ދިނުމަށެވެ. އަދި އެއީ އެ އިދާރާގައި އުފައްދާފައިވާ ނުވަތަ ބަލަހައްޓާ މައުލޫމާތެއް ނޫންނަމަ އެކަން ވެސް އެ މުއްދަތުގައި ރާއްޖެޓީވީއަށް އެންގުމަށެވެ.
އައިކޮމް އިން 27 އޮކްޓޯބަރުގައި ބޭއްވި އަޑުއެހުމުގައި ރާއްޖެޓީވީން ވަނީ، އެމްއެންޑީއެފުން ހަވާލާދީފައިވާ ޤާނޫނީ މާއްދާތަކަށް ރިއާޔަތްކޮށް ސުވާލުތަކެއް އުފައްދާފަ އެވެ. އެގޮތުން، ރައީސް މުއިއްޒު އާރަށަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅޭގޮތުން އާންމުކޮށް ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރި އެވެ. އަދި 3 މެއި 2024 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އާރަށަށް 116 ފަހަރު ވަޑައިގެންފައިވާ ކަމަށާއި، އޭގެ ތެރެއިން 85 ދަތުރުފުޅަކީ ފުޓްބޯޅަ ކުޅުއްވުމަށް އަދި ބާކީ 31 ދަތުރުފުޅަކީ އާއިލާއާއެކު ކުރެއްވި ދަތުރުފުޅުތައް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ފާހަގަކުރި އެވެ. މީގެއިތުރުން، މި ދަތުރުފުޅުތަކުގެ ތެލުގެ ޚަރަދަށް ޖުމްލަ 844،635 ރުފިޔާ ހިނގާފައިވާ ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަށް އެމަނިކުފާނު ސާފު ރައްދެއް ދެއްވާފައިވާކަން ވެސް ފާހަގަކުރި އެވެ.
ރާއްޖެޓީވީން ސުވާލު އުފެއްދީ، ހޯދުމަށް އެދިފައިވަނީ ހަމަ އެ މައުލޫމާތު ކަމަށްވާއިރު، އެ މައުލޫމާތު ހާމަކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާގެ ހަރަކާތްތައް ހުންނަ ގޮތް ދެނެގަނެވި، ސެކިއުރިޓީއަށް ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވާތީ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް މި މައުލޫމާތު ރައްޔިތުންނަށް އާންމުކޮށް ހާމަކުރައްވާފައިވާއިރު، ސެކިއުރިޓީއަށް ބުރޫނާރާނީ ކީއްވެގެންތޯ ސުވާލުކުރި އެވެ.
ހަމައެއާއެކު، ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިމެނޭ ހުރިހާ މައުލޫމާތަކީ ޤައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ކަމަށް ނުބެލެވޭނެ ކަމަށާއި، އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުން ފަދަ ކަންކަމުގައި ވެސް މީޑިއާއަށް މައުލޫމާތު ދެމުންދާކަން ފާހަގަކުރި އެވެ. ޑިފެންސުން ޤާނޫނު މާނަކުރާ ގޮތަށް ބަލާނަމަ، އެފަދަ އެއްވެސް މައުލޫމާތެއް ވެސް ހާމަނުކުރެވޭނެ ކަމަށް ރާއްޖެޓީވީން ފާހަގަކުރި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް މި މައުލޫމާތު ހާމަކުރެއްވުމަކީ ގޯހެއް ނަމަ، އެމަނިކުފާނު ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ސިފައިންގެ ޤާނޫނާ ޚިލާފުވެވަޑައިގެންނެވީތޯ އާއި ދޭން ނުޖެހޭ މައުލޫމާތެއް ހިއްސާ ކުރެއްވީތޯ ވެސް ސުވާލު އުފެއްދި އެވެ.
އައިކޮމް އިން 27 އޮކްޓޫބަރުގައި ބޭއްވި އަޑު އެހުމުގެ ތެރެއިން
އައިކޮމްގެ އެ ނިންމުމާ ގުޅިގެން އެމްއެންޑީއެފުން އެންމެ ފަހުން ދިން ޖަވާބުގައި ބުނެފައިވަނީ، ރާއްޖެޓީވީން އެދިފައިވާ މައުލޫމާތަކީ އެ ވުޒާރާގައި އުފައްދާފައިވާ އަދި ގެންގުޅެ ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށެވެ. އެހެންކަމުން، ކުރިން ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ހިފެހެއްޓި މައުލޫމާތު، އެންމެ ފަހުން ވެގެން ގޮސްފައި މިވަނީ އެ އިދާރާގައި އަސްލުވެސް ނެތް އަދި ނުބަލަހައްޓާ މައުލޫމާތަކަށެވެ.










