ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން
4 ނޮވެމްބަރު 2026 | ބުދަ 16:53ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ގައުމިއްޔަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލު އަލީ ހުސައިން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅުއްވާފައި. މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާނެ ކަމަށް ފާހަގަކުރައްވައި، އޭނާ ވަނީ އެ މަޝްރޫއު ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެދިވަޑައިގެންފައި


ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީގެ 3 ވަނަ މާއްދާ އާއި 262 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން، ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަ ނަމަ އެކަން ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގެ ބިމުގެ މިލްކުވެރިކަން އޮތީ ދިވެހި މުސްލިމް މުވާޠިނުންނަށް ކަމަށްވާއިރު، ބޭރު ބަޔަކަށް ބިން މިލްކުވާ ގޮތަށް ހަމަޖެއްސުމަކީ ރާއްޖޭގެ ސަރަހައްދަށް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ ރަސްމާލޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ދޭން އުޅޭ ކަމަށާއި، މި ބިން ޣައިރު ދީންތަކުގެ މީހުންނަށާއި، ސީދާ ޒަޔަނިސްޓުންނަށް މަސައްކަތްކޮށްދޭ އޭޖެންޓުންނަށް މިލްކުވުމަކީ ގައުމިއްޔަތަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެގޮތުން އެ މީހުން ރާއްޖޭގައި އާބާދުވެ ރެޒިޑެންޓުން ނުވަތަ ރައްޔިތުންގެ ގޮތުގައި ދިރިއުޅެން ފަށައިފި ނަމަ، ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒުކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތް ހެދުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
މި ބިމަކީ ނުވަސަތޭކަ އަހަރުވެއްޖެ މި ބިމުގައި ބަންގީގެ އަޑު ނޫނީ އެހެން އެއްވެސް އަޑެއް ނީވޭތާ. އެހެންވީމާ މި ބިމުގައި ބޭރުގެ ގައުމު ނުވަތަ ޣައިރު ދީންތަކުގެ ނިދާތަކާއި ގޯލިތަކާ އެއްޗެހި ގޮވޭ ގޮތަށް މި ބިމުގެ ހާލަތު ނުވަތަ މި ބިމުގެ މިލްކުވެރިކަން ބަދަލުވެގެން ދިޔުމަކީ އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ ވަރަށް ބޮޑު ބަދަލެއްއަލީ ހުސެއިން
މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މި މައްސަލަ އަމަލީ ގޮތުން ފިޔަވަޅު އެޅުމުގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކޯޓުން ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މި މަޝްރޫއުގައި ވާނުވާ ރައްޔިތުންނަށް ނޭނގޭއިރު، ހުއްޓުވަން ކުރަންހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.










