މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު
5 ނޮވެމްބަރު 2026 | ބުރާސްފަތި 07:24ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ދޫކުރާ މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން، ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޕެރަލައިޒްވެފައި ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ވިދާޅުވި. މި މަޝްރޫއު ހުއްޓުވުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކަކުން ގުޅިގެން މަސައްކަތް ކުރުމަށާއި، އަންނަ ހުކުރު ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި


ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
މިއަދު މި ރާއްޖޭގައި އިންތިޚާބެއް ބާއްވައިފިނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓުގެ 10 ޕަސެންޓް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވަނީ ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރަސްމާލޭގެ މަޝްރޫއުގައި އެންމެ ފުރަތަމަ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުމަށް ތެދުވެވަޑައިގަންނަވަން ޖެހޭނީ މަޖިލިސް މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ޚުދުމުޚުތާރު ވެރިކަމުގައި މިހާރު މަޖިލިސް ޕެރަލައިޒް ކޮށްލާފައިވާ ކަމަށާއި، މިސަރުކާރުގެ ކަންކަން މިއަދު ރައްޔިތުން ބަލައިނުގަންނަ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ރަސްމާލެ މަޝްރޫއަށް ގިނަ ރައްޔިތުން ތާއީދުނުކުރާނެކަން ސަރުކާރަށް ވެސް ސާފުކޮށް އެނގޭ ކަމަށެވެ.
މީގެ އިތުރުން މަލީހު ވިދާޅުވީ ވެރިކަމުގެ ހަގީގީ ބާރުވެރިންނަކީ ރައްޔިތުން ކަމަށާއި، މިއަދު ވޯޓެއް ނެގި ނަމަވެސް ރައީސް މުއިއްޒު އަށް 10 ޕަސެންޓު ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވައި މަލީހު ވިދާޅުވީ، ރާއްޖޭގައި ރައީސް އޮފީހުގެ ޕްރެސްތަކަށް ނޫސްވެރިންނަށް ދައުވަތު ނުދީ ބޭރުކޮށް، ރައްޔިތުންގެ ވިންދާ ޚިލާފަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް އިންތިޚާބުތަކުގައި ރައްޔިތުންގެ ފަރާތުން ޖަވާބު ލިބޭނެ ކަމަށެވެ.
ފެނިގެންދާނީ އިރާދަކުރެއްވިއްޔާ އެންޓި-މުއިއްޒު ވޭވެއް. ދިވެހިރާއްޖޭގައި މިވަގުތު ވެސް ނަގަމުން މި ދަނީ ބޮޑު ސިންގާ ރާޅެއް. އެހެންވީމާ މުއިއްޒު ނިންމަވާނީ ވެރިކަމުގައި ހުންނަވާނެތޯ ނުހުންނަވާނެތޯ. ރައްޔިތުންގެ ވިންދާ ދެކޮޅަށް އެގްރީމެންޓުގައި ސޮއިކޮށްފި ކަމަށްވާ ނަމަ، ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްޔިތުން ބަސް ވިދާޅުވެ ވީހާ ބޮޑަކަށް އަމަލީ ގޮތުން މިކަން ކުރިއަށް ގެންދަވަންވީމުހައްމަދު މަލީހު ޖަމާލު
މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގައުމީ ހަރަކާތުގެ ފަރާތުން ކަމަށް ވިދާޅުވެ، މަލީހު ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީ ފަދަ ބޮޑެތި ސިޓީތަކުގައި ތިއްބެވި އެމްޑީޕީ، ޕީއެންއެފް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ މެންބަރުންގެ އިތުރުން ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވެސް ރަސްމާލެ މަޝްރޫއު ހުއްޓުވުމުގެ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.
މަލީހު ވަނީ ރަށްރަށުގައި ކުދިކުދި މުޒާހަރާތައް އިންތިޒާމުކޮށް، ނޮވެންބަރު 13 ވާ ހުކުރު ދުވަހަށް މާލެ އައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އާންމު ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.










