ކޮރަޕްޝަން ތަހުގީގުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފަށަން ނިންމައިފިި
6 ނޮވެމްބަރު 2026 | ހުކުރު 08:50ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ފަންނީ ގާބިލު މީހުން ބިނާކުރުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޚާއްސަ ޑިޕްލޮމާ ކޯހެއް ފެށުމަށް އޭސީސީން ވަނީ ނިންމާފައި. މި ކޯހުގެ ސަބަބުން ތަހުގީގީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީވެ، ޑިޖިޓަލް ފޮރެންސިކްސް އާއި މާލީ މުއާމަލާތްތައް ތަހުލީލުކުރުން ފަދަ ޒަމާނީ ހުނަރުތައް އިންވެސްޓިގޭޓަރުންނަށް ލިބިގެންދާނެ


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) | ސޯޝަލް މީޑިއާ
ކޮރަޕްޝަން ތަހުގީގު ކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮރަޕްޝަން އިންވެސްޓިގޭޝަން ދާއިރާއަށް ޚާއްސަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުމެވެ. އެގޮތުން މި ހުސްކަން ފުރައިލުމަކީ ދައުލަތުގެ އަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭސީސީ އިން ބުނެ އެވެ.
އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ތައްޔިބު ވިދާޅުވި އެވެ.
އެހެންކަމުން ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤުކުރުމުގައި ފަންނީ ގޮތުން ގާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ހައްލުކުރުމަށްޓަކައި ފަށައި މި ކޯހަކީ ތަހުޤީޤީ ދާއިރާގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށާއި، މި ކޯހުގެ ތެރެއިން ތަހުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށް ދެވޭނެ ކަމަށް އޭސީސީއިިން ބުނެ އެވެ.
މީގެ އިތުރުން، ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުއާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަހުލީލު ކުރުމުގެ ގާބިލުކަން ބިނާކުރެވޭނެ ކަމަށް ވެސް އެސީސީއިން ބުނެ އެވެ.
އޭސީސީއިން އިތުރަށް ބުނީ ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ތަހުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދެވޭނެ ކަމަށެވެ.











