Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަސްމާލެ

ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:36

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ސިއްރު ޑީލެއްގެ ދަށުން ދިނުމުގައި ދެފުށް ނުފެންނަ ކަންތައްތަކެއް ހުރިކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. ދައުލަތަށް ވަގުތުން އާމްދަނީއެއް ނުލިބޭ މި އެއްބަސްވުމުގެ ދަށުން ބިންތައް ތާ އަބަދަށް ފަދަ ދިގު މުއްދަތަކަށް ދިން އިރު، ރައްޔިތުންނަށް މި ޑީލުން ލިބުނު އެއްވެސް ފައިދާއެއް ދެއްކިފައި ނެތް އިރު މި ޑީލުން ފައިދާވީ ކޮންބަޔަކަށްތޯ ވަނީ ސުވާލު އުފެދިފައި

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:36
ރަސްމާލެ މަޝްރޫޢުގެ ސައިޓް އޭ ހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯއެއް

ރަސްމާލެ މަޝްރޫޢުގެ ސައިޓް އޭ ހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯއެއް | އެމްއޭސީއެލް

ދިވެހި ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކުރަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ރަސްމާލޭގެ ބޮޑު ސަރަހައްދެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް އަގަކާ ނުލާ ދިން ޚަބަރު ފެންމަތިވީ ކުއްލި ގޮތަކަށެވެ. ކަމުގެ ހަގީގަތް ބަލާއިރު މިއީ، އަޑި ނޭނގޭ އެތައް ކަމެއް އެކުލެވޭ، ސުވާލުތަކުން ފުރިގެންވާ އެއްބަސްވުމެކެވެ.

އެކައުންޓަބިލިޓީ އާއި ޓްރާންސްޕޭރަންސީގެ ވާހަކަތައް ވާހަކަފުޅުތަކުގައި ރައީސް ޑރ. މުއިއްޒު ގެންނެވި ނަމަވެސް، ސަރުކާރުން މިހާތަނަށް އެވޯޑުކޮށްފައިވާ ބޮޑެތި ގިނަ މަޝްރޫއުތަކަކީ ސިއްރުން ޑީލުހަދައިގެން އެވޯޑްކޮށްފައިވާ މަޝްރޫއުތައް ކަމީ ފެންނަން އޮތް ހަގީގަތެކެވެ. ފެންނަނީ، ކުއްލިއަކަށް ކޮންމެވެސް ކުންފުންޏަކާ މަޝްރޫއު ހަވާލުކޮށްލާ މަންޒަރެވެ. ކުންފުނި އެކަމަށް ހޮވުނު ގޮތެއް، އެކަމަށް ކުރި އިއުލާނެއް، އަދި އެއީ ދައުލަތައް އެންމެ ފައިދާ ހުރި ގޮތަށް އެވޯޑް ކުރެވުނު މަޝްރޫއެއް ކަމެއްވެސް އެނގޭނެ ގޮތެއް ނޯވެ އެވެ. މި މޭރުމުން، ރަސްމާލޭގެ އެންމެ ވެލިފުކެއްވެސް ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ ކަމަށާއި ކުރު މުއްދަތުގެ ވިޔަސް ދިގު މުައްދަތުގެ ވިޔަސް އެއްބަސްވުމެއްގެ ދަށުން ބޭރުގެ ބަޔަކަށް އެތަނުގެ ބިމުން އެއްވެސް ބައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި އޮއްވާ ކުއްލި ގޮތަކަށް ފެނިގެން ދިޔައީ ތިން 5.2 މިލިއަން އަކަމީޓަރުގެ ބިޔަ ސަރަހައްދެއް އެއްވެސް އެއްޗެއް ރައްޔިތުންނަށް ވަގުތުން ނުލިބި ބޭރުގެ ބަޔަކަށް ސަރުކާރުން ދިން މަންޒަރެވެ.

އަޑި ނޭނގޭ މި ޑީލުގެ ދިފާއުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސެޕްޓެމްބަރު 22 ގައި ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމާއި އަދި މިކަމާ ބެހޭ ގޮތުން އީގަލް ހިލްސް ކުންފުނިން ނެރުނު ބަޔާނުގެ އިތުރުން މިކަމާ ގުޅޭ އެންމެ ފަހުގެ ރިޕޯޓްތައް ދިރާސާކުރި އިރު ފެންނަ ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު ކަމަކީ، މިއީ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" އެއް ނުވަތަ ވިޔަފާރީގެ މައިގަނޑު އުސޫލުތަކުގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް ކަމެވެ. މީގެ މާނައަކީ މިއީ ހަމައެކަނި މަޝްރޫއުގެ މައިގަނޑު އޮނިގަނޑު ކަނޑައަޅާ އެއްބަސްވުމެއް ކަމާއި، ތަފްސީލީ އުސޫލުތައް އަދި އޮތީ އެކުލަވާލުމުގެ މަރުހަލާގައި ކަމެވެ. އެހެންކަމުން، މި މަޝްރޫއާ ގުޅޭގޮތުން މުއްތަލިބު އެ ދައްކަވާ ބޮޑެތި އަދަދުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ވިދާޅުވެ ދައްކަވާ އަދަދުތަކެއް ނޫނެވެ. އެއީ އަންދާޒާތަކެކެވެ. އެއީ ކަށަވަރުވެފައިވާ ނަތީޖާތަކެއް ނޫނެވެ. ދައުލަތައް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް އަގު ބޮޑު ބިމެއް ބަޔަކަށް ދިނުމަށްފަހު މޫނުމަތި ރީތިކޮށްލަން ދައްކާ ވާހަކަތަކެކެވެ.

ދިވެހިރައްޔިތުންނަށް ވަގުތުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރުން

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރުން | ހައުސިންގ މިނިސްޓްރީ

އީގަލްސް ހިލްސް އަށް 5.2 މިލިއަން އަކަމީޓަރުގެ ބިން ދޫކޮށްލީ ލޯލާރިއެއްވެސް އަޕް ފްރަންޓްކޮށް ލިބޭ ގޮތަކަށް ނޫނެވެ. އެކަން މުއްތަލިބުވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ލިންކްޑިން ގައި އޭނާ ލިޔުއްވާފައިވާ ގޮތުން މިއީ މަޝްރޫއުގައި ސޮއިކުރާ ވަގުތު ޗެކެއް ލިބޭ ގޮތަށް ސޮއި ކުރި އެއްބަސްވުމެއް ނޫނެވެ. އޭނާ ވިދާޅުވާ ގޮތުން މިތަނުން ފައިސާ ލިބެން ފަށާނީ، ކުރިމަގުގެ ޓެކްސް އިންނާއި، ފަތުރުވެރިން އަންނަން ފެށުމުންނާއި، އާމްދަނީ ލިބެން ފެށުމުންނެވެ. މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރި މި ބިމުން މުއްތަލިބު ވިދާޅުވާ ގޮތުން، މިހާރު ރިސޯޓު ހަދަން ދޫކުރާ ބިންތަކުން ދައުލަތައް ހޯދާ ބިމުގެ ކުއްޔާއި، އެކުއިސިޝަން ފީ ފަދަ އާމްދަނީ، މި މަޝްރޫއުން ލިބުން މުހިންމެއް ނޫނެވެ. އެއަށްވުރެ ދިގު މުއްދަތުން ލިބޭ ފައިދާ މާ ރަނގަޅުވާނެ އެވެ. މިހެން މުއްތަލިބު ވިދާޅުވިއިރު، ރިސޯޓު ހަދަން ދޫކުރާ ރަށްތަކުން ލޭންޑް ރެންޓް ލިބުމުގެ އިތުރުން އޭނާ އެ ވިދާޅުވާ ޓެކްސްތައް ދަނީ ސަރުކާރަށް ބަރާބަރަށް ދައްކަމުންނެވެ. މުއްތަލިބު މި ވިދާޅުވާ ގޮތަށް ފައިދާ ބޮޑީ ބިމުގެ ކުލި ނުނަގާ ދިގު މުއްދަތުން ލިބޭ މަންފާ އަށް ކަމަށް ބަލާ ނަމަ މިހާރުވެސް ފަތުރުވެރިކަމަށް ދޫކުރާ ރައްތަކުން ނަގާ ލޭންޑް ރެންޓަކީ އެއްވެސް ބޭނުންތެރި އެއްޗެއް ނޫނެވެ. 

ފްރޭމްވޯކް އެއްބަސްވުމަށް ބަލާއިރު ސަރުކާރަށް އަވަސް މުއްދަތެއްގައި އާމްދަނީ އެއް ނުލިބޭނެ އެވެ. ސަރުކާރަށް ރަސްމާލޭން ޓީޖީއެސްޓީ، މާސްޓަރ ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ އަދި މުއާމަލާތްތަކުން ލިބޭ 4 އިންސައްތަ ލިބެން ފަށާނީ ކޮން އިރަކުން ކަމެއް ވެސް މުއްތަލިބަށް ވިދާޅެއް ނުވެވުނެވެ. މައިގަނޑު ގޮތެއްގައި މާ ސިންގާ މަޝްރޫއެއް ރާއްޖެ ގެނައި ކަމުގެ މަންޒަރު ދައްކާލުން ފިޔަވާ ރައްޔިތުންނަށް މިކަމުން އެއްޗެއް ލިބޭނެ ޒަމާނެއްވެސް އަދި ނޭނގެ އެވެ.

އަނެއްކޮޅުން ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރުމާއެކު އެ ބިމުން އެތައް ފައިދާ އެއް އަބޫދާބީގެ ކުންފުންޏަށް ހޯދިދާނެ އެވެ. ސަރުކާރުން ބިން ވިއްކައިގެން އެއްފަހަރާ ލިބޭ ފައިސާއަށް ބަރޯސާވުމުގެ ބަދަލުގައި، ދާއިމީކޮށް އާމްދަނީ ލިބޭނެ މަގެއް ފަހިވާނެ ކަމަށް މުއްތަލިބު ވިދާޅުވާއިރު، ބިން ހިލޭ ދިން ކުންފުންޏަށް އެތަނުން ބިން ވިއްކެ އެވެ. ފައިދާވެސް ހޯދެ އެވެ. ހުޅުމާލޭގައި ބިން ވިއްކާ ބޭސްލައިން މިންގަނޑުން  (ހަހާސް ރުފިޔާއަށް އަކަފޫޓެއް) ބަލާއިރު، ހިލޭ ދިން ބިމުން، 21 ބިލިއަން ޑޮލަރު ދައުލަތަށް އެއްފަހަރާ ލިބުނީހެވެ. އެ ވިދާޅުވާ މުޅި އިންވެސްޓްމަންޓް އެއްފަހަރާ ދައުލަތައް ވަނީހެވެ. ފަތުރުވެރިކަމަށް ބިން ކުއްޔަށްދޭ ރޭޓަށް ބަލާއިރު، ހިލޭ ދިން ބިމުން އަހަރީ ކުލީގެ ގޮތުގައި، 391 މިލިއަން ޑޮލަރު އަހަރަކު ލިބުނީހެވެ. 99 އަހަރުން 39 ބިލިއަން ޑޮލަރު ލިބުނީހެވެ. އެހެން ކަމުން 20 ބިލިއަން ޑޮލަރު 99 އަހަރުގެ އިންވެސްޓްމަންޓެކޭ ވިދާޅުވެ މުއްތަލިބު ދައްކަވާ ވާހަކައަކީ ތާކުން ތާކުން ޖެހޭ ވާހަކަ އެއް ނޫނެވެ. އަނެއްކޮޅުން އިންވެސްޓްމަންޓުގެ އަގަކީ 20 ބިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވާއިރު އީގަލް ހިލްސް އިން އާންމުކޮށްފައިވާ މައުލޫމާތުގައި ބުނަނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އެހެން ކަމުން މިކަމުގައިވެސް ދެފަރާތުން ބުނަނީ ދެގޮތަށެވެ. ހަގީގީ ބިމުގެ އަގަށް ބަލާއިރު 99 އަހަރުން ކުރާ 12 ބިލިއަން ޑޮލަރަކީ އެއްވެސް އެއްޗެއް ނޫނެވެ.

5000 ފްލެޓްގެ ބޮޑު އޮޅުވާލުން

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ހައުސިންގ މިނިސްޓްރީ

ހުޅުމާލޭގައި 3 ކޮޓަރީގެ 5،000 ހައުސިން ޔުނިޓް އެޅުމަށް އީގަލް ހިލްސްއިން 400 އާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުކުރާނެ ކަމަށް މުއްތަލިބު ވިދާޅުވެ، އެއީ ސަރުކާރުގެ ބަޖެޓުން ހޭދަ ނުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދެވުން ކަމަށް ދޭހަ ކޮށްދޭން ވަނީ މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ހަގީގަތަކީ، މިއީ ދައުލަތައް ކުރިއަށް އޮތްތާ ލިބެން އޮތް އާމްދަނީން ކަނޑާ ގޮތައް އަޅައިދޭ ތަންތަނެވެ. 

އެހެންކަމުން މަޝްރޫއުގެ މޫނުމަތި ރީތިކުރަން އެ ވިދާޅުވާ ބޯހިޔާވަހިކަމާ ގުޅޭ ކަންތައްތަކަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. މި 5،000 އެޕާޓްމަންޓަކީ ހިލޭ ލިބޭ އެއްޗެއް ކަމަށް ބުނުމަކީ އޮޅުވާލުމެކެވެ. އީގަލް ހިލްސްއިން މިކަމަށް ކުރާ 400 އާއި 500 މިލިއަން ޑޮލަރުގެ ހަރަދު އަނބުރާ ހޯދާނީ، ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތަ ހިއްސާއިން އުނިކޮށްގެންނެވެ. އެހެންކަމުން، މިއީ ސަރުކާރަށް މުސްތަގުބަލުގައި ލިބެން އޮތް އާމްދަނީއަކުން ދުރާލާ ފައިނަލްސް ހަމަޖެއްސުން ފަދަ ކަމެކެވެ.

54،000 ވަޒީފާ، ބުނެލި އަދަދެއް

ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބުނާ 11 ބިލިއަން ޑޮލަރާއި، އުފެދޭނެ ކަމަށް ބުނާ 54،000 ވަޒީފާގެ ހިސާބުތައް ޖަހާފައިވާ ތަފްސީލީ ގޮތްތައް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. މިނިސްޓަރު މުއްތަލިބު މި އަންދާޒާތައް ދެއްވި ނަމަވެސް، މިހާރު އާންމުކޮށްފައިވާ މައުލޫމާތުތަކުން މި ހިސާބުތައް އަމިއްލައަށް ކަށަވަރުކުރެވޭނެ ފަދަ ތަފްސީލެއް ނެތެވެ.

ނިމުމެއްނެތް 99 އަހަރު

އަނެއް ކަމަކީ، 99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ އޮނިގަނޑެވެ. އީގަލް ހިލްސްއިން ބުނާ ގޮތުގައި ބިންތައް ސަރުކާރުން އެ ކުންފުންޏަށް ކުއްޔަށް ދެނީ 99 އަހަރަށެވެ. އެހެން ނަމަވެސް އެ ބިން ވިއްކާލާއިރު ނުވަތަ ވާރުތަވާއިރު، އަލުން، އަނެއްކާވެސް 99 އަހަރުގެ މުއްދަތެއް ގުނަން ފަށާނެ އެވެ. އެހެން ކަމުން މިއީ ނިމުމެއްނެތް 99 އަހަރަށް ވެގެންދާނެ އެވެ. މާނައަކީ ދިވެހި ބިމުން ބޭރުގެ ބަޔަކަށް ތާ އަބަދަށް 5.2 މިލިއަން އަކަމީޓަރުގެ މާ ސިންގާ ބިމެއް އެއޮތީ ލިބިފަ އެވެ.

20 ބިލިއަން ޑޮލަރޭ ބުނެ އޮޅުވާލުން

މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް ބުނާއިރު، އެއީ 20 ބިލިއަން ޑޮލަރު ރާއްޖެއަށް އެއް ފަހަރާ ގެނައުމެއް ވެސް ނޫނެވެ. އެ ގޮތަށް އެކަން ހަމަޖެހިފަ އެއް ވެސް ނެތެވެ. މަޝްރޫއަށް އިންވެސްޓް ކުރާ ފައިސާ ހޯދާނެ ގޮތުގެ ދެފުށް ފެންނަ ނިޒާމެއް އަދި ކަށަވަރެއްވެސް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުން މި މަޝްރޫއަށް ފައިސާ ހޯދާނީ ކުންފުނީގެ އަމިއްލަ ރައުސްމާލާއި، ލޯނާއި، އަދި ރަސްމާލޭގެ ތަންތަން ދުރާލާ ވިއްކައިގެން (ޕްރީ-ސޭލްސް) ލިބޭ ފައިސާއިންނެވެ. ނަމަވެސް އީގަލް ހިލްސްއިން އަމިއްލައަށް އިންވެސްޓްކުރާނެ މިންވަރާއި، ތަރައްގީކުރުމުގެ ތަފްސީލީ ތާވަލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

ހަގީގީ ފައިދާ ކަށަވަރުކުރެވޭނެ ގޮތެއް ނެތް؟

މިހާތަނަށް އެއްވެސް ކަމެއް ސާފުކޮށް އެނގެން ނެތް އިރު، ތަފްސީލީ އެއްބަސްވުން ލިބުމުން، މި މަޝްރޫއުގެ ފައިދާ ވަޒަންކުރުމަށްޓަކައި ބަލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި: "އާމްދަނީގެ 10 އިންސައްތަ" މާނަކުރާ ގޮތާއި، އޭގެ ތެރެއިން އުނިކުރެވޭނެ ހަރަދުތަކާއި، 5،000 ފްލެޓް ނިންމަންޖެހޭ ތާރީހާއި، މަސައްކަތް ހުއްޓިއްޖެނަމަ ވާނެ ގޮތާއި، ޑިވެލޮޕަރު އަމިއްލައަށް އިންވެސްޓްކުރަންޖެހޭ އެންމެ މަދު މިންވަރާއި، މަސައްކަތުގެ ގެރެންޓީއާއި، އިންފްރާސްޓްރަކްޗާގެ ޒިންމާތަކާއި، ދިވެހިންނަށް ވަޒީފާ ދިނުމުގެ ޝަރުތުތަކާއި، ރާއްޖޭގެ ވިޔަފާރިތަކުގެ ބައިވެރިވުމާއި، ތިމާވެށީގެ ޒިންމާތަކާއި، ފައިސާ ނެގުމުގެ އުސޫލުތަކާއި، މައްސަލަ ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތް ހިމެނެ އެވެ.

މި ތަފްސީލުތަކުގެ ސަބަބުން، މައިގަނޑު އިންސައްތަތަކަށް ބަދަލެއް ނައި ނަމަވެސް، ލިބޭ އިގްސާދީ ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ފައިސާގެ ގޮތުގައި ކުންފުނިން އިންވެސްޓް ކުރާނެ ހަގީގީ އަދަދާއި، އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާގެ އަދަދުތައް ސާފު ނުވަނީސް ހަގީގީ އިންވެސްޓްމަންޓުގެ އަދަދާއި ލިބޭނެ މަންފާއެއް ބުނާކަށް ނޭނގޭނެ އެވެ.

ޑީލުގެ ފައިދާވީ ކާކަށް؟

މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދައުލަތުގެ އާމްދަނީއަށާއި، ބޯހިޔާވަހިކަމަށާއި، ބޭރު ފައިސާއަށާއި، ވަޒީފާ އަދި ވިޔަފާރީގެ ދާއިރާއަށް ބޮޑެތި ފައިދާތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ހަމައެކަނި މިހާރު އޮތް "ކޮމާޝަލް ޓާމްސް އެގްރީމަންޓް" އަށް ބަލައިގެން މި ފައިދާތަކުގެ މިންވަރު ކަށަވަރުކުރެވޭކަށް ނެތެވެ. ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ހަގީގަތުގައި ލިބޭނެ އެއްޗެއް އެނގޭނީ، އިއުލާންކޮށްފައިވާ ޚިޔާލީ 20 ނުވަތަ 30 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ އަދަދުތަކަށްވުރެ ބޮޑަށް، ފަހުން ސޮއިކުރެވޭ ތަފްސީލީ އެއްބަސްވުންތަކާއި މާލީ މޮޑެލްތަކުންނެވެ. ހަމަ ޔަގީނުންވެސް އެންމެ ކުޑަ ވެގެން ވެސް 5.2 މިލިއަން އަކަ މީޓަރުގެ ބިން ހިއްކަން ރައްޔިތުންގެ ފައިސާ އިން 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށް ބެލެވޭ ދައުލަތުގެ އަގުބޮޑު ބިމެއް ބޭރުގެ ބަޔަކަށް ތާ އަބަދަށް ދޫކޮށްލީ ވަގުތުން ލިބޭނެ އެއްވެސް މަންފާއެއް ނެތި އެވެ. އެންމެ ކުޑަ މިނުން ހިއްކަން ހިނގި ޚަރަދު ވެސް ނުލިބި އެވެ. ހަމަ ޔަގީނުންވެސް މި ފާއިތުވި 3 އަހަރުގެ ތެރޭގައި ދައުލަތަށް ވަތްހާ ޑޮލަރެއް އަޅާ ފުރާލި ފުށިދިއްގަރުފަޅުން ހިއްކި އަގުބޮޑު ބިން އެންމެ ޑޮލަރެއްވެސް ދައުލަތުގެ މާލިއްޔާ އަކަށް ނުވަދެ އެވެ. އެހެން ކަމުން ސުވާލަކީ ރައްޔިތަކަށް މި ޑީލުން ފައިދާއެއް ނުވިއިރު، ދެން މި ޑީލުން ފައިދާވީ ކާކަށް ހެއްޔެވެ؟ ހައުުސިންގ މިނިސްޓަރ މުއްތަލިބު ލިންކްޑިންގައި މި ސުވާލަށް ޖަވާބު ދެއްވިނަމަ ހާދަހާ ރަނގަޅުވީހެވެ.

ރަސްމާލެ އީގަލް ހިލްސްޑރ. އަބްދުﷲ މުއްތަލިބުކަރަޕްޝަން

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

3

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

24 ސެޕްޓެމްބަރު 2026
25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟
24 ސެޕްޓެމްބަރު 2026

އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟

24 ސެޕްޓެމްބަރު 2026
އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟

23 ސެޕްޓެމްބަރު 2026
އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟
23 ސެޕްޓެމްބަރު 2026

"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ

23 ސެޕްޓެމްބަރު 2026
"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު

21 ސެޕްޓެމްބަރު 2026
 ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް