ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
21 ސެޕްޓެމްބަރު 2026 | ހޯމަ 05:57ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބުދޭނަމަ ސަރުކާރުގެ އިސްވެރިން ފެންނާނީ ޖަލުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ޚިޔާނާތާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅުވައި ރައީސްގެ އިޚުލާޞްތެރިކަމާ މެދު ސުވާލު އުފައްދަވަމުން، 2028 ވަނަ އަހަރު ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށްވެސް ޖަމީލް ވިދާޅުވި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕާޓީގެ އިސް ފަރާތްތައް | ޕީއެންސީ
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން ކަމަށް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ވަނީ ރައީސް މުއިއްޒު އަށް ނުކުރެއްވޭނެ ކަންތައްތަކުގެ ވާހަކަ ނުދެއްކެވުމަށް ނަސޭހަތްތެރިވެފަ އެވެ.
"މަނިކުފާނަށް ނުވާވަރުގެ ކަންތަކުގެ ވާހަކަ ނުދައްކާށެވެ. ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މަނިކުފާނުގެ ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުންނެވެ." ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ޑރ. ޖަމީލް މި މޭރުމުން ރައީސް ޑރ. މުއިއްޒު އަށް ފާޑު ވިދާޅުވި އިރު، މުއިއްޒުގެ ސަރުކާރުގައި ހިނގަމުންދާ ކަރަޕްޝަންގެ އެތައް މައްސަލަ އެއް ފެންމަތިވެފައިވާއިރު ވެސް އެކަންކަމުގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތަކާ މެދު ޝަރީއަތް ހިންގާފައި ނުވާކަން އާންމުން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. އެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ހިންގާފައިވާ މުހިންމު ތަހުގީގުތަކަށް ވެސް މި ސަރުކާރުން ފަރުވާލެއް ބަހައްޓާފައެއް ނުވެ އެވެ.
"ބްރޯއަތުން މަންފާ ނުލިބޭ އެކަކުވެސް ތިތާ އެބަހުރިތޯ، އެކޮރަޕްޝަނާ ވައްކަމަށް އަދަބު ދެވިއްޖެތޯ؟" ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ނާޖާއިޒް އެހީ ހޯދާފައިވާ ފަރާތްތަކަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވި އެވެ.
"މަނިކުފާނު މިހަފުތާގެ ޝިޢާރަކަށް ޚިޔާރު ކުރަންވީ ޒިކުރު ބޯޑަކީ ތިރީގައި މިވާ ގުދުސީ ޙަދީޘް،" ކަމަށް ވިދާޅުވެފައިވެ އެވެ.
"يا عبادي إني حرمت الظلم علي نفسي وجعلته بينكم محرما فلا تظالموا
އޭ ތިމަން الله ގެ އަޅުތަކުންނޭވެ. ހަމަކަށަވަރުން ތިމަން الله ގެ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމް ކުރައްވައިފީމެވެ. އަދި ތިޔަބައި މީހުންގެ މެދުގައިވެސް އެއީ ޙަރާމްކަމެއް ކަމުގައި ލައްވައިފީމެވެ. ފަހެ، ތިޔަބައި މީހުން އެކަކު އަނެކަކަށް އަނިޔާވެރި ނުވާށެވެ!"
ރައީސް ޑރ. މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ކިތަންމެ ހިސާބެއް ޖެހިޔަސް ޑރ. މުއިއްޒު ކިޔާ މީހަކު 2028 ގެ ރައީސް ކަމުގެ ހުވައެއް ان شاء الله ނުކުރާނެ، ކަމަށެވެ.
"މަނިކުފާނުގެ ފެންވަރާ، ޚަސީލަތް މުޅި ރައްޔިތުންނަށް ވ. ސާފު. މަނިކުފާނާ ދެކޮޅަށް އަޅުގަނޑުމެން ތެދުވެ މިތިބީ ފިސާރި ސާބިތުކަމާ އަޒުމާއެކު!"
މީގެ އިތުރުން ދާދި ފަހުން ރައީސް ޔާމީން ވެސް ވަނީ ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ތިއްބެވި ބައެއް ފަރާތްތަކަކީ "ޝާހީ ވަގުން" ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. ރައީސް ޔާމީން ވަނީ، އެމްއެމްޕީއާރުސީގައި މައްސަލައިގައި ނަން އައިސްފައިވާ ފަރާތްތަކުގެ ތެރެއިން، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ތިބި މާތް ޝާހީ "ވަގުން"ގެ މައްސަލަ ބައްލަވަން މުއިއްޒަށް ގޮވާލައްވާފަ އެވެ.











