ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ
5 ނޮވެމްބަރު 2026 | ބުރާސްފަތި 08:16އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންގްރެސްއަށް ހުށަހަޅާނެ ކަމުގެ އިންޒާރު ރިޕަބްލިކަން މެންބަރު ތޯމަސް މެސީ ދެއްވުމާ ގުޅިގެން، ޕާޓީގެ އެތެރޭގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައި. ނަމަވެސް، ރައީސް ޓްރަމްޕް ވަނީ ވަޒީރުގެ މަސައްކަތްޕުޅަށް ތައުރީފުކުރައްވައި، އޭނާ މަގާމުން ދުރުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައި. ޕެންޓަގަންއިން ވެސް ބުނެފައި ވަނީ ސިޔާސީ ފިއްތުންތަކަށް ބެލުމެއްނެތި، ދައުރު ނިމެންދެން ހެގްސެތު މަގާމުގައި ދެމިހުންނަވާނެ ކަމަށް


އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، އޭނާ މަގާމުން ދުރުކުރުމުގެ މައްސަލަ ނުވަތަ 'އާޓިކަލްސް އޮފް އިމްޕީޗްމަންޓް' ކޮންގްރެސްއަށް އަލުން ހުށަހަޅުއްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ މެންބަރު ތޯމަސް މެސީ ބުދަ ދުވަހު ވިދާޅުވެ، ވެރިކަންކުރާ ޕާޓީގެ އެތެރޭގެ ބޮޑު ނުތަނަވަސްކަމެއް ފަޅާއަރުއްވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެސީ ވިދާޅުވީ، އިމްޕީޗްމަންޓް މައްސަލަ އަލުން ހުށަނާޅުއްވައި ދޫކޮށްލައްވާނެ ހަމައެކަނި ހާލަތަކީ ހެގްސެތު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި، އަންނަ ހަފުތާގައި ކޮންގްރެސްގެ މަސައްކަތްތައް އަލުން ފެށުމާއެކު، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މި މައްސަލައިގެ ވޯޓު ނެގުމުގެ މަރުހަލާ ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއާއެކު، ރިޕަބްލިކަން ޕާޓީގެ އެތެރޭގެ ގިނަ މަސްދަރުތަކަކުން ބުނީ، ހައުސްއަށް މި މައްސަލަ ހުށަހަޅައިފި ނަމަ، މި މައްސަލަ ފާސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅުވައި މެސީ ވިދާޅުވީ، އިންތިޚާބެއްގައި މިހާ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވާނީ ހަމައެކަނި އެންމެ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. "ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަހަތްޕުޅުން ކަނުބަނދެވިގެން ދިޔުމުގެ ވިސްނުމުން ބޭރުވި ނަމަ، މިއީ މުޅިންހެން ހުއްޓުވިދާނެ އަދި ސަލާމަތްވެވެން އޮތް ކަމެއް،" މެސީ ވިދާޅުވި އެވެ. ހަމަމިއާއެކު، ރިޕަބްލިކަން ޕާޓީއަށް އިންތިޚާބު ގެއްލެން މެދުވެރިވި އަސްލު ސަބަބަކީ އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ކަމަށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ބުދަ ދުވަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.
މި ކުރިމަތިލުންތަކުގެ ތެރޭގައި ވައިޓް ހައުސްގެ އިސް އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި، އިމްޕީޗްމަންޓްގެ މަސައްކަތްތަކާއި ނިންމުންތަކާ ގުޅިގެން ހިންގާ އެންމެހައި ތަހުގީގުތަކާ ދެކޮޅަށް ސާބިތުކަމާއެކު ހަނގުރާމަކުރެއްވުމަށް ޓްރަމްޕް ވަނީ ދިފާޢީ ވަޒީރަށް އަންގަވާފަ އެވެ. ހެގްސެތުގެ ބަދަލުގައި އެހެން ބޭފުޅަކު އެ މަގާމަށް އައްޔަންކުރެއްވުމަށް ވިސްނަވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވަނީ ދޮގުކުރައްވާފަ އެވެ. މި ގޮތުން ދިފާޢީ ވަޒީރު އަދާކުރައްވަމުން ގެންދަވަނީ "ވަރަށް ރަނގަޅު މަސައްކަތެއް" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި މައްސަލައިގައި ޕެންޓަގަންގެ އިސް ތަރުޖަމާނު ޝޯން ޕާރނެލް ވިދާޅުވީ، ސިޔާސީ މަންފާ ހޯދުމަށް މަސައްކަތްކުރާ ސިޔާސީ ފަރާތްތަކުގެ ނުފޫޒަށް ހެގްސެތު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. "ރައީސް ޓްރަމްޕްގެ ދައުރު ނިމެންދެން މި ވުޒާރާގެ ވެރިޔަކަށް ހުންނަވައިގެން ޤައުމަށް ޚިދުމަތް ކުރެއްވުމަށް ވަޒީރު ހެގްސެތު ހުންނެވީ ސައްތައިން ސައްތަ ފުރިހަމަ އަޒުމެއްގައި،" ޕާރނެލް ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











