ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުން: ނައިބު ރައީސް
5 ނޮވެމްބަރު 2026 | ބުރާސްފަތި 08:13އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، 2040 ވަނަ އަހަރަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒުތައް ނައިބު ރައީސް ހިއްސާކުރެއްވި. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ އެހީތެރިކަމާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި


އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ގައުމީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ ޒުވާނުން ކަމަށާއި، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރާއްޖޭގެ ތަރައްގީގެ މުހިންމު އަމާޒުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
ނައިބު ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ހައްގު ވާ ބަޔަކީ ރައްޔިތުން ކަމަށާއި، އަދި ޚާއްސަކޮށް ޒުވާނުން ކަމަށެވެ. މީގެއިތުރުން ޒުވާނުންނަށް ހުނަރާއި، އިލްމާއި، ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ ވުނަކުރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށާއި، 2030 ގެ ނިޔަލަށް ޑިޖިޓަލް އިގްތިސާދަކީ ޖީޑީޕީގެ 15 އިންސައްތައަށް ހެދުމުގެ އިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކަމަށެވެ.
މީގެއިތުރުން، ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފަ އެވެ.
އެއީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުވުމާއި، ގައުމީ ލަނޑުދަނޑިތަކަށް އިހްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން އަށަގެންނެވުމާއި، ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެންމެން ގުޅިގެން އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމެވެ.
ނައިބު ރައީސް ވިދާޅުވީ ކޮމަންވެލްތް ވަރުގަދަވުމަކީ ގައުމުތަކުގެ އަމިއްލަ ބާރާއި ގާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާއަތަކަށް އެ ޖަމާއަތްވުން ކަމަށެވެ.
ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ގާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ގައުމީ މަސްލަހަތުތަކަށް އިހްތިރާމްކުރެވެންވާނެ ކަމަށާއި، ކޮންމެ ގައުމަކަށްވެސް ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ތަޖުރިބާ ހިއްސާ ކުރުމާއި، އަމަލީ އެހީތެރިކަން ދިނުމާއި، ގުޅިގެން ހައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ގޮވާލެއްވި އެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިގްތިސާދީ ނުރައްކާތަކުގެ ސަބަބުން ދުރުރާސްތާގެ ތަރައްގީގެ އަމާޒުތަކަށް ވުނަކުރުމަށް ގައުމުތަކަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން ގައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.











