އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް
23 އޮކްޓޯބަރު 2026 | ހުކުރު 08:19އެލް-ނީނޯގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި. ޚާއްސަކޮށް އަންނަ އަހަރުގެ ޖެނުއަރީން އޭޕްރީލް މަހުގެ ނިޔަލަށް ވާރޭވެހޭ މިންވަރު މަދުވެ، އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް އުފުލޭނެތީ އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި


އިރުވައި މޫސުން ފެށިގެން އަންނައިރު އެލް-ނީނޯ އޭގެ އެންމެ ބާރުގަދަ މިންވަރަށް ދިއުމަކީ، ކުރިއަށް އޮތް ހޫނު މޫސުމުގައި ރާއްޖޭގެ ސަރަހައްދުގައި ހޫނުމިން މަތިވުމަށް އޮތް ފުރުސަތެއް ކަމަށް މެޓް އޮފީހުން ފާހަގަކުރޭ | ގެޓީ އިމޭޖަސް
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން މަތިވުމަށް މެދުވެރިވާ "އެލް-ނީނޯ" ކޮންޑިޝަންގެ ބާރު ކުރިއަށް އޮތް މަސްތަކުގައި ގަދަވެ، ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވެދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު ވިދާޅުވީ، އެލް-ނީނޯގެ ބާރު އެންމެ ގަދަވާނެ ނުވަތަ "ޕީކަށް" ދާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
ހުސެއިން ވަހީދު ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހަކީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ، ދެ މޫސުން ބަދަލުވާ ދުވަސްވަރެވެ. އާންމު ގޮތެއްގައި ޖެނުއަރީ މަހުގެ ތެރޭގައި އިރުވައި މޫސުން ފެށިގެންދާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ވާރޭވެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ޖެނުއަރީ މަހުން ފެށިގެން ވާރޭވެހޭ މިންވަރު މަދުވާން ފަށާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މި ބަދަލާއެކު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ދާއިރު، ވާރޭވެހޭ ދުވަސްތަކަށްވުރެ ހޫނުގަދަ ދުވަސްތައް ގިނަވާނެ ކަމަށް ބެލެވެ އެވެ.
ހުސެއިން ވަހީދު ވިދާޅުވީ، އެލް-ނީނޯގެ ސަބަބުން ޖެނުއަރީ، ފެބްރުއަރީ، މާޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން އިހުސާސްކުރެވޭ މިންވަރު ނުވަތަ "ފީލްސް ލައިކް" ޓެމްޕަރޭޗަރު ވަރަށް ބޮޑަށް މަތިވެގެންދާނެ ކަމަށެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ކުރިމަތިވާ މައްސަލައެއް ނަމަވެސް، މިއަހަރު އެލް-ނީނޯގެ ސަބަބުން މި މައްސަލަ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުވައި މޫސުން ފެށިގެން އަންނައިރު އެލް-ނީނޯ އޭގެ އެންމެ ބާރުގަދަ މިންވަރަށް ދިއުމަކީ، ކުރިއަށް އޮތް ހޫނު މޫސުމުގައި ރާއްޖޭގެ ސަރަހައްދުގައި ހޫނުމިން މަތިވުމަށް އޮތް ފުރުސަތެއް ކަމަށް މެޓް އޮފީހުން ފާހަގަކުރެ އެވެ. އެހެންކަމުން ކުރިއަށް އޮތް މަސްތަކަކީ އާންމު އަހަރުތަކަށްވުރެ ހޫނުގަދަ ދުވަސްތަކަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (ޑަބްލިއުއެމްއޯ) އާއި އދ. އިން އިންޒާރު ދީފައިވާ ގޮތުގައި، ދުނިޔޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަނަފަސްކަމާއި، ބޯކޮށް ވާރޭވެހުމުގެ އިތުރުން ދުނިޔޭގެ ޖުމްލަ ހޫނުމިން އެއްދުވަހުން އަނެއްދުވަހަށް އުފުލިގެންދާނެ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފަ އެވެ.











