ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އައި.އެލް.އޯ އިން ބުނެފި
31 އޮކްޓޯބަރު 2026 | ހޮނިހިރު 05:59ދުނިޔޭގެ ހޫނުމިން މަތިވުމުގެ ސަބަބުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީން 576 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އައިއެލްއޯގެ ދިރާސާއަކުން ދައްކައިފި. މި ބަދަލާއެކު ރާއްޖޭގެ އިމާރާތްކުރުމާއި ޚިދުމަތް ދިނުމުގެ ދާއިރާއިން 2،400 އަށްވުރެ ގިނަ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެވޭތީ، މަސައްކަތްތެރިން ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން ކުރިއަށް ގެންދަނީ | މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދުނިޔޭގެ ހޫނުމިން މަތިވުމާއި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ހީޓް ސްޓްރެސް ނުވަތަ ހޫނުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި ސްރީލަންކާގެ މަސައްކަތްތެރިންނަށާއި، އުފެއްދުންތެރިކަމަށާއި އިގްތިސާދަށް މިހާރުވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އިން ހެދި އާ ދިރާސާތަކަކުން ދައްކައިފި އެވެ. މި ދިރާސާތަކުން ދައްކާގޮތުގައި، ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި އިގްތިސާދަށާއި ވަޒީފާގެ ބާޒާރަށް ކުރާ މި ނޭދެވޭ އަސަރުތައް ބޮޑުތަނުން އިތުރުވެގެންދާނެ އެވެ.
ތިމާވެއްޓަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރި ނަމަވެސް، ހޫނުމިން މަތިވުމުގެ ސަބަބުން މަސައްކަތްކުރާ ވަގުތު މަދުވެ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ދެ ގައުމުން ގާތްގަނޑަކަށް 147،000 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ 145،000 ވަޒީފާއާއި ރާއްޖޭގެ 2،400 ވަޒީފާ އެވެ. ހަމައެއާއެކު، މާޒީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2040 ވަނަ އަހަރާ ހަމައަށްދާއިރު ދެ ގައުމުގެ ޖުމްލަ ޖީ.ޑީ.ޕީ އިން އަހަރަކު ގާތްގަނޑަކަށް 26.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ ތެރޭގައި ސްރީލަންކާގެ ޖީ.ޑީ.ޕީ އިން 26 ބިލިއަން ޑޮލަރު އަދި ރާއްޖޭގެ ޖީ.ޑީ.ޕީ އިން 576 މިލިއަން ޑޮލަރުގެ ގެއްލުން ހިމެނެ އެވެ.
މި ދިރާސާތަކުން ދައްކާގޮތުގައި ހީޓް ސްޓްރެސްއަކީ ހަމައެކަނި މުސްތަގުބަލުގައި އޮތް ނުރައްކަލެއް ނޫނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އިތުރުވަމުންދާ ހޫނުގެ ސަބަބުން، 1985 އިން 2014 އަށް އޮތް ދުވަސްވަރާ އަޅާބަލާއިރު، 2023 ވަނަ އަހަރުވެސް ދެ ގައުމުގެ މަސައްކަތު ވަގުތަށާއި ޖީ.ޑީ.ޕީ އަށް ވަނީ އިތުރު ގެއްލުންތަކެއް ލިބިފަ އެވެ. ސްރީލަންކާގައި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ. އޭގެ އިތުރުން ހިދުމަތް ދިނުމުގެ ދާއިރާއާއި، އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ދާއިރާއަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. ދިވެހިރާއްޖޭގައި މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ހިދުމަތް ދިނުމުގެ ދާއިރާއަށާއި އިމާރާތްކުރުމުގެ ދާއިރާއަށެވެ.
"މި ހޯދުންތަކުން ސާފުކޮށް އެނގެނީ ހީޓް ސްޓްރެސްގެ ސަބަބުން ސްރީލަންކާ އާއި ރާއްޖޭގެ މަސައްކަތްތެރިންނަށާއި، ކުންފުނިތަކަށާއި އިގްތިސާދަށް މިހާރުވެސް އަސަރުކުރަމުންދާކަން. ހޫނުގެ ނުރައްކަލުން މަސައްކަތްތެރިން ރައްކާތެރިކުރުމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނަންޖެހޭ މުހިންމު ކަމެއް،" އައި.އެލް.އޯގެ މަންދޫބަކު ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލުގައި ހޫނުގެ ސަބަބުން އުފެއްދުންތެރިކަމަށާއި، ވަޒީފާއަށާއި ގައުމީ އިގްތިސާދަށް މިހާރު ކުރަމުންދާ އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ އަސަރުތައް ދެނެގަތުމަށް މި ދިރާސާގައި ސެޓެލައިޓް މައުލޫމާތާއި އިގްތިސާދީ މޮޑެލްތައް ބޭނުންކޮށްފައިވެ އެވެ. ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ވަރަކަށް، މަސައްކަތްތެރިން ރައްކާތެރިކުރުމާއެކު ކުންފުނިތަކުން މި ބަދަލުތަކަށް ހޭނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އިންސާފުވެރި ބަދަލަކަށް (ޖަސްޓް ޓްރާންސިޝަން) ވާސިލުވުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
މަސްދަރު: އައި.އެލް.އޯ ނިއުސް











