ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟
5 ނޮވެމްބަރު 2026 | ބުރާސްފަތި 03:01އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ނަތީޖާއާއި އީރާނާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ކުރާ މަޝްވަރާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ދަށަށް ގޮސްފައި. ޚާރިޖީ ގޮތުން ޤަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، ވިލާތުގެ ޤައުމުތަކުގައި ގޭސް ރައްކާކޮށްފައިވާ މިންވަރު މަދުވުމުގެ ސަބަބުން ކުރިއަށް އޮތް ފިނިމޫސުމުގައި ހަކަތައިގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި


އެމެރިކާގެ ދިދައާއެކު ބިމުން ގޭސްނަގާ ޕަންޕުތަކެއް ފެންނަ ގްރެފިކްސްއެއް | ގެޓީ އިމޭޖަސް
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ޚާރިޖީ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ވިދިވިދިގެން ތިންވަނަ ސެޝަނަށް އަގުތައް ދަށަށްގޮސް، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބްރެންޓް ސާފުނުކުރާ ތެލުގެ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށްވުރެ ދަށަށް ހިނގައްޖެ އެވެ. ބައިނަލްއަގުވާމީ މިންގަނޑުން ބަލާއިރު، ތެލުގެ އަގު ވަނީ 4.90 އެމެރިކާ ޑޮލަރު ނުވަތަ %4.73 ދަށަށްގޮސް، ފީފާއެއް 98.70 އެމެރިކާ ޑޮލަރަށް ވެއްޓިފަ އެވެ.
އެމެރިކާގެ މިންގަނޑު ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ސާފުނުކުރާ ތެޔޮ ވަނީ 4.26 އެމެރިކާ ޑޮލަރު ނުވަތަ %4.43 ދަށަށްގޮސް ފީފާއެއްގެ އަގު 91.85 އެމެރިކާ ޑޮލަރަށް ވެއްޓިފަ އެވެ. މިއީ، ފާއިތުވި ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި އަގުތައް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ވިލާތުގެ ޤައުމުތަކުގައި ގުދުރަތީ ގޭހުގެ އަގުތައް ވެސް ވަނީ ދަށަށްގޮސް، ކުރިން ހޯދި ކުރިއެރުންތައް އަނބުރާ ގެއްލިފަ އެވެ.
ނެޑަލެންޑްސްގެ ޓައިޓަލް ޓްރާންސްފަރ ފެސިލިޓީ ފިއުޗަރސް، ނުވަތަ ވިލާތުގެ ގުދުރަތީ ގޭހުގެ މިންގަނޑު، ވަނީ %4.59 ދަށަށްގޮސް 87.40 ޔޫރޯއަށް (ގާތްގަނޑަކަށް 98.10 އެމެރިކާ ޑޮލަރު) ވެއްޓިފަ އެވެ. ބުދަ ދުވަހުގެ ކުރީކޮޅު މިއަގު ހުރީ 93 ޔޫރޯއަށް ވުރެ މަތީގަ އެވެ.
ހަކަތައިގެ އަގުތައް މިގޮތަށް ދަށަށް ގޮސްފައި ވަނީ، އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން ކޮންގްރެސްގެ ކޮންޓުރޯލު އެ ޕާޓީއަށް ލިބުމާ ގުޅިގެންނެވެ. ހަމަމިއާއެކު، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޤަތަރު އަދި ޕާކިސްތާނުން ދަނީ ޚާރިޖީ ގޮތުން މަސައްކަތްތައް ކުރަމުންނެވެ.
ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންޞާރީ އަންގާރަ ދުވަހު ވިދާޅުވީ، ހޯމަ ދުވަހު ތެހެރާންގައި ޤަތަރުގެ ވަފުދަކާއި އީރާނުގެ އޮފިޝަލުންނާ ދެމެދު ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ބޭއްވި މަޝްވަރާތަކަށްފަހު، ދެ ފަރާތުން ވެސް ހުށަހެޅުންތައް މުރާޖާ ކުރަމުންދާ ކަމަށެވެ.
މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވޮޝިންގޓަނާއި ތެހެރާނުން ދައްކަމުންދާ ޝައުގުވެރިކަމަކީ "އުންމީދުގެ ކުޑަ މިންވަރެއް" ކަމަށް އަލް-އަންޞާރީ ވިދާޅުވި އެވެ. ނަމަވެސް، މެދުވެރިންނަށް އަދި މިހާތަނަށް ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ.
މީގެ އިތުރުން، ޤަތަރުގެ ގޭސް އުފުލާ ބޯޓު ކަމަށްވާ 'އަލް-މާއިދާ' އަށް އަމާޒުކޮށް ދާދިފަހުން ދިން ހަމަލާތައް އޭނާ ކުށްވެރިކުރެއްވި އެވެ. އަދި، ގަލްފު ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާވެ، މަޝްވަރާތަކަށް އިތުރަށް ހުރަސްއެޅިގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
މި ގޮތުން، ވިލާތު ޤައުމުތަކުގެ ގުދުރަތީ ގޭސް ރައްކާކުރާ ގުދަންތަކުގެ ކެޕޭސިޓީގައި މި ވަގުތު ހުރީ %75 އަށްވުރެ ދަށުގަ އެވެ. ވިލާތުގެ ހުޅަނގުއުތުރުގެ ސަރަހައްދުތަކަށް ފިނި މޫސުމުގެ އަސަރުކޮށް، ގޭބީސީތަކުގެ ފިނިހޫނުމިން މަތިކުރުމަށް ބޭނުންކުރާ ހަކަތައިގެ ޑިމާންޑު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަދި، ޖަރުމަނުވިލާތުގެ ގޭސް ރައްކާކުރާ ގުދަަންތަކުގައި ހުރި ގޭހުގެ މިންވަރު މި ވަގުތު ހުރީ %61 ގަ އެވެ. މިއީ، ޖަރުމަނު ސަރުކާރުން ކަނޑައަޅާފައިވާ %70 ގެ އަމާޒަށްވުރެ ދަށް މިންވަރެކެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











