ހަނގުރާމައިގެ އިންޒާރާއި ސިއްރު ޑިޕްލޮމެސީ: އީރާނުގެ މަޝްވަރާތައް އަލުން ދިރުވަން މަސައްކަތް ކުރަނީ
29 އޮކްޓޯބަރު 2026 | ބުރާސްފަތި 03:26އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ބަދަލުގައި، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ހުއްދަ އދ. އަށް ދިނުމަށް މެދުވެރިން ދަނީ ބާރުއަޅަމުން. މި މަޝްވަރާތަކުގެ ތެރެއިން އެމެރިކާގެ ނައިބު ރައީސް އީރާނަށް ސިޓީފުޅެއް ފޮނުއްވާފައިވާއިރު، މިއީ ހަނގުރާމައެއް ފެށުނަ ނުދީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ރިޕޯޓުތައް ބުނޭ


އީރާނުގެ ވެރިރަށް ތެހެރާންގެ މަގެއްގެ މަތީގައި އެ ޤައުމުގެ ދިދައިގެ ސިފައިގައި ހަދާފައިވާ ބިނާއެއް ކައިރިން މީހަކު ހިނގާފައިދާ ވަގުތު، އެއްގަމު އުޅަނދުފަހަރު ދަތުރުކުރަނީ | އޭއެފްޕީ
އެމެރިކާއާއި އީރާނާ ދެމެދު އަލުން ހަނގުރާމައެއް ފެށުނަ ނުދިނުމުގެ ގޮތުން، ދެ ޤައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ޤަތަރު އިސްވެ އޮވެ ސަރަހައްދީ މެދުވެރިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މި މަޝްވަރާތަކުގެ ތަފްސީލީ މަޢުލޫމާތު އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޮސްއިންނެވެ.
އެމެރިކާއާއި އިސްރާއީލުގެ އިތުރުން ސަރަހައްދީ މަސްދަރުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ދިނުމުގެ ބަދަލެއްގެ ގޮތުގައި، ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ނިއުކްލިއަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް އދ. ގެ އިންސްޕެކްޓަރުންނަށް ހުއްދަ ދިނުމަށް މެދުވެރިން ތެހެރާނަށް ބާރުއަޅަމުންދާ ކަމަށެވެ. މި ގޮތުން ކުރިއަށްދާ މި މަސައްކަތަށް ޕާކިސްތާނާއި، ސައުދީ އަރަބިއްޔާއާއި، މިޞްރުގެ އިތުރުން ތުރުކީވިލާތުން ވެސް ތާއީދުކުރާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ޓްރަމްޕްގެ އިންޒާރުތަކާއި މަޝްވަރާތަކުގެ ކާމިޔާބީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކްސިއޮސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މެދުވެރިންގެ އެހީތެރިކަމާއެކު އީރާނާއެކު ވާހަކަތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، އެ މަޝްވަރާތައް ކާމިޔާބުވާނެ ކަމާމެދު ވަކި އެއްޗެއް ވިދާޅުވަން އެނގިވަޑައިނުގަންނަވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއްބަސްވުމެއްގެ ތެރެއިން ނުވަތަ އެ ނޫން ގޮތަކުން ވިޔަސް، އަޅުގަނޑުމެން މި މަސައްކަތް ނިންމަން ޖެހޭ. މަޝްވަރާތައް ކާމިޔާބު ވެދާނެތޯ އަޅުގަނޑުމެން ބަލާނަން،" ޓްރަމްޕް ވިދާޅުވި އެވެ. އެކްސިއޮސްއިން މި ފަދައިން ރިޕޯޓުކޮށްފައި މި ވަނީ، އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާތާ ހަފުތާތަކެއް ވެފައި ވަނިކޮށެވެ.
ވެންސްގެ ސިޓީފުޅާއި އައު ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް
މިއާއެކު، ސުލްހައިގެ މަޝްވަރާތައް އަލުން ދިރުވުމުގެ މަސައްކަތުގެ ތެރެއިން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސް ވެރިޔާ މުޙްސިން ރެޒާއީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް 'ދި ވޯލް ސްޓްރީޓް ޖަރނަލް' ނޫހުން ބުދަ ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އެމެރިކާގެ އޮފިޝަލުންނާއި މި މައްސަލައާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުނީ، އެ ސިޓީފުޅު ފޮނުއްވީ ޓްރަމްޕްގެ އިރުޝާދުގެ ދަށުން ކަމަށެވެ. މިއީ، ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާއިން އީރާނަށް ދީފާނެ އައު ހަމަލާތަކެއް ހުއްޓުވުމަށް ޑިޕްލޮމެޓިކް އޮނިގަނޑެއް އެކުލަވައިލެވިދާނެތޯ ވޮޝިންގޓަނުން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.
އީރާނާއެކު ވާހަކަދެއްކުމަށް ވެންސްއަށް އިރުޝާދު ދެއްވިތޯ ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، "ނޫން، އެ ކަން ހިނގި ގޮތަކީ އެ މީހުންނަށް [އީރާނަށް] ބޭސްފަރުވާގެ ސާމާނާއި އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވީ،" ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، "އޭނާ އަޅުގަނޑު ގާތުގައި އެއްސެވީ އަޅުގަނޑު ދެކޭ ގޮތަކީ ކޮބައިތޯ. އަޅުގަނޑު ބުނިން އެ ކަން ކުރަން ބޭނުން ކަމަށް ވަނީނަމަ އެއީ އެންމެ ރަނގަޅު ކަމެކޭ. އަސްލު މި ކަމަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން."
މަސްދަރު: އަނަދޮލު އޭޖެންސީ











