ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
25 އޮކްޓޯބަރު 2026 | އާދީއްތަ 08:27އެމެރިކާއިން އީރާނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދެއްވާފައިވަނިކޮށް، އީރާނުގެ ވައިގެ ދިފާޢީ ނިޒާމުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި. މި ހާދިސާ ހިނގާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމަށް ހައްލެއް ނުލިބި، ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި


އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރު، ޔޫއެސްއެސް ސެންޓަ ބާބަރާއިން 'ލޫކަސް' މަރުކާގެ ޑްރޯނެއް އުދައްސައިލާ މަންޒަރު | ސެންޓްކޮމް
އީރާނުގެ ދެކުނުގައި އޮންނަ ބަނދަރުމަތީ ރަށެއް ކަމަށްވާ ބަންދަރު ޢައްބާސްގެ ވައިގެ ސަރަހައްދުން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އެ ޤައުމުގެ ވައިގެ ދިފާޢީ ބާރުތަކުން ވައްޓާލައި ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނެފި އެވެ. މި ޚަބަރު ރިޕޯޓުކޮށްފައި ވަނީ އީރާނުގެ ރަސްމީ ތަސްނީމް ނޫސް އޭޖެންސީންނެވެ.
އެ ޑްރޯން ނައްތާލާފައި ވަނީ "ޤައުމުގެ އިންޓެގްރޭޓެޑް އެއާ ޑިފެންސް ނެޓްވޯކުގެ ދަށުން، ވައިގެ ދިފާޢީ ބާރުގެ ނިޒާމުތަކުގެ ހަމަލާތަކުން" ކަމަށް، އަސްކަރިއްޔާގެ އާންމު ގުޅުންތަކާ ބެހޭ އިދާރާއާ ހަވާލާދީ އެ އޭޖެންސީން ބުންޏެވެ.
މި ހާދިސާ ހިނގި ކަމަށް ރިޕޯޓުކޮށްފައި މި ވަނީ، އެމެރިކާއިން އާދީއްތަ ދުވަހު ވެސް އީރާނަށް ހަމަލާދީފާނެ ކަމަށް ނުވަތަ ތެހެރާނާ އެކު "ބޮޑު، ފުރިހަމަ" އެއްބަސްވުމަކަށް އަތުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. މިއީ، އެ ޤައުމަށް އަލުން ހަމަލާ ދިނުމާ މެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ފެތުރެމުންދާ ދަނޑިވަޅެކެވެ.
ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފެށުނީ ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކާ އެކު ސަރަހައްދީ ފުޅާ ހަނގުރާމައެއް ފެށިގެން ދިޔައިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެވިފައި އޮތް ނަމަވެސް، މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











