އިހުތިރާމް ލިބިފައިވާ ބޭފުޅުން ސިޔާސީ ކުޅިގަނޑުގެ ތެރެއަށް: ކަންބޮޑުވުން ބޮޑު ސިޔާސަތެއް
2 ނޮވެމްބަރު 2026 | ހޯމަ 10:04ޤައުމީ ޚިދުމަތުގައި އިހްތިރާމް ހޯއްދަވާފައިވާ އަސްކަރީ އަދި ޤާނޫނީ ދާއިރާގެ ބޭފުޅުން ސިޔާސީ މަޤާމުތަކަށް ނެރުއްވުމުގެ ސަބަބުން، އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދި އަބުރަށް އުނިކަން އަންނަ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައި. މޫސާ އަލީ ޖަލީލާއި އަހްމަދު ޝާކިރު ފަދަ ޝަޚްސިއްޔަތުން ސިޔާސީ ކަންކަމުގައި ބޭނުންކުރެއްވުމަކީ އެ ބޭފުޅުންނަށް އޮތް ޤަދަރު ކުޑަވެގެންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ


ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގައުމީ ދިދަ | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ނިންމަވާ ބައެއް ސިޔާސީ ނިންމެވުންތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތައް ބައެއްގެ އިހްތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވާ ޝަޚްސިއްޔަތުތަކާ މެދު ރައްޔިތުން ދެކޭ ގޮތް މުޅިން ބަދަލުވެ ނުބައި ތަސައްވުރެއް އުފެދެމުންދާ ކަމުގެ ކަންބޮޑުވުން މިއަދު ވަނީ ބޮޑުވެފަ އެވެ. ޤައުމީ ޚިދުމަތުގައި އެތައް އަހަރެއް ވަންދެން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވައި، ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅުން ސިޔާސީ މަސްރަހުގެ ތެރެއަށް ވައްދަވައި، އޭގެ ނަތީޖާއެއްގެ ގޮތުން އެ ބޭފުޅުންނަށް ރައްޔިތުން ކުރާ ގަދަރު ކުޑަވެގެންދާ ފަދަ މަގުތައް ފަހިކުރައްވަމުން ރަައީސް މުއިއްޒު ގެންދަވަނީ ގަސްތުގައި ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލު އެވެ. މޫސާ އަލީ ޖަލީލަކީ ސިފައިންގެ ޚިދުމަތުގައި 32 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި، 2008 އިން 2012 އަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، 2014 އިން 2015 އަށް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރުކަމުގެ މަޤާމުގެ އިތުރުން، 2015 ވަނަ އަހަރު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމު ފުރުއްވާފައިވާ ޤައުމީ ވަރުގަދަ ޝަޚުސިއްޔަތެކެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުރާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް އެމަނިކުފާނު ދެއްކެވި ހިތްވަރާ ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރައްވައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުނު ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލަށް އަރުވާފަ އެވެ.
ނަމަވެސް، މޫސާ އަލީ ޖަލީލުގެ ޤައުމީ ޝަޚްސިއްޔަތާއި އަސްކަރީ ގަދަރު ސިޔާސީ ކަންކަމުގެ ތެރެއަށް މަސްހުނިވެގެންދިޔައީ، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރުކަމުގެ އިންތިޚާބަށް ރައީސް މުއިއްޒު އެމަނިކުފާނު ނެރުއްވުމާ ގުޅިގެންނެވެ. އެ އިންތިޚާބުން މޫސާ އަލީ ޖަލީލަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އިރު، ސިޔާސީ ޕާޓީއެއްގެ ވާދަވެރިކަމުގެ ތެރެއަށް އެފަދަ ޤައުމީ ބޭފުޅަކު ނެރުއްވުމުގެ ސަބަބުން ބައެއް ރައްޔިތުންގެ ހިތުގައި މޫސާ އަލީ ޖަލީލަށް އޮތް އިހްތިރާމް ގެއްލި، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެގެން ދިޔަ އެވެ. މިއީ ޤައުމީ ޚިދުމަތްތެރިއަކު ސިޔާސީ "ކާޑަކަށް" ހައްދަވައިގެން އޭނާގެ ނަން ރައީސް މުއިއްޒު ކިލަނބު ކޮށްލެއްވި ގޮތުގެ އެއް މިސާލެވެ.
މީގެއިތުރުން، ރިޓަޔަރޑް އަސްކަރީ އިސް ބޭފުޅުން ސަރުކާރުގެ ކުންފުނިތަކުގެ (އެސްއޯއީ) އިސް މަޤާމުތަކަށް އައްޔަންކުރެއްވުމުގެ ސިޔާސަތުގެ ތެރެއިން ވެސް އިތުރު ބޭބޭފުޅުންނަށް ރައްޔިތުން ކުރަމުން ދިޔަ ގަދަރަށް ވަނީ އަސަރުތަކެއް ކޮށްފަ އެވެ. އެގޮތުން މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހު ފެނަކަ ކޯޕަރޭޝަންގެ އިސް މަގާމަކަށް އައްޔަންކުރެއްވުމާ ގުޅިގެން، އެ ކުންފުންޏާ މެދު އޮތް އާންމުންގެ ނުރުހުމާއި ސިޔާސީ ފާޑުކިޔުންތައް ނަޖާހު އަށް ސީދާ އަމާޒުވެ، މީގެ ކުރިން ނަޖާހު ކުރެއްވި މަސައްކަތާއި އަސްކަރީ ޚިދުމަތުގެ ރެކޯޑަށް ކިލަނބުކަމެއް އައެވެ. ޤައުމީ ޚިދުމަތުގައި ޤަދަރުވެރިކަމާއެކު އުޅުއްވި ބޭފުޅުން، ހިންގުމުގެ މައްސަލަތަކާއި ސިޔާސީ ނުފޫޒު ބޮޑު ކުންފުނިތަކުގެ ހިންގުމާ ހަވާލުކުރެއްވުމުން، އެ ބޭފުޅުންގެ ނަން ކިލަނބުވެގެންދިޔައި އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ.
އެންމެ ފަހުން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ މޮރިޝަސްއާއި ދިވެހިރާއްޖޭގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއިން އަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައީސް މުއިއްޒު އުފެއްދެވި ޚާއްސަ ކޮމިޝަނުގެ ރައީސްކަމަށް އަލްއުސްތާޛު އަހްމަދު ޝާކިރު އައްޔަންކުރެއްވި ނިންމެވުމެވެ. އަލްއުސްތާޛު އަހްމަދު ޝާކިރަކީ ޤާނޫނީ ދާއިރާއިންނާއި ޝަރުއީ ދާއިރާއިން ނަޒާހަތްތެރިކަމަށް ނަން މަޝްހޫރު، އެންމެންގެ އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ނަމަވެސް، ސިޔާސީ ގޮތުން ނުހަނު ވާދަވެރި އަދި ޚިޔާލުތަފާތުވުން ބޮޑު މައްސަލައެއް ބެލުމަށް އުފެއްދެވި ކޮމިޝަނެއްގެ ރިޔާސަތު އެމަނިކުފާނާ ހަވާލުކުރެއްވުމުން، ގިނަ ބަޔަކު ސުވާލުއުފައްދަނީ މިއީ ވެސް އިތުރު ނަޒާހަތްތެރި ޤަދަރުވެރި ބޭފުޅެއްގެ ނަންފުޅު ސިޔާސީ ކުޅިގަނޑެއްގެ ތެރެއަށް ވައްދަވައި ކިލަނބުކޮށްލުމަށް ކުރެވޭ ކަމެއްތޯ އެވެ. ސަރުކާރުގެ ސިޔާސީ ބޭނުންތަކަށާއި، ކުރީގެ ސަރުކާރުތަކަށް ފާޑުކިޔުމަށް އުފައްދާ މިފަދަ ކޮމިޝަންތަކުގެ ކުރިއަށް މުޖުތަމައުގެ އިހްތިރާމް ލިބިފައިވާ އަބުރުވެރިން ނެރުއްވުމަކީ، އެ ބޭފުޅުންގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާމެދު އާންމުންގެ ހިތްތަކުގައި ޝައްކުު އުފެދި، އެ ބޭފުޅުންގެ ޤައުމީ ޤަދަރު ގެއްލިގެންދާނެ ކަމެކެވެ.
ޤައުމީ ޚިދުމަތުގައި ދެގޮތެއްނުވެ ތިއްބެވި އަސްކަރީ އަދި ޤާނޫނީ ދާއިރާގެ އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅުން، ސަރުކާރުގެ ސިޔާސީ އެޖެންޑާތައް ހާސިލުކުރުމަށްޓަކައި ކުރިއަށް ނެރުއްވައި، ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ ތެރެއަށް ވެއްދެވުމަކީ އެ ބޭފުޅުންގެ އަބުރާއި ޝަރަފަށް ލިބޭ ބޮޑު އުނިކަމެކެވެ. ރައީސް މުއިއްޒުގެ މިފަދަ ނިންމެވުންތަކުގެ ސަބަބުން، ޤައުމީ ބަތަލުންނާއި އިހްތިރާމް ލިބިގެންވާ ޝަޚްސިއްޔަތުން ސިޔާސީ ކާޑުތަކަކަށް ވެ، އެ ބޭފުޅުންނާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ޤަދަރާއި ލޯބި ކުޑަވެގެންދާކަމީ މިއަދު އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.









