ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން
3 ނޮވެމްބަރު 2026 | އަންގާރަ 12:38ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ކަންކަން ނިންމުމަކީ ދިވެހި ގައުމިއްޔަތަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ. ދިވެހި ބިމަކީ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމަށްވާއިރު، ބޭރުގެ ޒަޔަނިސްޓުންނާ ގާތް ފަރާތްތަކަށް ބިން ދިނުމަކީ ދިވެހި ސަގާފަތާއި އިޖުތިމާއީ ފޭރާމަށް އޮތް ބޮޑު ނުރައްކަލެއްކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ދިވެހީންނަށް ބިން ތަރައްގީ ނުކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ކުރަނީ ރައްޔިތުންނަށް މަލާމާތެއް ކަމަށް ވެސް އޭނާ ވިދާޅުވި


ގާނޫނީ ވަކީލު އަލީ ހުސެއިން "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށް ގެންދާ ކުއްލި ހަރަކާތުގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި ކަމަށާއި އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ދިވެހި ގައުމިއްޔަތު ފުނޑާލަމުން ކަމަށެވެ. އެގޮތުން، ރަސްމާލޭގައި އެއްލައްކަ ނުވަތަ ދެލައްކަ ބޭރު މީހުން އުޅެން ފެށީމައި ދިވެހި ސަގާފަތައް އަންނާނެ ބަދަލާއި އިޖުތިމާޔަތައް ކުރާނެ އަސަރު އަދި ދިވެހި ތާރީހު ކިލަނބުވެގެން ދާނެ މިންވަރު ވަޒަންކުރަން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ހއ. އިން ފެށިގެން ސ. އަތޮޅާއި ހަމައަށް ހިންގާފައި ހުރި ކޮންމެ މަޝްރޫއަކީ ދިވެހީން ހިންގާފައިވާ މަޝްރޫއުތަކެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެހެންކަމުން ފުށިދިއްގަރު ފަޅުގެ 500 ހެކްޓަރު ބިން ދިވެހީންނަށް ތަރައްގީ ނުކުރެވޭނެއޭ ބުނެ ބޭރުގެ ޒަޔަނިސްޓުންނަށް ދެނީ އެންމެ ކަމެއް ހާސިލުކުރަން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ހަމަ އެންމެ ކަމެއް ހާސިލުކުރަން އެއީ އަޅުގަނޑުމެންގެ ގައުމު ވިއްކާލާފައި އަޅުގަނޑުމެންގެ ގައުމިއްޔަތު ވިއްކާލާފައި ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި މި ދުނިޔޭގެ އެދުމާއި ހެދި ކުރާ ކަމެއް އެއީ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހީންގެ ރާއްޖެއޭ ވިދާޅުވެފައި، ހ ގެ ތިރީގައި ވެސް އީބީފިލި ޖަހައިގެން އިނގޭތޯ ހ. ގެ ތިރީގައި އީބީފިލި ޖަހައިގެން ދިވެހީންގެ ރާއްޖެ ކިޔައިގެން ވަޑައިގަތީއަލީ ހުސެއިން
ނަމަވެސް މިއަދު ފެނިގެން ދަނީ ގައުމީއްޔަތުގެ ކޮންމެ ރުކުނަކަށް ހަމަލާ ދެމުންދާ މަންޒަރު ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި ދިވެހި ގައުމިއްޔަތުގައި ހިމެނޭ އެންމެ ފުރަތަމަ ރުކުނަކީ ދިވެހި ބިންކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ ދިވެހި ބިމުގައި ޒަމާނުއްސުރެ އޮތީ ދިވެހިންގެ މިލްކުވެރިކަން ކަމަށެވެ. އެހެންކަމުން ދިވެހި ބިން ބޭރުގެ ފަރާތްތަކާއި ހާއްސަކޮށް ޒަޔަނިސްޓުންނާއި ގާތް ފަރާތްތަކަށް ދިވެހި ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކޮށްގެން ދެއްވަނީ ދިވެހި ގައުމިއްޔަތަށް ވަރަށް ބޮޑު ހަމަލާއެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަކީ ދެވަނަ ރުކުން ކަމަށް ވާއިރު ދިވެހީންނަށް ރަސްމާލެ ތަރައްގީ ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ކުރައްވަމުން ގެންދަވަނީ މަލާމަތް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.











