މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!
3 ނޮވެމްބަރު 2026 | އަންގާރަ 04:10ރާއްޖޭގެ ޓަރޝަރީ ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އައު ބޯޑެއް އެކުލަވާލައި، އެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ޑރ. އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވައިފި. މި ބޯޑުގެ ދަށުން މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ކަންކަން ވިލަރެސްކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްސަ ސެކްރެޓެރީއެއް


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށް، ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ)ގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފަ އެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ)ގެ ގަވަރނިންގ ބޯޑާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސް އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ކަންކަން ބެލެހެއްޓުމަށްޓަކައި ހާއްސަ ގަވަރނިންގ ބޯޑެއް އެކުލަވާލައި، އެ ބޯޑަށް މެންބަރުން ވެސް ވަނީ އައްޔަންކޮށްފަ އެވެ. މި ބޯޑަކީ ރާއްޖޭގެ މައި ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކޮށް، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އުފައްދާފައިވާ ބޯޑެކެވެ.
މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސިއްހީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ޑރ. އަބްދުލްއަޒީޒު ޔޫސުފު އެވެ. ބޯޑުގެ ވައިސް ޗެއަރޕަރސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ހަލީމް އެވެ.
މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އާއި ޑެޕިއުޓީ ސީއީއޯ ޑރ. އިބްރާހީމް ޔާސިރު އަހުމަދު އެވެ. މީގެ އިތުރުން، ޕްރައިމަރީ ހެލްތްކެއަރ ދާއިރާގެ ތަޖުރިބާކާރު ނަޔާޒު އަހުމަދު އާއި ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރު ޑރ. މަރްޔަމް ޖެނިފާ އަދި ނަރސިންގ ދާއިރާގެ ތަޖުރިބާކާރު ފާތިމަތު އާފިޔާ ވަހީދު ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން މި ބޯޑުގައި ތަމްސީލުކުރައްވަނީ ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމަށްވާ މޫސާ ކަލީމް ގާސިމް އާއި ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މަބްރޫކްގެ އިތުރުން އެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމަށްވާ އާލިމް ޝަކީލް އެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން އަލްއުސްތާޛާ ތަސްލީމާ އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ފަރާތުން އާދަމް ބަދުރުﷲ ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.
އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ތަންތަނުގެ ސީއީއޯއިން ވެސް ވަނީ މި ބޯޑުގައި ހިމަނާފަ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ހުސައިން އާސިފް، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު އަޝްރަފް، ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލްހަންނާން އަބްދުއްރަހީމް އަދި ފުވައްމުލަކު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ ފަތުހުﷲ ނަސީމް ހިމެނިވަޑައިގަންނަވަ އެވެ.
މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، މޯލްޑިވިއަން ބްލަޑް ސަރވިސަސް، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލު ހިމެނެ އެވެ.











