ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
4 ނޮވެމްބަރު 2026 | ބުދަ 04:17ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ސަލާންޖަހަން ނުޖެހޭ ފުދުންތެރި އިގުތިސާދެއް ބިނާކުރުން މުހިންމު ކަމަށް. މިގޮތުން ދަރަނީގެ އަޅުވެތިކަމުން މިންޖުވެ، އަންނަން އޮތް ޖީލުތަކަށް އަމާން ރާއްޖެއެއް ވާރުތަކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވި


ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކޮށް، އިގުތިސާދީ މިނިވަންކަން ގާއިމުކުރަންޖެހޭ: ރައީސް މުއިއްޒު | ރައީސް އޮފީސް
ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ޤައުމު ސަލާމަތްކޮށް، އިގުތިސާދީ މިނިވަންކަން ގާއިމުކުރަންޖެހޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރުކުރައްވަމުންނެވެ.
ޖުމްހޫރީ މައިދާނުގައި އޮތް ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީޚު ދުށް ހުރިހާ ޝަހީދުން ވެސް ޚިޔާރުކުރެއްވީ ދިވެހި ވަޠަން ކަމަށާއި، އިސްކަން ދެއްވީ ޤައުމާއި ވަތަނުގެ މިނިވަންކަމާއި ހަމަޖެހުމާއި އަމާންކަން، އަދި މުސްތަޤުބަލުގެ ތަރައްޤީއާއި ކުރިއެރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ތާރީޚުން ފެންނަން ހުރި އިބުރަތްތެރި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޕޯޗުގީޒުންނާއި މަލާބާރީންގެ ހަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ އަޑީގައި ވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޤައުމަށް ޣައްދާރުވުމުގެ ނަތީޖާ އަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމުގައި ހަނދާންކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަންކަމުގަ އެވެ.
ނޮވެންބަރު ތިނެއްގެ ނުރައްކާތެރި އުދުވާނީ ހަމަލާއަށް ފަހު، 38 އަހަރު ފާއިތުވެދިޔައިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާކަން ފާހަގަކުރައްވާ، އެ ކުދީންނަށްޓަކައި އަދާކުރާންޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވާކަން ވެސް އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ. މިކަންކަމުގެ ބިންގާ ގޮސް ގުޅެނީ ޤައުމުގެ މިނިވަންކަމާއި، އިގުތިސާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލުގެ ދެމި އޮތުމުގެ ކަށަވަރުކަމާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިގުތިސާދީ މިނިވަންކަން ޤާއިމުވެފައި އޮތުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ޤައުމެއްގެ އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤުތިޞާދަކަށް ފުރާނައެޅުވިގެންކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.
ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ޤައުމެއްގެ ހަޤީޤީ ސިޔާދަތު ކަށަވަރުކުރެވެނީ ސަލާންޖަހަން ނުޖެހޭ ފުދުންތެރި އިގުތިސާދެއް ބިނާކުރެވިގެންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާކަމާއި، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާކަމުގެ ޔަޤީންކަން އަރުވަމުން، ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ވެސް އެމަނިކުފާނުގެ ތަޤުރީރުގައި ހާމަކުރެއްވި އެވެ.
ޤައުމިއްޔަތާއި މިނިވަންކަމާ ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރު ވާނޭ ގޮތަށް ޤައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާފަދަ، އިންޤިލާބީ ބަދަލުތަކާ ކުރިމަތިލާން ޖެހިފައި އޮތްކަން ފާހާގަކުރައްވައި، ޤައުމުގެ އެތެރޭގެ ތަރައްޤީއަށް ދައުލަތުގައި ފުދުންތެރިކަން ގާއިމުކޮށް، ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދެއްވައިގެން، ތަހުޒީބު ދިވެހިރާއްޖެއެއް ބިނާކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުއިއްޒު، ރައްޔިތުންނަށް ދެއްވި އެވެ.
ޤައުމީ ވިސްނުން ހުރި ޒުވާނުންތަކެއް ބިނާކުރުމަށް ފަށާފައިވާ ވަތަނީ ޚިދުމަތުގެ މަސައްކަތުގެ ދަށުން، ހާހަކަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެ، އެތައް ޒުވާނުންނެއް ވަޒީފާގެ މައިދާނަށް ނުކުމެފައިވާކަން ފާހަގަކުރައްވާ، އަންނަން އޮތް ޖީލުތަކަށް އުފާވެރި ރައްކާތެރި ދިވެހިރާއްޖެއެއް ވާރުތަކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.
ތަޤުރީރު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ، ދިވެހި ޤައުމީ ބަހާތަކަށް ދިރުން ގެނެސް، ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަމާއި މިނިވަންކަން ހިމާޔަތްކުރަން ކަމުގަ އެވެ. އަދި ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޤައުމީ އިޚްލާސްތެރިކަމާއި ޖަމާއަތުގެ ބާއްޖަވެރިކަން ނެރެ، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި އުފާވެރި މުސްތަޤުބަލަކަށް އަމާޒު ހިފުމަށް މުޅި ޤައުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.











