ގޮތްހުސްވެ ފޯޅަވަހިކާޑު ހުކުމަކަށް
1 ނޮވެމްބަރު 2026 | އާދީއްތަ 12:28ފޯޅަވަހީގެ މައްސަލައިގައި މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވީ ވައުދުތަކާ އެއްގޮތަށް އަމަލުނުކޮށް، އެކި ފަހަރު އެކި ރާގަށް ދަނީ ވާހަކަދައްކަމުން. އަދި ރަސްމާލެ މަޝްރޫއާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތައް އޮޅުވާލުމަށްޓަކައި، ފޯޅަވަހީގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ


ރައީސް މުއިއްޒު ވިދާޅުވީ ފޯޅަވަހި ލިބުން އެންމެ ހައްޤުކަން ބޮޑީ ދިވެހިންނަށް ކަމުގައި | ރައީސް އޮފީސް
ވިއްކާލީ އެވެ. ދިވެހިންގެ މަސްކަނޑު ވިއްކާލީ އެވެ. ދިވެހި މަސްވެރިން މަސް ބާނަ ބާނާ ތިއްބަ އެވެ. ދިވެހިންގެ ބިމުން ބޮޑުބައެއް ވިއްކާލީ އެވެ. ދިވެހި މިލްކުވެރިކަން ދޫކޮށްލާ ބަޔަކަށް ވިއްކާލީ އެވެ.
ނިންމާލީކީ ނޫނެވެ. ގޮވާ ނެގި އެވެ. ހޯދާނަމެވެ. އަލުން އަނބުރާ އަތުލާނަމެވެ. ވިއްކާލި މައްސަލަ ވެސް ބަލާނަމޭ ބުންޏެވެ. އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން ދިނެވެ.
މިއީ އެއް އިރެއްގައި އެންމެ ބާރަށް ބަޔަކު ދެއްކި ވާހަކަތަކެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ފެށިގެންނެވެ. ވަރަށް ގައުމީ ރޫހުގަ އެވެ. ދިވެހި ވަންތަ ޖޯޝުގަ އެވެ. ބަހުން ޖިހާދުކުރާފަދަ މޭރުމަކުންނެވެ.
ތިޔަ ހީވީ ރަނގަޅަށެވެ. މިއަދު ވެރިކަމުގައި ތިބި މީހުންނެވެ. ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކުގެ ތެރޭގަ އެވެ. މީހުންގެ ތާއީދު ހޯދުމަށެވެ. އޭރު އޮތް ސަރުކާރާމެދު ރައްޔިތުން ނުރުހުން ކުރުވުމަށެވެ. އެ ސަރުކާރަށް ނޫނެކޭ ބުނެ އެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ދެއްކި އެއް ހުއްޖަތުގެ ގޮތުގަ އެވެ.
ވެރިކަން ބަދަލުވެއްޖެ އެވެ. ކަންކުރާން އައި މީހުން ބޭނުންވި ބާރު ލިބިއްޖެ އެވެ. އެކަމަށް މަދުވި ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކުރިތާ 3 އަހަރާ ކައިރި ކުރަނީ އެވެ. ރައްޔިތުންނަށް ހޯދައިދޭން ބުނި ކަނޑުގެ ވާހަކަ އޮބިއްޖެވެ. ފޯޅަވަހީގެ ވާހަކަ އެފުށް މިފުށަށް ޖެހިއްޖެ އެވެ. މިހާރު މުޅި ރާގު ވެސް ބަދަލުކޮށްލައިފި އެވެ. ދެވަނަ ދެމީހެއް ނޫނެވެ. ސީދާ އެކަން ކުރާން ވެރިކަމަށް ވަޑައިގެންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. އެންމެ ގަދައަށް އެވާހަކަ ދެއްކެވި ޑރ. މުހައްމަދު މުއިއްޒު އެވެ.
ވެރިކަމަށް އައުމަށް ދެއްކި ވާހަކަ ރައްޔިތުން ދައްކާން ފެށީމާ މުއިއްޒު އެކިއިރު ވިދާޅުވީ އެކި ވާހަކަފުޅެވެ. މަސައްކަތް ކުރިއަށްދާ ވާހަކަފުޅެވެ. ސިޓީބިޓީ ފޮނުއްވި ވާހަކަފުޅެވެ. މަޝްހޫރު ޤާނޫނީ ވަކީލުން ނަންގަވައިގެން އެކަން ބާރަށް ކުރިއަށްގެންދަވާ ވާހަކަފުޅެވެ. ހީވީ ދެންމެ ދެންމެ އަނބުރާ ދިވެހިންނަށް ދިވެހިންގެ މަސްކަނޑާއި ދިވެހި ބިން ލިބެނީ ކަމަށެވެ.
ވާހަކަތައް ގިނަވިހާ ބާރަށް އަނެއްކާ ވެސް މަޑުވެލަ އެވެ. ވައި ހިނދޭހެން އެ ވާހަކަ ދެއްކުން މަދުވެގެންދެ އެވެ.
އެ ބުނާ ވިއްކާލި ބައި ހޯދަން އައި ސަރުކާރަށް 3 އަހަރުވާން މަހަކަށްވުރެ މަދުވީ އެވެ. ދުވަހެއް ދުވަހަކަށް ދައްކަމުން އައި ވާހަކަތަކުގެ ރާގު ބަދަލުވެއްޖެ އެވެ.
މުއިއްޒު ވިދާޅުވެފައިވަނީ ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމީ "އެއްވެސް ޝައްކެއް ވެސް އޮތް ކަމެއް ނޫން،" ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ، އެތަނަކީ ކުރީ ޒަމާނުގައި ދިވެހި ރައްޔިތުންގެ ތަނެއް ކަމަށާއި، "ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނިފައި އޮތް ތަނެއްކަން "އެއީ ފެންނާން އޮތް ހަޤީޤަތެއް" ކަމަށެވެ.
އެއް އިރެއްގައި ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ. ފޯޅަވަހީގެ މައްސަލައިގައި ބައިނަލްއަގްވާމީ މާހިރުން އައްޔަނުކުރެވި އެ މައްސަލައާ ގުޅޭ ގޮތުން އެ ފަރާތްތަކާ މަޝްވަރާކުރެވުމުންދާ ކަމުގަ އެވެ.
އެހެން ނަމަވެސް އެ މައްސަލައިގައި ކުރިއަށްދާނެ ގޮތުގެ ޓައިމްލައިނެއް އެނގޭނީ އެ ފަރާތްތަކާ އެކު ކުރިއަށްގެންދެވޭ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.
ބަންޑާރަނައިބު އޮފީހުން އިތުރަށް ބުނެފައިވަނީ، އެ މަޝްވަރާތަކަށް ފަހު އެ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު އެ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ވެއްދޭނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާކަމަށް އެއްބަސްވި އެވެ.
ރާއްޖޭގެ ތަނެއް ހޯދަން ރާއްޖެއިން ކޯޓަށް ވައްދާނުލެވިގެން އުޅެނިކޮށް، މުއިއްޒު އަށް ވެސް ފޮނުވާ ލެއްވުނީ އިނގިރޭސި ސަރުކާރަށް ސިޓީއެކެވެ. ވާހަކަ ދައްކާލަން އައިސް ބަލާށޭ ގޮވަގޮވާ ވެސް އިޖާބަ ނުދިނީމަ އެވެ. އެ ވެރިން އަޅާނުލީމަ އެވެ.
އެކަމަކު ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް އެފަރާތުން ދިން ޖަވާބު ހާމަކުރަން ހެދީ ދެކޮޅެވެ. ހާމަކުރާކަށް ނުކެރުނެވެ. ބޮޑު ސިއްރަކަށް ހަދާފައި ފޮރުވީ އެވެ.
ދިވެހިންގެ ބިން ދިވެހިންނަށް ހޯދައި ނުދީ އަނެއްކާ ވެސް މުއިއްޒު ދެއްކެވީ މުޅިން ތަފާތު ވާހަކައެކެވެ. ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ކުރީ ޒަމާނުއްސުރެ ދިވެހިންގެ ތަނެއް ގޮތުގައި އޮތް ފޯޅަވަހި އެއްވެސް ބަޔަކަށް ދޭނަމަ އެންމެ ހައްގީ ރާއްޖެއަށް ދިނުން ކަމަށެވެ. ނަމަވެސް، މިހާރު އޮތް ގޮތަށް އެ ތަން ބޭއްވުން އެއީ މައްސަލައެއް ނޫންކަމަށެވެ. ތްރީ ސިކްސްޓީ ޑިގްރީ އަޅާފައި ވާހަކަ ބަދަލުކޮށްލެއްވީ އެވެ. ނުއަތަށް އަނބުރާލެއްވީ އެވެ.
އެގޮތުގައި އޮވެ އެ ވާހަކައިގެ ވައި ހިނދެމުން ހިނދެމުންގޮސް އެއްކޮށް ވެސް އެއަޑު ކެނޑުނީ އެވެ. ފޯޅަވަހި ހޯދަން އައި ސަރުކާރަށް އެތަން ނުހޯދި ތިން އަހަރުވާން މަހަކަށްވުރެ ކުޑަތަންވެފައި ހުއްޓާ ދެން އެދިމާވީ މާބޮޑު ކަމަކާ އެވެ. ހަގީގަތުގައި ވެސް ދިވެހިންގެ ބިމެއް ޒައިނިސްޓު ޔަހޫދީން ދިރިއުޅެން ބޭރު މީހަކަށް މިލްކުކޮށްދެނީ އެވެ. ނަމުން 99 އަހަރަށް ޖަހާފައި ތާ އަބަދަށެވެ. މިވާހަކަ ގަނޑުގައި ރައްޔިތުން ލޭ ކެކިއްޖެ އެވެ. ގައުމު ތެޅިގެންފި އެވެ. ދެނެކާ ދެނެއް ނެތެވެ. އަނެއްކާ ވެސް މުއިއްޒު އެ ނެންގެވީ އެއްކަލަ ކާޑެވެ. ފޯޅަވަހި ކާޑު އެނެގީ ހުކުމަކަށެވެ. ރަސްމާލޭގެ އަޑު ކަނޑުވާލަން އެހެދީ ފޯޅަވަހި މައްސަލައިގައި ބަޔަކަށް ފިޔަވަޅު އަޅަން ބޮޑު ރިޔާސީ ކޮމިޝަނެކެވެ. ކުރިން ކުރަމުން އައި ހުރިހާ ކަމެއް މަންސޫޚްވީ އެވެ. އައު ފެށުމަކުން ފަސައި އެ ވާހަކަ ނަގައިގެން ދައްކާން ފެށީ އެވެ. މިފަހަރު އެހެން އަޑެއް ކަނޑުވާލާށެވެ. ރަސްމާލެ ވާހަކަ ދައްކާ މީހުން މައިތިރި ކުރުވާށެވެ. އިދިކޮޅު މައި ޕާޓީއާއި ދެންތިބި ރަސްމާލެއާ ދެކޮޅު މީހުންނަށް ބިރު ދެއްކުމަށެވެ. ގޮތް ހުސްވެ ފޯޅަވަހި ކާޑު އެނެންގެވީ ހުކުމަކަށެވެ.









