މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި: ފައްޔާޒް
3 ނޮވެމްބަރު 2026 | އަންގާރަ 07:34ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ގައުމުގެ މިނިވަންކަމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެފައި. މި ކަންބޮޑުވުންތައް އަމާޒުކުރެއްވީ ރަސްމާލެއިން ބޭރު ކުންފުންޏަކަށް ބޮޑު ބިމެއް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ގައުމުގެ ސިޔާދަތަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު އޮތުމުން


އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް | ސޯޝަލް މީޑިއާ
ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ ދިވެހިރާއްޖޭގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ މި އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރަމުން މިދަނީ ހައްސާސް ދަނޑިވަޅެއްގައި ކަމަށެވެ.
އަދި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ ދިވެހިރާއްޖޭގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. މި ދަނޑިވަޅުގައި މި އާކުރަނީ ދިވެހި ފަސްގަނޑުގެ ދިފާއުގައި 1988 ވަނަ އަހަރު ހިތްވަރާއެކު ނުކުމެވަޑައިގެންނެވި ބަތޮލުން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން، މި ގައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވި އެންމެންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ފައްޔާޒް ވަނީ ދުއާ ދަންނަވާފަ އެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން "އީގަލް ހިލްސް" ނަމަކަށް ކިޔާ ކުންފުންޏަކަށް ދޭން ދިވެހި ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކުން ވަޒަންވެރިވެ އެފަރާތްތަކުގެ ބާރު ދިވެހީންނަށް ވުރެ ބޮޑު ވެދާނެ ކަމުގެ ބިރު އޮތުމުން ސިޔާސީ ފަރާތްތަކުންނާއި އާންމު ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.










