ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!
3 ނޮވެމްބަރު 2026 | އަންގާރަ 08:33ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ގައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް އިންވެސްޓްމަންޓަކަށް ފުރުސަތު ނުދިނުމަށް ސަރުކާރަށް ގޮވާލައްވާފައި. އަދި ރަސްމާލެ ފަދަ މަޝްރޫއުތަކުގެ މައުލޫމާތު ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށާއި، ކޮންމެ ނިންމުމެއްގައިވެސް ރައްޔިތުންގެ އަޑުއަހައި ގައުމީ މަސްލަހަތު އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ސަން
ދިވެހިރާއްޖޭގެ 38 ވަނަ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ނެރުއްވި ޚިތާބެއްގައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ފައިސަލް ނަސީމް ވިދާޅުވީ އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެދުމާ ޚިލާފަށް ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ނަޞްރުގެ ދުވަހުގެ ޚިތާބު ފައްޓަވަމުން ފައިސަލް ވަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އިސްލާމްދީނާއި ގައުމުގެ ސިޔާދަތުގެ ހައްގުގައި ޝަހީދުވި ޝަހީދު ހުސައިން އާދަމާއި، އެދުވަހު ޝަހީދުވި 19 ދިވެހި ދަރިންގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރައްވާފަ އެވެ. އަދި އެ ނާމާން ދުވަހު ބާޣީންގެ ފަރާތުން ކުރިމަތިވި ބިރުވެރިކަމާއި، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ސިފައިންގެއަށް ބަޑިޖަހަމުން ދިޔައިރު އެކަން ތަހައްމަލުކުރި ދިވެހި ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމަށް އެމަނިކުފާނު ވަނީ ސާބަސް ދެއްވާފަ އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ނޮވެމްބަރު ތިނެއްގެ ހާދިސާއިން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ ދިވެހިންގެ ހިތްތަކުގައި ގައުމީ ލޯތްބާއި ހުއްބުލްވަތަންގެ ރޫހު އޮތް މިންވަރެވެ. މިއަދުވެސް ދިވެހި ދަރިންގެ ހަށިތަކުގައި ޖަހަމުންދަނީ އެ ގައުމީ ވިންދު ކަމަށާއި، އެ ވިންދުން ބުނެދެނީ ކޮންމެ މީހަކުވެސް ގައުމަށް ތެދުވެރިވެ، އަމާނާތްތެރިވުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މި ބިން ބޭރުގެ ނުފޫޒެއްގެ ދަށަށް ދިޔަ ނުދިނުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއްކަން ޚިތާބުގައި ހަނދާންކޮށްދެއްވާފައިވެ އެވެ.
ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ ނައިބްރައީސް ވަނީ، ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގައުމަށް ފައިދާހުރި އިންވެސްޓްމަންޓްތަކެއް ނަމަ، އެކަންކަން ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ހާމަކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދު ކުރާ ކަމެއްގެ ނަތީޖާ މާދަމާ އިދިކީލިކޮށް ނުކުމެދާނެތީ އެއީ އޮތް ބޮޑު ބިރެއްގެ ގޮތުގައި ފައިސަލް ސިފަކުރެއްވި އެވެ.
މީގެ އިތުރުން، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި، ރައްޔިތުންގެ އަޑުއަހައި އެމީހުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިހުތިރާމް ކުރަންޖެހޭނެ ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ. ރާއްޖޭގެ ކުރިމަގު ބައްޓަންކުރަންވާނީ އަންނަން އޮތް ޒުވާން ޖީލަށް ފުރުސަތުތައް ފަހިވާނެ ގޮތަކަށް ކަމަށްވެސް އެމަނިކުފާނުގެ ޚިތާބުގައި ބަޔާންކުރައްވާފައިވެ އެވެ.











