ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި
1 ނޮވެމްބަރު 2026 | އާދީއްތަ 18:00ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ހިލޭ ދިނުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފު، ރައްޔިތުންގެ ފައިސާއަށް ވެވޭ ޚިޔާނާތެއް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައި. މި މުއާމަލާތާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ރައްޔިތުން ހޭލުންތެރިކޮށް ސީދާ ހަރަކާތަށް ނުކުތުމަށްޓަކައި އެ ޕާޓީން މިހާރު ވަނީ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައި


އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގެ ތެރެއިން | ރާއްޖެއެމްވީ
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެ މަޝްރޫއާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައި، އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
މި ގަރާރު ފާސްކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރެއިން 56 މެންބަރުން އަޣުލަބިއްޔަތުންނެވެ.
ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒް ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި މި ގަރާރުގައި ބަޔާންކޮށްފައިވަނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް، ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު 21 ސެޕްޓެމްބަރު 2026 ގައި ކޮމާޝަލް ޓާމްސް އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް ދޭން ނިންމާފައިވަނީ އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި ބިން ދޫކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް ކުއްޔެއް ނުހިނގާ ގޮތަށް ކަމަށް ވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެންނެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތަށް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް، މި ބިމުން ބޮޑު ސަރަހައްދެއް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއާ މެދު ވެވޭ ޚިޔާނާތެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ކުންފުނި ހޮވާފައިވަނީ ގާނޫނީ އުސޫލުތަކުގެ ބޭރުން ކަމަށް ބެލެވޭ ސަބަބުތައް ގަރާރުގައި ތަފުސީލުކޮށްދީފައިވެ އެވެ.
އެގޮތުން ބިޑުކުރުމުގެ ދައުވަތަކާ ނުލައި ދައުލަތުގެ މުދަލަކާ ގުޅޭ މުއާމަލާތެއް ނުވަތަ މަޝްރޫއެއް ހިންގުން ހުއްދަވަނީ ވަރަށް އިސްތިސްނާ ހާލަތްތަކެއްގައި ކަމަށާއި، އަންސޮލިސިޓަޑް ޕްރޮޕޯޒަލް ނުވަތަ ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޕޯޒަލްތަކާ ގުޅިގެން މަޝްރޫއު ހަވާލުކުރެވޭނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން މިފަދަ މަޝްރޫއުތައް ހަވާލުކުރުމުގައި ހަދަންޖެހޭ އެސެސްމަންޓުތަކުން ދެނެގަންނަންޖެހޭ މުހިންމު ކަންކަން ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ ތެރޭގައި މަޝްރޫއާ ސަރުކާރުން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ހުރި ގުޅުމާއި، ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުވާ މިންވަރާއި މަޝްރޫއުގެ ސަބަބުން މުޖުތަމައަށް ކުރާނެ އަސަރާއި ރައްޔިތުންނަށް ކުރާނެ ފައިދާ އާއި އެފަދަ މަޝްރޫއަކަށް މުޖުތަމައު ބޭނުންވެފައިވާ މިންވަރާއި މަޝްރޫއުން މުޅި ގައުމުގެ ކުރިއެރުމަށް ލިބޭނެ ފައިދާއާއި މަންފާ އަދި މި އުސޫލުގެ ދަށުން އެއްބަސްވުމަކަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ ސްކޯޕުގައި ހިމެނޭ ކަންކަމުގެ މައުލޫމާތު އާންމުކުރުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުން ސަރުކާރަށް ލާޒިމުކުރާ ކަމެއް ނަމަވެސް، އީގަލް ހިލްސް ހޮވި އުސޫލާއި، އެ ކުންފުނިން އަންސޮލިސިޓަޑް ޕްރޮޕޯޒަލެއް ހުށަހެޅިނަމަ އޭގެ ދާއިރާގައި ހިމެނޭ ކަންކަން އާންމުކޮށްފައި ނުވާކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އެހެންކަމުން މިއީ ގާނޫނީ އުސޫލުތައް ފުރިހަމަނުކޮށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ހަމައެއާއެކު، މި މަޝްރޫއުން އަޕްފްރަންޓް މާލީ މަންފާއެއް ނުލިބުނަސް ދިގު މުއްދަތުގައި ރާއްޖެއަށް ފައިދާވާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ ހިސާބުކޮށްފައިވާ ގޮތް އެނގެން ނެތް ކަމަށާއި، މިއަށްވުރެ ފައިދާ ބޮޑު ގޮތެއްގައި މި މަޝްރޫއު ހިންގައިދޭނެ އެހެން އިންވެސްޓަރުން ލިބެން ތިބިތޯ ބަލާފައިވާކަން އެނގެން ނެތުމުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
މި ކަންކަމާ ގުޅިގެން، ރަސްމާލެ މަޝްރޫއާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފަ އެވެ. އަދި މިކަންކަން މިގޮތަށް ގެންދާކަން ކަށަވަރުކުރުމަށްޓަކައި އެ ޕާޓީން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމާއި އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުން މެދުވެރިކޮށް، މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމާއި އީގަލް ހިލްސްއާ އެކު އޮތް މުއާމަލާތުގެ ނުރައްކާތަކާމެދު އެމްޑީޕީ އިސްވެ އޮވެ، ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރާވައި ހިންގުމާއި މިކަންކަމަށް ސަރުކާރުން އިޖާބަ ނުދޭނަމަ، އެމްޑީޕީ އިސްވެ އޮވެ ސީދާ ހަރަކާތަށް ނިކުތުމުގެ އިތުރުން މިކަމާ ގުޅިގެން ރާވާ ހުރިހާ ހަރަކާތްތަކާ ގުޅެން އެދޭ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.











