ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތި ރަސްމާލެ މަޝްރޫއުގައި ސޮއިކޮށްފި ނަމަ އެމްޑީޕީގެ ސަރުކާރެއްގައި އެއްބަސްވުން ބާތިލު ކުރާނަން، ބަދަލު ނުލިބޭނެ ކަމަށް އީގަލް ހިލްސް އަށް ވެސް އަންގާނަން: ފައްޔާޒް
1 ނޮވެމްބަރު 2026 | އާދީއްތަ 08:02ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ބިދޭސީންނަށް މިލްކުވެރިކަން ލިބޭ ގޮތަށް އެޕާޓްމަންޓް ވިއްކުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ. ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތި މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފި ނަމަ، އެމްޑީޕީގެ ސަރުކާރެއްގައި އެއްވެސް ބަދަލަކާ ނުލައި އެ އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައި


ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް | ސޯޝަލް މީޑިއާ
ދިވެހި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެއް ނެތި ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ނިންމައިފި ނަމަ، އެމްޑީޕީގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލު ކުރާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫޙުން ގެނަސްދިން އިންޓަރވިއު އެއްގައި ފައްޔާޒް ވަނީ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ މަޝްރޫއުގެ ދަށުން 99 އަހަރަށް ބިން ދޫކުރުމާއި، އެތަން ބައިބައިކޮށް އެޕާޓްމަންޓު ހަދައިގެން އެތައް ހާސް ބޭރު މީހުންނަށް ވަކިވަކިން އެތަން ވިއްކަމުންދާ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މި އެއްބަސްވުން ކުރިއަށް ގެންގޮސްފި ނަމަ އެމީހުން މިތާ ދިރިއުޅެމުން ދާއިރު، މަޑުމަޑުން މި ބިމުގައި އުފެދޭނީ އެމީހުންގެ ހައްގުތަކެއް ކަމަށް ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ދުނިޔޭގެ ގައުމުތަކަށް ނިސްބަތްވާ އެތައް ބަޔަކު މި ގައުމުގައި ތިބޭއިރު އެމީހުންގެ ހައްގުތަކެއް މިތަނަށް ވެއޭ ބުނެ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ މައްޗަށް އެކަން މަޖުބޫރު ކުރަން ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދޮ އެ މީހުންގެ ދީން އެ މީހުންނަށް މިގައުމުގައި ޕްރެކްޓިސް ކުރެވެން ޖެހޭނެ ކަމަށް ބުނެ އެކަމަށް މަޖުބޫރު ކުރަން ވެސް ފަސޭހަ ވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިހާރު އެ ބުނާ ގޮތަށް އެކަން ވެއްޖެ ނަމަ އެއީ ޔަގީނުން ވެސް ވާނެ ކަމެއް. އެހެންވީމާ އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް ކަމަކީ އެކަންތައް. އަޅުގަނޑުމެން ދެކޮޅު ހަދާ ކަމަކީ ވެސް އެކަންތައް. އަޅުގަނޑު މި ދަންނަވަނީ އެކަން ކުރާ ކަމަށް ވަންޏާ، ދިވެހި ސިޓިޒަންޝިޕް ދީގެން ކުރި ކަމަށް ވިޔަސް އަދި ނުދީ މިގޮތަށް ބޭރު ބަޔަކަށް ދާއިމަށް މި ބިން ދޫކުރެވޭ ގޮތަށް ވިޔަސް އަޅުގަނޑު އެކަމަކަށް ގަބޫލެއް ނޫން. ސިޓިޒަންޝިޕް ދީގެން އަޅުގަނޑު ގަބޫލު. މުސްލިމް ދިވެހި ރައްޔިތެއް ގޮތަށް ސިޓިޒަންޝިޕް ދީގެން ވެއްޖެޔާ އަޅުގަނޑުގެ މައްސަލައެއް ނެތްފައްޔާޒް އިސްމާއީލް
ފައްޔާޒް ވިދާޅުވީ އެހެން ނަމަވެސް މުސްލިމް ނޫން ދިވެހި ރައްޔިތަކަށް ނުވާ މީހަކަށް އެ ބިމުގެ މައްޗަށް ހައްގުތަކެއް އުފަން ވުމަކީ އޮޓޮމަން އެމްޕަޔަރުގެ ދަށުގައި ފަލަސްތީނު އޮތް އިރު ޒަޔަނިސްޓު އޯގަނައިޒޭޝަންތަކުން ބިންތައް ގަންނަން ފަށައި، މަޑުމަޑުން 200 އަހަރުވިއިރު މިއަދު އެކަން ބޮޑު މައްސަލައަކަށްވެ އެމީހުންނަށް އެ ބިމަށް ހައްގުތަކެއް ލިބިފައިވާ ފަދައިން ކަންކަން ހިނގައިދާނެ ކަމެއް ކަމަށެވެ.
މިފަދަ ކަމެއް ކުރާއިރު ރައްޔިތުންނަށް ހުރިހާ އެއްޗެއް ކިޔައިދީ އޮޅުން ފިލުވައިދޭން ޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އަދި މިކަމުގައި ރައްޔިތުން ބޭނުންވަނީ ކިހިނެއް ތޯ ބަލައި، ރައްޔިތުންގެ އަޑު އަހަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެހެންވީމާ އަޅުގަނޑު ވަރަށް ސާފު ކޮށް މި ދަންނަވަނީ އިކުއިޒިޝަން ކޯސްޓެއް ނެތި ކޮންމެ ވައްތަރަކަށް ޕްރޮޖެކްޓު ކުރިއަށް ގެންދާކަށް އަޅުގަނޑު ގަބޫލެއް ނޫން. ބިމަށް ދާއިމީ ގޮތުގައި ހައްގުތަކެއް އުފެދޭ ގޮތަށް ބިދޭސީ ބަޔަކަށް އެތަނުގެ މައްޗަށް ހައްގުތަކެއް އުފެދޭ ގޮތަކަށް ދޭން އަޅުގަނޑު ގަބޫލެއް ނޫން. މިކަން ކުރާނަމަ ރައީސް މުއިއްޒު އެބަ ޖެހޭ ރައްޔިތުން ގާތު އަހަން. ދިވެހި ރައްޔިތުން ބޭނުންވަނީ ކިހިނެއް ތޯ އަދި މިކަމަށް ޑިބޭޓް ކުރުމުގެ ފުރުސަތު ހުޅުވާލަން އެބަ ޖެހޭ. މިކަމުގެ ކަންބޮޑުވުން ހުރި މީހުންނަށް އެކަންބޮޑުވުމުގެ ވާހަކަ ދެއްކޭނެ ގޮތެއް ހޯދެން ޖެހޭފައްޔާޒް އިސްމާއީލް
ފައްޔާޒް ވިދާޅުވީ މިހުރިހާ ކަމެއް ކުރުމަށްފަހުގައި ނޫނީ ގާނޫނު އަސާސީ އަށް ބަދަލެއް ގެނަސްގެން ނުވާނެ ކަމަށެވެ. އަދި މިކަން ކުރިއަށް ވެސް ގެންގޮސްގެން ނުވާނެ ކަމަށެވެ. އެފަދަ ގޮތަކަށް ރައްޔިތުންގެ ބަހެއް ނުހޯދާ އެކަން ކޮށްފި ކަމަށް ވާނަމަ އެމްޑީޕީގެ ސަރުކާރެއްގައި އެއްބަސްވުން ބާތިލު ކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އަދި މިކަން އީގަލް ހިލްސް އަށް ވެސް އަންގާނެ ކަމަށާ އެއްވެސް މަގުބޫލުކަމެއް ނެތް ސަރުކާރަކުން ކުރާ ކަމެއްގައި، އަދި ރައްޔިތުންގެ ނިންމުން އެނގި ތިބެ އެކަމުގައި ބައިވެރިވެއްޖެ ނަމަ ބަދަލު ނުދޭނެ ކަން ވެސް އަންގާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.











