ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް
2 ނޮވެމްބަރު 2026 | ހޯމަ 04:01ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދިނުމަށް ނިންމާފައިވާ މުއާމަލާތާ ގުޅިގެން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ވަނީ ގަރާރެއް ފާސްކޮށްފައި. ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ބޭރުގެ ކުންފުންޏަކަށް މި ބިންތައް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއަށް ވެވޭ ހިޔާނާތެއް ކަމަށް އެ ޕާޓީން ތުހުމަތުކުރޭ


ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް | ރާއްޖެއެމްވީ
ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ މައްސަލައިގައި މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނުވަތަ ރެފަރެންޑަމް އަކަށް ނުގޮސްފި ނަމަ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި އެކަމާމެދު ރައްޔިތުން ދެކޭ ގޮތެއް މި ސަރުކާރުން އަހަން ޖެހޭ ކަމަށެވެ. ސިޓީ އެއް ދެބައި ކުރަން ވެގެން ރެފަރެންޑަމް އެއް ނެގި އިރު، މިފަދަ ބޮޑު ކަމެއްގައި ރައްޔިތުންގެ ޚިޔާލު ނުހޯދާ ކުރިއަށް ގޮސްގެން ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރެފަރެންޑަމް ނުބާއްވާ ކަމަށް ވަންޏާ، މި މަހުގެ 15 އާ ހަމަށް ރެފަރެންޑަމް ނުބާއްވާ ކަމަށް ވަންޏާ މިކަމައިގެން އެމްޑީޕީ އިން އުޅޭ ބޭފުޅުންނަށް ދަންނަވާލަން 17 ނޮވެމްބަރާ ހިސާބަށް ކޮންމެ ރެއަކު އެމީހަކު ހުރިތާކުން މަގުތައް ފުރާލަން. އަޅުގަނޑުމެން މިކަމާ އިހުތިޖާޖު ކުރަން ޖެހޭނެ. ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުން މާލެ އަށް އަރައި މިކަމުގައި ރެފަރެންޑަމް އަކަށް އަޅުގަނޑުމެން ގޮވަން ޖެހޭނެ. ރައްޔިތުންގެ ބަސް މިކަމުގައި ލިބެން ޖެހޭނެފައްޔާޒު އިސްމާއީލް
މި ބައްދަލުވުމުގައި އެ ޕާޓީ އިން ވަނީ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރަމުންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެ މަޝްރޫއާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
މި ގަރާރުގައި ބަޔާންކޮށްފައިވަނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް، ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު 21 ސެޕްޓެމްބަރު 2026 ގައި ކޮމާޝަލް ޓާމްސް އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް ދޭން ނިންމާފައިވަނީ އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި ބިން ދޫކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް ކުއްޔެއް ނުހިނގާ ގޮތަށް ކަމަށް ވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެންނެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތަށް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް، މި ބިމުން ބޮޑު ސަރަހައްދެއް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއާ މެދު ވެވޭ ޚިޔާނާތެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ކުންފުނި ހޮވާފައިވަނީ ގާނޫނީ އުސޫލުތަކުގެ ބޭރުން ކަމަށް ބެލެވޭ ސަބަބުތައް ގަރާރުގައި ތަފުސީލުކޮށްދީފައިވެ އެވެ.











