ބެންގަލޫރުގެ ކޮންރެޑް ހޮޓަލުގެ ޕޫލުގައި ކަރަންޓުގައި ޖެހި ދެ ފަތުރުވެރިން މަރުވެއްޖެ
1 ނޮވެމްބަރު 2026 | އާދީއްތަ 14:48އިންޑިއާގެ ބެންގަލޫރުގައި ހުންނަ ފަސްތަރީގެ މަޝްހޫރު ކޮންރެޑް ހޮޓަލުގެ ފަތާ ފެންގަނޑަށް ކަރަންޓު އައިސް، ބޭރުގެ ދެ ފަތުރުވެރިއަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެއްޖެ


އިންޑިއާގެ ބެންގަލޫރުގައި ހުންނަ ފަސްތަރީގެ މަޝްހޫރު ކޮންރެޑް ހޮޓަލުގެ ފަތާ ފެންގަނޑަށް ކަރަންޓު އައިސް، ބޭރުގެ ދެ ފަތުރުވެރިއަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވި | އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސް
އިންޑިއާގެ ބެންގަލޫރުގައި ހުންނަ ފަސްތަރީގެ މަޝްހޫރު ކޮންރެޑް ހޮޓަލުގެ ފަތާ ފެންގަނޑަށް ކަރަންޓު އައިސް، ބޭރުގެ ދެ ފަތުރުވެރިއަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ވިޔަފާރި ބަންދު ހަފުތާއާ ދިމާކޮށް ހުކުރު ދުވަހުގެ ހަވީރު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ޖަރުމަނުވިލާތުގެ ރައްޔިތެއް ކަމަށްވާ އެލެކްސެންޑާ މެކްސިމިލިއަން ތައިސް (57އ) އާއި ސްލޮވާކިއާގެ ރައްޔިތެއް ކަމަށްވާ ޔުރާޖް ހޯވަޓް (45އ) އެވެ. މަރުވި ޖަރުމަނު މީހާއަކީ ލުފްތަންސާ އެއާލައިންސްގެ ކުރޫއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އަދި ސްލޮވާކިއާ މީހާއަކީ މަޝްހޫރު އައިބީއެމް ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރެކެވެ.
މި ހާދިސާގައި ކަރަންޓު ޖެހިގެން ހާލުގައި އުޅުނު މީހުން ސަލާމަތްކުރުމަށް ފެންގަނޑަށް ފުންމާލި އެމެރިކާގެ ރައްޔިތެއް ކަމަށްވާ މެތިއު ޑިސާންޓިސް (41އ) އަށާއި އެ ހޮޓަލުގެ ޕޫލް އެޓެންޑެންޓެއް ކަމަށްވާ ރާހުލް ތިވާރީ (28އ) އަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
މަނިޕާލް ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ޖަރުމަނުވިލާތުގެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ. އަދި ސްލޮވާކިއާގެ ފަތުރުވެރިޔާ ސަލާމަތްކުރުމަށް ސީޕީއާރު ދީގެން ޑޮކްޓަރުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އޭނާ މަރުވީ ފަރުވާދެމުން ދަނިކޮށެވެ. އަނިޔާވި ދެ މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެ މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ 24 ފަންގިފިލާގެ އެ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ހުންނަ ސުވިމިން ޕޫލުގަ އެވެ. މަރުވި ޖަރުމަނު މީހާގެ އަނބިމީހާ ފުލުހުންނަށް ހުށަހެޅި ބަޔާނުގައި ބުނެފައިވަނީ، މި ހާދިސާ ހިނގަން މެދުވެރިވީ ފެންގަނޑުން ބޭރަށް އަރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށެވެ. ފުލުހުން މިހާރު ވަނީ މި މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް، ހޮޓަލުގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ފަށާފަ އެވެ.
ހިލްޓަން ގްރޫޕުގެ ދަށުން ހިންގާ މި ލަގްޒަރީ ހޮޓަލުން ނެރުނު ބަޔާނެއްގައި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަފާޅުކޮށް، ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން، މަރާމާތުގެ މަސައްކަތްތަކަކަށް ކަމަށް ބުނެ އެ ހޮޓަލުގެ ޕޫލު މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން، ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ލަގްޒަރީ ހޮޓާތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.











