ޔަމަނު ސިފައިން އަލް-ޖައުފު ފަރުބަދަތައް ހިފައި، ހޫޘީންނާ ދެކޮޅަށް އަސްކަރީ ކުރިއެރުންތަކެއް ހޯދައިފި
1 ނޮވެމްބަރު 2026 | އާދީއްތަ 02:48ޔަމަނުގެ އަލް-ޖައުފު ޕްރޮވިންސުގެ އިސްތިރާޖީ ގޮތުން މުހިންމު ފަރުބަދަތަކެއް ހޫޘީންގެ އަތުން ސަރުކާރު ސިފައިން މިނިވަންކޮށް، އެ ސަރަހައްދުގެ ސަޕްލައި މަގުތައް ބަންދުކޮށްފި. ވައިގެ ހަމަލާތަކުގެ އެހީތެރިކަމާއެކު ހިންގި މި އޮޕަރޭޝަނުގައި ހޫޘީންގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރުވެ، އަސްކަރީ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ސައުދީ ކޯލިޝަނުގެ އެހީގައި ސަރުކާރު ފައުޖުތަކުން މިހާރު ދަނީ ތަޢިއްޒު ފަދަ އެހެން ސަރަހައްދުތަކުގައި ވެސް ހޫޘީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުން


ޔަމަނުގެ އަލް-ޙަޒްމުގައި ތިބި ހޫޘީ ހަނގުރާމަވެރިންގެ މަގާމުތަކަށް ޔަމަނުގެ ސަރުކާރު ސިފައިން އަސްކަރީ ޓޭންކެއް ބޭނުން ކޮށްގެން ހަމަލާ ދެނީ | ރޮއިޓަރސް
ޔަމަނުގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ އަލް-ޖައުފުގެ އިސްތިރާޖީ ގޮތުން މުހިންމު ފަރުބަދަމަތީ ސަރަހައްދެއް، ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު އެ ޤައުމުގެ އަސްކަރިއްޔާއިން މިނިވަން ކޮށްފައިވާ ކަމަށް އަސްކަރީ ކޮމާންޑަރަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
ޙުވައިޝިޔާން ފަރުބަދަތައް ހިފުމާއި އަސްކަރީ ކުރިއެރުން
އަލް-ޖައުފުގައި ހަރަކާތްތެރިވާ ސަރުކާރުގެ އަސްކަރީ ފީލްޑް ކޮމާންޑަރެއް ކަމަށްވާ ކާނަލް ރަބީޢު އަލް-ޤުރަޝީ ވިދާޅުވީ، އެ ޕްރޮވިންސުގެ ވެރިރަށް އަލް-ޙަޒްމުގެ އިރުމަތީގައި އޮންނަ މުޅި ޙުވައިޝިޔާން ފަރުބަދަމަތީ ސަރަހައްދު ސަރުކާރުގެ ފައުޖުތަކުން މިހާރު ފުރިހަމައަށް ކޮންޓުރޯލުކޮށް، ސަލާމަތްކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ލަޝްކަރަށް މި ކުރިއެރުން ލިބުނީ ހޫޘީންނާ ދެމެދު ހިނގި ވަރުގަދަ ހަނގުރާމައަކަށް ފަހު ކަމަށާއި، މި ހަރަކާތްތަކަށް އަސްކަރީ މަތިންދާބޯޓުތަކުގެ އެހީތެރިކަން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. މިއާއެކު، ވައިގެ ހަމަލާތަކުގައި ހޫޘީންގެ ގިނަ އަދަދެއްގެ އަސްކަރީ އުޅަނދެއް ހަލާކުކޮށްލާފައިވާ ކަމަށާއި، އަސްކަރީ އޮޕަރޭޝަން އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދިވެސް ހޫޘީންގެ ބާރުގެ ދަށުގައި އޮތް އަލް-ޙަޒްމު ސިޓީ ދިފާޢުކުރުމަށް އޮތް އެންމެ ފުރަތަމަ ދިފާޢީ ފާރަކީ މި ފަރުބަދަތައް ކަމުގައި ވެސް އަލް-ޤުރަޝީ ބަޔާންކުރެއްވި އެވެ.
މި އުސް ބިންތައް ސަރުކާރުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެނައުމަކީ އެ ޕްރޮވިންސުގައި ހޫޘީން ބޭނުންކުރާ ސަޕްލައި މަގުތަކަށް ހުރަސްއެޅުމުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. ހަމަމިއާއެކު، މި ފަރުބަދަތަކަކީ އަލް-ޙަޒްމު ކައިރީގައި ހުރި ހޫޘީންގެ މުހިންމު އަސްކަރީ މަރުކަޒުތައް ސީދާ ފެންނަ ގޮތަށް އޮތް އިސްތިރާޖީ އުސް ބިންތަކެކެވެ. ސަރުކާރުގެ ސިފައިން ހުކުރު ދުވަހު ހިނގި ކުރިމަތިލުންތަކުގައި މި ފަރުބަދަމަތީގެ ބައެއް ސަރަހައްދުތައް ހިފުމަށްފަހު، މުޅި ސަރަހައްދު އެއްކޮށް ކޮންޓުރޯލުގެ ދަށަށް ގެނައީ ހޮނިހިރު ދުވަހު އެވެ.
އިސްތިރާޖީ ގޮތުން އަލް-ޖައުފުގެ މުހިންމުކަން
އަލްޖައުފަކީ ސައުދީ އަރަބިއްޔާގެ ބޯޑަރާ އިންވެގެން އޮތުމުގެ އިތުރުން، ހޫޘީންގެ ފުރިހަމަ ކޮންޓުރޯލު އޮންނަ ޞަޢުދާ، ޢަމްރާން އަދި ވެރިރަށް ޞަންޢާއާ ކައިރީގައި އޮންނަ ޕްރޮވިންސަކަށް ވުމުން، އަސްކަރީ ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ. މީގެއިތުރުން، ސަރުކާރުގެ ކޮންޓުރޯލުގެ ދަށުގައިވާ ތެޔޮ އުފައްދާ މުހިންމު ދެ ޕްރޮވިންސް ކަމަށްވާ ޙަޟްރަމައުތާއި މައުރިބާ ވެސް އަލް-ޖައުފުގެ ބޯޑަރު ގުޅިފައިވެ އެވެ.
މި ވަގުތު އަލް-ޖައުފުގެ ކޮންޓުރޯލު އޮތީ ދެ ފަރާތުގެ މެދުގައި ބެހިފަ އެވެ. އަލް-ޙަޒްމާއި އެހެނިހެން ބައެއް ސަރަހައްދުތައް ހޫޘީން ހިފަހައްޓަމުންދާއިރު، ޕްރޮވިންސުގެ އަނެއްބައި ސަރަހައްދުތައް ކޮންޓުރޯލު ކުރަނީ ސަރުކާރުގެ ފައުޖުތަކުންނެވެ. އަދި، އިސްތިރާޖީ ގޮތުން މުހިންމު މަގާމުތައް ހިފުމަށް ދެ ފަރާތުގެ ދެމެދުގައި އަދިވެސް ދަނީ ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންނެވެ.
ވަރުގަދަ ވައިގެ ހަމަލާތަކާއި ފުޅާވަމުންދާ ހަނގުރާމަ
މި ކުރިމަތިލުންތަކުގެ އިތުރުން، ފާއިތުވި 48 ވަރަކާށް ގަޑިއިރުގެ ތެރޭގައި ހޫޘީންނާ ދެކޮޅަށް 1,119 ހަމަލާ ދީފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ. އަދި، މި ހަމަލާތަކުގައި ހޫޘީންގެ 427 ހަނގުރާމަވެރިން މަރާލައި، އަސްކަރީ 142 އުޅަނދާއި އިކުއިޕްމަންޓް އަދި ދަތުރުފަތުރުކުރާ ވަސީލަތްތައް ހަލާކުކޮށްލާފައިވާ ނުވަތަ ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް ވެސް އަސްކަރިއްޔާއިން ދަޢުވާކުރެ އެވެ.
އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ވަރުގަދަ ހަމަލާތަކަކީ އަލް-ޖައުފު ޕްރޮވިންސުގެ އެކި ފްރަންޓްލައިންތަކުގައި ހުރި މުހިންމު މަގާމުތަކާއި އުސް ސަރަހައްދުތައް ހިފައި، އަސްކަރީ ޔުނިޓުތަކަށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، މި ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ހަމަލާތައް ދީފައިވަނީ ސީދާ ކޮން މުއްދަތެއްގެ ތެރޭގައި ކަން އެ ބަޔާނުގައި ސާފުކޮށް ހާމަކޮށްފައެއް ނުވެ އެވެ.
މި ދަނޑިވަޅުގައި، ޔަމަނުގެ ހުޅަނގުދެކުނުގައި އޮންނަ ތަޢިއްޒު ޕްރޮވިންސުގައި ވެސް ހަނގުރާމަ ވަރުގަދައަށް ކުރިއަށްދާ ކަމަށް އަސްކަރިއްޔާއިން ރިޕޯޓުކޮށްފައިވެ އެވެ. އެ ސަރަހައްދުގައި 'ޕޮޕިއުލާ ރެސިސްޓެންސް' ގެ އެހީތެރިކަމާއެކު ސަރުކާރުގެ ސިފައިން ވަނީ، ވައިގެ މަގުންނާއި އާޓިލަރީ ބަޑީގެ ހަމަލާތަކާއެކު ހޫޘީންގެ މައި މަރުކަޒުތަކާއި އެ ސަރަހައްދަށް ޖަމާވަމުންދިޔަ އިތުރު ސިފައިންނާއި އަސްކަރީ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.
ސައުދީ އިސްވެ އޮންނަ ކޯލިޝަނުގެ ވާގިވެރިކަމާއެކު ސަރުކާރަށް ތާޢީދުކުރާ ފައުޖުތަކުން ތަޢިއްޒާއި އެހެނިހެން ޕްރޮވިންސްތަކުގައި ހުރި ހޫޘީންގެ މަރުކަޒުތަކަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކުރަން ފެށުމާއެކު، ފާއިތުވި ހަފުތާތަކުގައި ކުރިމަތިލުންތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މި ފަދައިން ހަމަނުޖެހުންތައް ފުޅާވެގެން ގޮސްފައި ވަނީ، ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު އަނެއްކާވެސް ޢަދާވާތްތެރިކަން އުފެދި، ޔަމަނުގެ އެކި ސަރަހައްދުތަކަށާއި މުޅި ސަރަހައްދަށް އަމާޒުކޮށް ދެ ފަރާތުން ވެސް އަސްކަރީ ހަމަލާތަކާއި އޮޕަރޭޝަންތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











