އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!
24 އޮކްޓޯބަރު 2026 | ހޮނިހިރު 07:31ޗައިނާއާއި އުތުރު ކޮރެޔާ ގުޅުވައިދޭ އާ ބުރިޖު ހުޅުވުމާއެކު، ދެ ޤައުމުގެ އިގުތިސާދީ އަދި ސިޔާސީ ގުޅުން ވަރުގަދަވަމުންދާ ކަން ވަނީ ހާމަވެފައި. މި ބަދަލުތައް އައިސްފައި މި ވަނީ އެމެރިކާއާއެކު އޮތް މަޝްވަރާތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައި، ސަރަހައްދީ ވިޔަފާރި އާލާކުރުމަށް ދެ ޤައުމުން އިސްކަންދޭން ފަށާފައިވާތީ. މީގެ އިތުރުން، އަންނަ މަހު ޗައިނާގައި ބާއްވާ އޭޕެކް ސަމިޓަށް އެމެރިކާގެ ރައީސް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ


އުތުރު ކޮރެޔާގެ ވެރިރަށް ޕްޔޮންގޔަންގގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޤައުމުގެ ލީޑަރު ކިމް ޖޮންގ އުން ވާހަކަދައްކަނީ | ރޮއިޓަރސް
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އަލަށް ހުޅުވި ބުރިޖެއް ހުރަސްކޮށް އަވައްޓެރި ޗައިނާގެ ދަންދޮންގ ސިޓީއަށް ގޮސްފި އެވެ. ކިމް ޗައިނާއަށް ކުރި މި ދަތުރާ ގުޅޭގޮތުން ދެކުނު ކޮރެޔާގެ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ އެ ޤައުމުގެ ޔޮންހަޕް ނޫސް އޭޖެންސީން ހޮނިހިރު ދުވަހު ރިޕޯޓުކުރީ، ދެ ޤައުމުގެ ދެމެދުގައި އަލަށް ބިނާކުރި މުހިންމު ބުރިޖު ހުރަސްކޮށް އޭނާ ދަންދޮންގަށް ގޮސްފައިވާ ކަމަށެވެ.
މި ދަތުރާ ގުޅިގެން ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށް ދެކުނު ކޮރެޔާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ. ހަމަމިއާއެކު، މި ކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މީޑިއާތަކުން ސުވާލު ކުރުމުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ޗައިނާއާއި އުތުރު ކޮރެޔާއާ ދެމެދު އެންމެ ބޮޑު އެއްގަމު ބޯޑަރު ހުރަހުގެ ގޮތުގައި ބެލެވޭ ދަންދޮންގގެ މި ބުރިޖު ދެ ޤައުމުން ރަސްމީކޮށް ހުޅުވާލީ މި މަހުގެ ތެރޭގަ އެވެ. މި ބޯޑަރު ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ދެ ޤައުމުގެ ގުޅުން ގޯސްވެފައި އޮތް އަހަރުތަކަކަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދަތުރުފަތުރަށާއި ސަރަހައްދީ ހަރަކާތްތަކަށް ކުރިމަތިވި ހުރަސްތަކަށް ފަހު، ވިޔަފާރިއާއި އިގުތިސާދީ މުއާމަލާތްތައް އަލުން އާލާކޮށް ކުރިއެރުވުމެވެ.
ކިމް އެންމެ ފަހުން ޗައިނާއަށް ގޮސްފައި ވަނީ 2025 ސެޕްޓެންބަރުގަ އެވެ. އެއީ، ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ގުޅިގެން ޗައިނާއިން ފާހަގަކުރި 80 ވަނަ ވިކްޓްރީ ޑޭ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބެއިޖިންގއަށް ކުރި ދަތުރެކެވެ. އެ ދަތުރުގައި ކިމް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު މަތީ ފަންތީގެ ސަމިޓެއް ބާއްވާފަ އެވެ. ދެ ޤައުމުގެ ގުޅުން ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއްގެ ގޮތުން ޝީ ވެސް ވަނީ ޖޫން މަހު އުތުރު ކޮރެޔާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ.
މި ދަތުރުފުޅު ކުރައްވާފައި މި ވަނީ އުތުރު ކޮރެޔާއާއެކު މެދުކެނޑިފައިވާ ވާހަކަތައް އަލުން ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ބޭނުންފުޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި ޓްރަމްޕާއި ކިމް ބައްދަލުވެވަޑައިގަތުމުގެ ފުރުސަތު ހަނިވަމުންދާ ކަމަށް އެމެރިކާއާއި ދެކުނު ކޮރެޔާގެ އޮފިޝަލުން ދެކެ އެވެ. މިއާއެކު، އަންނަ މަހު ޗައިނާގެ ޝެންޜެންގައި ބާއްވާ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ފޯރަމްގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓްރަމްޕް އެ ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
މަސްދަރު: ރޮއިޓަރސް











